މި ބަޔަކު ހައްޔަރުކުރީ ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުމުގެ ތުހުމަތުގަ އެވެ. އެއީ ޑިސެމްބަރު 8، 2020 ގައި، ކާރަކަށް އަރުވައިގެން ފަރީދީ މަގުން ދަނިކޮށް ފުލުހުން އަތުލައިގަތް 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގަ އެވެ. އެ މައްސަލައާ ގުޅިގެން އެ ދުވަހު ފުލުހުން 9 މީހަކު ހައްޔަރުކޮށް އެމީހުންގެ ވަނަވަރު އާންމުކުރި އެވެ. އޭގެ 69 ދުވަސް ފަހުން، ފެބްރުއަރީ 14، 2021 ގައި ދައުލަތުން އެ ނުވަ މީހުންގެ މައްޗަށް ދައުވާ އުފުލި އެވެ. ދައުލަތުން އެދިގެން ކޯޓުން އަމުރުކޮށްފައި އޮތީ އެ ނުވަ މީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށެވެ.
މަސްތުވާތަކެތީގެ ބޮޑު ކޮންމެ މައްސަލައެއްގައިވެސް ކަން ހިނގާ ގޮތަކީ އެއީ އެވެ. މި މައްސަލަ ތަފާތުވާ ސަބަބަކީ އެ ދުވަހު ހައްޔަރުކުރި ނުވަ މީހުންގެ ތެރެއިން ހަތް މީހެއްގެ މައްޗަށް ކުރާ ދައުވާތައް ނޮވެމްބަރު 7، 2022 ގައި ދައުލަތުން އަނބުރާ ގެނައުމެވެ. ދައުވާ އަނބުރާ ގެނައުމަށް ދައުލަތުން ހުށަހެޅި ސަބަބު އަދި މާ ތަފާތެވެ. ވިދާޅުވީ މައްސަލަ ސާބިތުކުރެވޭ މިންވަރަށް ހެކި ނެތްކަމަށެވެ.
ދައުވާ އުފުލީވެސް އެކަށީގެންވާ ހެކި ހުރިކަމަށް ދެކިގެން
މީހެއްގެ މައްޗަށް ދައުވާއެއް އުފުލާނީ ވެސް ކޯޓުގައި މައްސަލަ ސާބިތުކުރެވޭނޭ ހެކި ހުރި މިންވަރެއް ވަޒަންކުރުމަށް ފަހު އެވެ. މައްސަލައެއްގައި ދައުވާ ކުރުމަށް ޕީޖީ އޮފީހަށް މައްސަލަ ލިބުމުން ޕްރޮސެކިއުޓަރަކު އެ މައްސަލައެއް ދިރާސާކޮށް ގޮތެއް ނިންމާނެ އެވެ. އަދި އެ ނިންމާ ނިންމުން، އިތުރު ޕްރޮސެކިއުޓަރުންތަކެއް ރިވިއު ކުރާނެ އެވެ. އަދި ކޯޓަށް މައްސަލަ ދާނީ، އެ ހުރިހާ ނިންމުންތަކެއް ޕްރޮސެކިއުޓާ ޖެނެރަލް ބެއްލެވުމަށް ފަހު އެވެ.
މި މައްސަލަ ކޯޓަށް ދިޔައީ އެ ހުރިހާ އިޖުރާއަތުތަކެއް ކަނޑައްތުކޮށް، މިއީ ސާބިތުކުރެވޭ މިންވަރުގެ ހެކި ހުރި މައްސަލައެއްކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ފެނިވަޑައިގަތުމުންނެވެ. އެހެން ނޫންނަމަ 'އުންސުރު ހަމަނުވާ މައްސަލައެއްގައި ދައުވާކުރުމަކީ އަހުލާގީގޮތުން ހެޔޮވާނެކަމެއް ނޫން' ކަމަށް ދެކެވަޑައިގަންނަވާ ޕްރޮސިކިއުޓަރ ޖެނެރަލްއަކު ހުންނަވައިގެން މިމައްސަލައިގައި ދައުވާއެއް ނުކުރައްވާނެ އެވެ.
