ވޯލްޑުކަޕުގެ މެޗުތައް ކުރިއަށްދާ ވަގުތުތަކުގައި އުރީދޫ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް މާލޭގެ ދެ ކެފޭއަކުން ހިލޭ ކޮފީ ބޮވޭނެ އިންތިޒާމް އެ ކުންފުނިން ހަމަޖައްސައިފި އެވެ.
އުރީދޫއިން ބުނީ ހުޅުމާލޭގައި ހުންނަ ރިއޯ ބޯޗު ކެފޭ އާއި މާލޭގައި ހުންނަ ސީހައުސް މޯލްޑިވްސް އިން ވޯލްޑުކަޕުގެ މެޗުތައް ކުރިއަށްދާ ވަގުތުތަކުގައި އުރީދޫ އެޕުން، ކްލަބް ޕްރިމިއާ ކާޑު ދެއްކުމުން ހިލޭ ކޮފީ ބޮވޭނެ އިންތިޒާމު ހަމަޖެހޭނެ ކަމަށެވެ.

އުރީދޫ ކްލަބް ޕްރިމިއާގައި ހިމެނެނީ އެ ކުންފުނީގެ އެންމެ ވަފާދާރު ކަސްޓަމަރުންނެވެ. އެއީ އެ ކުންފުނީގެ ކަސްޓަމަރުންގެ ގޮތުގައި ހޭދަ ކުރާ މުއްދަތާއި ހިދުމަތް ބޭނުން ކުރާ މިންވަރަށް ބެލުމަށްފަހު، 1000ރ. އަށްވުރެ މަތީގެ ޕޯސްޓުޕެއިޑު ޕެކޭޖުތައް ގެންގުޅޭ ކަސަޓަމަރުންގެ ތެރެއިން މަހުން މަހަށް ގަވާއިދުން ބިލްތައް ދައްކަމުންދާ ކަސްޓަމަރުންނަށް އެކުންފުނިން ދޭ ހާއްސަ މެންބޝިޕެކެވެ. އެ މެންބަޝިޕުގެ ދަށުން ކްލަބް ޕްރިމިއާގެ މެންބަރުންނަށް ހާއްސަ އިނާޔަތްތަކެއް ލިބެ އެވެ.
ގަތަރުގައި މިހާރު ކުރިއަށްދާ ވޯލްޑުކަޕާ ގުޅުވައިގެން އުރީދޫއިން ގެންދަނީ ފުޓުބޯޅަ ފޯރީގެ ނަމުގައި ތަފާތު ހަރަކާތްތަކެއް މުޅި ރާއްޖޭގައި ހިންގަމުންނެވެ.
އެގޮތުން، ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފޭންޒޯނެއް ގާއިމުކޮށްފައިވާއިރު، މާލޭ ސަރަހައްދުގައި އެކަނިވެސް އެ ކުންފުނިން ވަނީ 14 ފޭން ޒޯން ގާއިމުކޮށްފަ އެވެ. އުރީދޫ މޯލްޑިވްސްއަކީ ގަތަރު ވޯލްޑް ކަޕް ރާއްޖެ ކަވަރޭޖުގެ ޓައިޓަލް ސްޕޮންސަރެވެ.










