ހުޅުމާލޭ ފަޅުގެ އެންމެ އުތުރުގައި ތަރައްގީކުރާ "އާބަން އައިލް" އާ އެކު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ޓޫރިޒަމްގެ އިންގިލާބީ މަޝްރޫއެއް އިއުލާނުކޮށްފި އެވެ.
ޖުމްލަ 23 ހެކްޓަރުގެ މި ރަށް ވެގެންދާނީ ރާއްޖޭގެ އިގުތިސާދީ މައި ހަބު އަދި ރަސްމީ ވައިގެ ބަނދަރާއި ގުޅިފައިވާ ރަށެއް ކަމުން އާބަން އައިލް ވެެގެންދާނީ ކުރު އަދި ދިގު މުއްދަތުގެ ސްޓޭތަކަށް ވެސް އެކަށޭނަ މަންޒިލަކަށެވެ.
އެގޮތުން, ޗުއްޓީ ހޭދަކުރުމަށް އަންނަ ފަތުރުވެރިންގެ އިތުރުން، ކުރު މުއްދަތަކަށް ނުވަތަ ޓްރާންސިޓްކޮން މަޑުކުރާ ފަތުރުވެރިންނަށާއި، ވިޔަފާރި ކަންކަމު އަންނަ ފަތުރުވެރިން، އަދި، ޑިޖިޓަލް ނޮމެޑްސް ފަދަ ދިގު މުއްދަތަކަށް މަޑުކުރަން ބޭނުންވާ ފަރާތްތަކަށްވެސް ބޭނުންވާ ފަދަ އެކޮމޮޑެޝަންތައް މި ރަށުން ލިބިގެންދާނެ އެވެ.
އާބަން އައިލް ގައި އަޅާ އެކޮމޮޑޭޝަންތަކުގެ ތެރޭގައި ލަގްޒަރީ ވިލާ، ސާވިސް އެޕާޓްމަންޓް، ސިޓީ ހޮޓެލް، މިޑްސްކޭލް އަދި އަޕްސްކޭލް ހޮޓެލް އާއި ގެސްޓް ހައުސްތަކުގެ އިތުރުން ބްރޭންޑަޑް ރީޓެއިލް އަދި މަތީ ފަންތީގެ ރެސްޓޯރަންޓްތައްވެސް ގާއިމުކުރެވޭނެ ކަމަށް އެޗްޑީސީއިން ބުނެ އެވެ.
މިފަދަ ގިނަ ބާވަތްތަކުގެ ޑިވެލޮޕްމަންޓުތައް އެއް ރަށެއްގައި އެކުލެވިގެންދިއުމަކީ ރާއްޖޭގެ އަދި ބޭރުގެ ވިޔަފާރިވެރިންނަށް އިންވެސްޓް ކުރުމަށް ރަނުގެ ފުރުސަތަކަށް ވެގެންދާނެ ކަމަށް އެޗްޑީސީއިން ބުނެ އެވެ. އިންވެސްޓަރުންނަށް ލުއި ގޮތްތަކެއް ހޯދައިދިނުމުގެ ގޮތުން ލީސް މޮޑެލް، އަދި ޖޮއިންޓް-ވެންޗާ މޮޑެލްގެ އިތުރުން އެހެނިހެން މޮޑެލް ތަކަށްވެސް ޕްރޮޕޯސަލް ހުށަހެޅޭނެ ކަމަށް އެޗްޑީސީއިން ބުނެ އެވެ.
"ފަތުރުވެރި ކަމުގެ އިންޓަގްރޭޓަޑް މި ޕްރޮޖެކްޓުގެ އަމަލީ މަސައްކަތްތައް ހިނގައިގަތުމުން މުޅި ދިވެހި އިގުތިސޯދަށް އަދި ހާއްސަކޮށް މާލޭ ސަރަހައްދަށް ސީދާ ގޮތުންނާ ނުސީދާގޮތުން އެތަކެއް މަންފާއެއް ލިބިގެންދާނެ" އެޗްޑީސީއިން ބުނެފައިވެ އެވެ.
ވަކިން ހާއްސަކޮށް އާބަން އައިލް އަކީ މާލެ، ހުޅުމާލެ، އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ސީދާ ގުޅިފައިވާ ރަށެއް ކަމުން މިއީ އިންވެސްޓަރުންނަށް ގިނަގުނަ މަންފާ ލިބިގެންދާނެ އެއް ޑިވެލޮޕްމަންޓް ކަމުގައި އެޗްޑީސީއިން ދެކެ އެވެ.
އޭގެ އިތުރުން އެޗްޑީސީއިން ހާމަކުރި މައުލޫމާތުގައި ބުނެފައިވާ ގޮތުން އާބަން އައިލް ތަރައްގީކުރުމުގައި ތިމާވެއްޓާ ރައްޓެހި ގޮތަކަށް ޕްރޮޖެކްޓު ހިންގުމަށް އެ ކުންފުނިން ވަނީ ވަރަށް ބޮޑު އިސްކަމެއް ދީފަ އެވެ.
އެޗްޑީސީއިން ބުނި ގޮތުގައި މި ބިޔަ ޕްރޮޖެކްޓު ވެގެންދާނީ ރާއްޖޭގެ އިގްތިސާދަށް އިންގިލާބީ ޕްރޮޖެކްޓަކަށެވެ. އެގޮތުން، ސީދާ އަދި ނުސީދާ ގޮތުން ގިނަ ދާއިރާތަކަށް ފައިދާވެ ގިނަ ވަޒީފާތަކެއް އުފެދިގެން ދާނެ ކަމަށް ވަނީ ބުނެފަ އެވެ.