ވީމާ އުފެދޭ ސުވާލުތައް ގިނަގުނަ އެވެ. ދައުވާ އުފުލުމަށް ފަހު ހެކި ނެތް ކަމަށް ނިންމީ ކޮން ހަމައަކުން ހެއްޔެވެ؟ ދައުުވާ އުފުލީ ރަނގަޅަށް ހެކި ވަޒަން ނުކޮށް ހެއްޔެވެ؟ ފުރަތަމަ ހެކި ވަޒަން ކުރިއިރު މައްސަލައެއް އުޅެނީ ހެއްޔެވެ؟ ހެކި ނެތްނަމަ ދައުވާ ކުރީ ކީއްވެ ހެއްޔެވެ؟ ހެކި ނެތިގެން ދައުވާ ގެނައި އިރު އަހަރުތަކަކަށް ބަޔަކު ބަންދުގައި ތިބެން ޖެހުމަށް ޒިންމާ ވާނީ ކާކު ހެއްޔެވެ؟

އެންޓި ޓެރަރިޒަމް އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށްގެން ފުލުހުން ގެންދަނީ - ފޮޓޯ: ހުސައިން ޝަޔާހް / އަދަދު
ހެކި ހުރިކަމަށް ހައިކޯޓުގެ ނިންމުމެއް އޮތް
މި މައްސަލައިގެ ދައުވާގެ އިބްތިދާއީ މަރުހަލާގައި ދިފާއުން ހުށަހެޅި އެއް ހުށަހެޅުމަކީ މައްސަލައިގައި ހުށަހަޅާފައިވާ ހެކިތަކަކީ ދައުވާއަށް ބާރުދޭ ހެކިތަކަކަށް ނުވާތީ އެ ހެކިތައް ބަލައިނުގަތުމަށެވެ. އޭރު ދައުލަތުން ދިޔައީ އެ ހެކިތަކުން މައްސަލަ ސާބިތުކުރެވޭނޭ ކަމަށް ބުނަމުންނެވެ. ކްރިމިނަލް ކޯޓުން ނިންމެވީ އެ މައްސަލައިގައި ހުށަހަޅާފައިވާ ހެކިތަކުގެ ތެރެއިން 44 ހެއްކެއް ބަލައިނުގަތުމަށެވެ.
ކްރިމިނަލް ކޯޓުން އެ ނިންމުމަށް ދައުލަތުން ހައިކޯޓުގައި ޗެލެންޖުކުރި އެވެ. ހައިކޯޓުން މައްސަލަ ބެއްލެވުމަށްފަހު ނިންމެވީ، އެ ހެކިތަކަކީ އެ މައްސަލައިގައި ބަލައިގަންނަންޖެހޭ ހެކިތަކެއް ކަމުގަ އެވެ. ހައިކޯޓުގެ އެ ނިންމުން އައީ ޖޫން 13، 2022 ގަ އެވެ.
މައްސަލަ ސާބިތުކުރުމަށް އެކަށީގެންވާ މިންވަރަށް ހެކި ނެތްކަމަށް ވިދާޅުވެ، ދައުވާ އަނބުރާ ގެނައުމަށް ޕީޖީ ނިންމެވީ ހައިކޯޓުގެ މި ނިންމުންވެސް ދައުލަތާ އެއްކޮޅަށް އޮއްވަ އެވެ. ބަލައިގަންނަންޖެހޭ ކަމަށް ހައިކޯޓުން ބުނި 44 ހެއްކަކީ އެ މައްސަލަ ސާބިތުކުރުމަށް ހުށަހެޅިފައި ހުރި ހެކިތަކުގެ ތެރެއިން ބައެއް ހެކިތަކެވެ. އޭގެ އިތުރުންވެސް ކިތަންމެ ހެއްކެއް ދައުލަތުން ހުށަހެޅި އެވެ. އެހެންނަމަވެސް، ދައުވާ އަނބުރާ ގެންނަވަން ނިންމެވީ ސާބިތުވާ މިންވަރުގެ ހެކި ނެތުމުންކަމަށް ދައުލަތުން ބުންޏެވެ.

ހައި ކޯޓު - ފޮޓޯ: އަދަދު
ދައުވާއެއް އަނބުރާ ގެންނަން ޖެހިދާނެ ހާލަތްތަކެއް ހުރޭ
ކުރީގެ ޕްރޮސެކިއުޓަ ޖެނެރަލް، އަދި ގާނޫނީ ވަކީލު މުހުތާޒު މުހުސިން ވިދާޅުވީ ކިތާބީ ހެކިތަކަށް ވުރެ ޝަފައީ ހެކިވެރިންގެ ހެކިބަހަށް ބިނާކޮށްގެން ދައުވާ ކުރާ މައްސަލަތަކުގައި ފަހުން ދައުވާ އަނބުރާ ގެންނަން ޖެހިފައި އެބަ ހުއްޓެވެ.
