ކާންޔޭ ވެސްޓްގެ ޓްވިޓާ އެކަައުންޓް އަނބުރާ ދިން ތާ ދެ މަސް ފަހުން އަނެއްކާ ވެސް ކުންފުނީގެ އުސޫލާ ހިލާފުވުމުން އެކައުންޓް ސަސްޕެންޑްކޮށްފި އެވެ.
ބިލިއަނަރު އެލޮން މަސްކް ޓްވިޓާ ގަތީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ. އޭގެ ފަހުން އޭނާ ވަނީ ރެޕް ލަވަކިޔުންތެރިޔާ ކާންޔޭ ވެސްޓްގެ އެކައުންޓް އަނބުރާ ދީފަ އެވެ.
"އަހަރެންނަށް ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްދިނިން. އެކަމަކު ހަމަނުޖެހުމާ ދެކޮޅަށް ކުންފުނިން ގެންގުޅޭ އުސޫލާ އަނެއްކާވެސް ހިލާފުވެއްޖެ. އެކައުންޓް ސަސްޕެންޑް ކުރެވޭނެ،" މަސްކް ޓްވިޓާގައި ބުންޏެވެ.
ތިރީސް މިލިއަނަށް ވުރެ ގިނަ މީހުން ކާންޔޭ ވެސްޓްގެ ޓްވިޓާ އެކައުންޓް ފޮލޯކުރެ އެވެ. އެކައުންޓް އަލުން ސަސްޕެންޑް ކުރުމުން އޭނާ ވަކި އެއްޗެއް ނުބުނެ އެވެ.
އޭނާގެ އެކައުންޓްގައި މިހާރު ފެންނަން ހުރި ނޯޓިސްއެއްގައި ބުނަނީ އެކައުންޓް ސަސްޕެންޑްކޮށްފައިވާ ކަމަށެވެ. އޭގެ ކުރިން އޭނާ ވަނީ "ސްވާސްޓިކާ" ނިޝާން ޓްވީޓްކޮށްފަ އެވެ.

"ސްވާސްޓިކާ" އަކީ ޒަމާންވީ ދީނީ އަދި ސަގާފީ ނިޝާނެއް ނަމަވެސް އެ ނިޝާން އެންމެ ބޮޑަށް ގުޅިފައި ވަނީ ޖަރުމަނުގެ ހިޓްލަރުގެ ނާޒީ ޕާޓީއާ އެވެ.
މީގެ ކުރިން ޓްވިޓާ އާއި އިންސްޓަގްރާމްއިން ކާންޔޭ ވެސްޓްގެ އެކައުންޓް ސަސްޕެންޑް ކުރީ ޔަހޫދީންނާ ދެކޮޅު ވާހަކަ ފަތުރާ ކަމަށް ބުނެ އެވެ.
ކާންޔޭ ވެސްޓަކީ ނަފުސާނީ ގިނަ މައްސަލަތަކެއް ދިމާވެ، މީގެ އަހަރުތަކެއް ކުރިން ބައިޕޯލާ ޑިސްއޯޑާ ހުރި މީހެކެވެ.
އޭނާގެ ކެރިއަރުގައި މީހުންގެ ފާޑުކިޔުން އަމާޒުވާ ވަރަށް ގިނަ ކަންކަން ކޮށްފައި އެބަ ހުއްޓެވެ. އެކަމަކު ފަހަކަށް އައިސް އެކަންކަން އިތުރުވެ، އޭނާގެ ވިޔަފާރިތަކަށް އަސަރު ކުރުމުގެ ނުރައްކާ އެބަ އޮތެވެ.