"ދައުވާ ބިނާކޮށްފައި ހުރެދާނެ ސިއްރު ހެކިންނަށް، ދައުވާ ޕްލޭސްކުރާ ފަހުން، އެ ހެކިބަސް ނުދޭން އުޅެފާނެ، އެ ހާލަތުގައި ދައުވާ ސާބިތުކޮށްދެވޭ ވަރަށް ދެން ހެކި ނޯވެދާނެ، ދެން ޖެހޭނީ އަނބުރާ ގެންނަން،" މުހުތާޒު ވިދާޅުވި އެވެ.
އޭގެ އިތުރަށް، ފުރަތަމަ ހުރި ހެކިތަކުން ތުހުމަތުކުރެވޭ މީހަކަށް ދައުވާ ކުރަން ފެނިގެން ދައުވާ ކުރުމަށް ފަހު، ފަހުން އެ ކުށުގައި އޭނާ ބައިވެެރިނވާ ކަން ސާބިތުވާ ވަރުގެ ހެއްކެއް ލިބިގެން، ކުރިން ކުރި ދައުވާ އަނބުރާ ގެންނަން ޖެހޭ ގޮތް ވެސް ދިމާވާ ކަމަށް މުހުތާޒު ކިޔައިދެއްވި އެވެ.
"މިސާލަކަށް މީހެއް އަތުގައި އޮތް ޕާރުސަލެއް ތެރޭ ހުރީ މަސްތުވާތަކެތި، ދެން އެއްކުރި ހެކިތަކާއެކު އޭނަގެ މައްޗަށް ދައުވާ ކުރީ، އެކަމަކު ހަގީގަތަކީ އޭނައަކަށް ނޭނގެ އެތެރޭ ހުރި އެއްޗެއް، އޭނައަށް ޕާރުސަލް ދިނީ އެހެން މީހެއް، އެ ކަން އެނގޭ ވަރު ހެއްކެއް އައިމަ ދައުވާ ގެންދާނެ،" މުހުތާޒު ތަފްސީލްކޮށްދެއްވި އެވެ.
މުހުތާޒު ވިދާޅުވި ވާހަކައިގެ ހުލާސާއަކީ ހެކި ނެތިގެން ދައުވާ އަނބުރާ ގެންނައިރު، ދައުވާ އުފުލި ފަހުން ބަދަލުވި ހާލަތެއް، ފެންނަން އޮންނަންވާނެ ކަމެވެ. މި މައްސަލައިގައި އެފަދަ ހާލަތެއް ނެތެވެ.
"ދެ އަހަރު ދުވަހަށް ވުރެ ގިނަ ދުވަހު ބަންދުގަ ބަހައްޓާފަ، ޕީޖީ އޮފީހުން އަނބުރާ މައްސަލަ ނެގީ، އެކަމަކު އެންމެ ފުރަތަމަ ދުވަހު ވެސް ދައުވާ އަނބުރާ ގެންނަންވީ ހާލަތު އޮތް، އެންމެ ފުރަތަމަ ދުވަހު ވެސް ދިފާއުން ބުނަމުން އައި ވާހަކައެއް އެއީ، ދޯންޏަކުންނޭ ގެނައީ ބުނާއިރު ކޮބައިހޭ އެ ހެކި،" އެ މައްސަލާގައި ދިފާއީ ވަކީލަކަށް އުޅުއްވި އަބްދުﷲ ޝާއިރު ވިދާޅުވި އެވެ.

ތަހުގީގުގެ ބޭނުމަށް ކުށް ހިނގި ސަރަހައްދެއް ފުލުހުން ބަންދުކޮށްފައި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު
"ޕަބްލިކް ޕްރެޝާ" ބޮޑު؛ ހެކި ނެތި މީހެއްގެ މައްޗަށް ދައުވާކޮށްފާނެ؟
ޕްރޮސެކިއުޓަ ޖެނެެރަލަކީ ރައްޔިތުން އިންތިހާބު ކުރާ މަގާމަކަށް ނުވިއަސް އެ ފަރާތް ޖަވާބުދާރީވުމަށް އޮންނަނީ ރައްޔިތުން އިންތިހާބުކުރާ މެންބަރުންތަކެއްގެ މައްޗަށް އޮންނަ ރައްޔިތުންގެ މަޖިލީހަށެވެ.
މީގެ ކުރިން ޕީޖީ މަގާމުގައި ހުންނެވި ބޭފުޅުން މަގާމުން ދުރަށް ޖެހިވަޑައިގަތީ ވެސް މަޖިލީހުގެ އެތެރެއިން އިތުބާރު ނެތް މައްސަލަ ކުރިއަށް ގެންދަން އުޅެފައިވާ ދަނޑިވަޅުތަކުގަ އެވެ. އެއިން ދައްކުވައިދެނީ، ގާނޫނީ ވަކީލު ހަމްޒާ ލަތީފް ދެކެވަޑައިގަންނަވާ ގޮތުގައި، ޕީޖީ އޮފީހަށް "ޕަބްލިކް ޕްރެޝާ" އިންތިހާއަށް އޮވެ އެވެ.
"ތާރީހުން ފެންނަ ގޮތުގައި، މަގާމުން ވަކިކުރަން ވޯޓަކަށް ދާން އުޅުމުން އަހުމަދު މުއިއްޒު އިސްތިއުފާ ދެއްވީ، ސަރުކާރުން މަގާމުން ދުރުކޮށް ހައްޔަރުކުރުމުން މުހުތާޒު، ދެން މަޖިލީހުން ޕްރެޝަރުތަކެއް އައިސްގެން ބިޝާމް ވެސް،" ހަމްޒާއަށް މަންޒަރު ކުރެއްސެވޭ ގޮތް ސިފަކޮށްދެއްވި އެވެ.
ހަމްޒާއަށް ބައެއް މައްސަލަތަކުގައި ތަޖުރިބާ ކުރެވިފައި އޮތް ގޮތުން ވެސް ފުލުހުންނަށާއި ޕީޖީ އޮފީހަށް އަންނަ ޕްރެޝަރުތަކުގެ ސަބަބުން ވެސް ބައެއް ފަހަރު ސްޓޭންޑް ކަނޑައެޅިފައި އެބަ ހުރި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ދައުވާ ވެސް ކުރެވިފައި އެބަ ހުއްޓެވެ.
ޖިނާއީ ބޮޑެތި މައްސަލަތަކުގައި، ތަޖުރިބާކާރު އެއް ދިފާއީ ވަކީލު ކަމަށްވާ ޝާއިރު ގަބޫލުކުރައްވާ ގޮތުގައި އާންމުންގެ ތެރެއިން އަންނަ ޕްރެޝަރުތަކުގެ ސަބަބުން ދައުވާ ކުރެވިގެން ދިއުމަކީ ފަހަކަށް އައިސް ވަރަށް އާންމުވެފައިވާ ކަމަކެވެ.
"ވަރަށް ހަގީގަތަށް ދަންނަވަންޏާ، ފަހުން އައިސް މި ދައުވާ ކުރަނީ، ޕަބްލިކް ޕްރެޝަރާ ހުރެ، ޖިނާއީ މައްސަލައެއްގައި މީހަކަށް ދައުވާ ނުކުރެވި ގޮސްފިއްޔާ އަންނާނެ ފާޑުކިޔުންތަކުގެ ބިރަށް، އެކަމަކު ހެކި ނެތިއްޔާ ކީއްތޯކުރާނީ، ވަކި ހިސާބަކުން ދައުވާ އަނބުރާ ގެންދަން ޖެހޭނީ،" ޝާއިރު ވިދާޅުވި އެވެ،
ޕީޖީ އޮފީހުގައި ކުރިން މަސައްކަތް ކުރެއްވި ބޭފުޅަކު، ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވީ ބައެއް ފަހަރު މައްސަލަތަކުގައި ފިޔަވަޅު ނޭޅި ލަސްވެއްޖެނަމަ އާންމުންގެ ފަރާތުން ޕްރެޝަރުތައް އަންނަ ކަމަށެވެ. އެކަމަކު ދައުވާ ގިނަ ފަަހަރު އަނބުރާ ގެންނަނީ ކޯޓުތަކުން އޭރަކުން ނިންމާ ނިންމުމެއްގެ މައްޗަށެވެ.
މީގެ ކުރިން ޕީޖީގެ ބައެއް ނިންމުންތަކަށް ބަލާއިރު، ޕަބްލިކް ޕްރެޝާއަށް ދީލާނުލާކަމަށް ދެންނެވޭނޭ ކަންތައްތައް ފާހަގަވެފައި އެބަހުއްޓެވެ. އެއް މިސާލަކީ ކުރީގެ ހެލްތު މިނިސްޓަރު އަމީންގެ މައްސަލަ އެވެ. ދިވެހިރާއްޖެއަށް ވެންޓިލޭޓަރު ގެނައުމަށް ހެލްތު މިނިސްޓްރީއިން ދުބާއީގެ ކުންފުންޏަކާއެކު ހިންގި މުއާމަލާތުން ދައުލަތަށް ބޮޑު ގެެއްލުމެއްވެ، އެ މައްސަލައިގައި އަމީން މިނިސްޓަރުކަމުން ވަކިވާންޖެހުނެވެ. އޭސީސީން އެ މައްސަލަ ތަހުގީގުކޮށް، އަމީން ހިމެނޭގޮތުން އެކި މީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ތިން ފަހަރު ޕީޖީ އޮފީހަށް ފޮނުވި އެވެ. ކޮންމެ ފަހަރަކުވެސް ދައުވާ ނުކޮށް މައްސަލަ އަނބުރާ ފޮނުވާލެއްވީ އެވެ. އަމީންގެ މައްޗަށް ދައުވާކުރުމަށް އާންމުންގެ ތެރެއިން ގިނަ ބަޔަކާއި، ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ ނުފޫޒު ގަދަ ބައެއް ބޭފުޅުންވެސް ދިޔައީ ގޮވާލަމުންނެވެ. އެހެންނަމަވެސް ޕީޖީ އޭރު ވިދާޅުވީ އުންސުރު ހަމަ ނުވާ، ސާބިތުވެސް ނުވާނޭ މައްސަލައެއގައި މީހެއްގެ މައްޗަށް ދައުވާ ނުކުރައްވާނޭ ކަމަށެވެ.

ޕީޖީ ޝަމީމް، ފުލުހުންގެ އިސްވެރިންނާއެކު ބޭއްވި ޕްރެސް ކޮންފެރެންސްއެއް - ފޮޓޯ: އަދަދު
ތަކުރާރުވެދާނެ ކަންކަން؛ މުހިންމީ "ވާނުވާ" ބަންދެއް ނުދިނުން
ކުރީގެ ޕީޖީ މުހުތާޒު ފާހަގަ ކުރެއްވި ގޮތަށް ދައުވާއެއް ކުރުމަށް ފަހު ދައުވާ އަނބުރާ ގެންދަން ޖެހޭ ވަރުގެ ހެކި ފަހުން ފާޅުވެގެން އެ ގޮތަކަށް ދައުލަތުގެ ސްޓޭންޑް ބަދަލުވާނެ ހާލަތްތައް ކުރިމަތިވެދާނެ ކަމަށް ދިފާއީ ވަކީލު ހަމްޒާ ވެސް ގަބޫލު ކުރައްވަ އެވެ.
ހަމްޒާގެ ނަޒަރުގައި މީގައި ދިމާވާ މައްސަލައަކީ ބައެއް ފަަހަރު އެ ކަމަށް އެ ހޭދަވާ ވަގުތެވެ. ދައުވާ އަނބުރާ ގެންދަން ޖެހޭ ކަމަށް ދޮޅު އަހަރު ނޫނީ ދެ އަހަރު ފަހުން އެނގިގެން ދިއުމެވެ. އެހެން ދިމާވާ އެއް ސަބަބަކީ މައްސަލަތައް ގިނަވެ ޕީޖީގެ މަސައްކަތް ވެސް ގިނަވުމާއި ކޯޓުތަކުގައި ޝަރީއަތްތައް ލަސްވެގެން ދިއުމެވެ.
"ތަހުގީގުގެ ބޭނުމަކަށް، ކޮންމެ ކޮންމެ މައްސަލައެއްގައި އަދި މީހަކު ބަންދު ކުރާކަށް ވެސް ނުޖެހޭ، ވާނުވާ ނޭނގޭ ގޮތަށް، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމުން ދިމާވާ މައްސަލަތައް މި ކަމުގައި ވެސް މި ފެންނަނީ،" ހަމްޒާ ވިދާޅުވި އެވެ.
ގާނޫނު އިސްލާހު ކުރިން ފަހުން ކޮންމެ 30 ދުވަހަކުން މުރާޖައާ ކުރާ ގޮތަށް އޮތް ނަމަވެސް މި ފަހަކަށް އައިސް ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކޯޓުތަކުން ނިންމުމުގައި ގެންގުޅެނީ ވަރަށް އާދައިގެ މިންގަނޑެއް ކަމަށް މުހުތާޒު ވެސް ވިދާޅުވި އެވެ.
72 ކިލޯގެ މައްސަލައިގައި ދައުލަތުން ނިންމި ނިންމުންތަކާ ގުޅިގެން އުފެދޭ ސުވާލުތަކަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ޖަވާބެއް ނުލިބެ އެވެ. އެ އޮފީހުގެ ބަހަކީ، އެ މައްސަލަ އަނބުރާ ގެނައީ އެކަށީގެންވާ މިންވަރަށް ހެކި ނެތުމުން ކަމެވެ. އެކަން ފާހަގަވީ ފަހުން ކަމަށްވާނަމަ އެއީ އިންކުއަރީއެއް ހިންގަންޖެހޭ މައްސަލައެކެވެ. އެ މައްސަލައަކީ ހެކި ހުރި މައްސަލައެއްކަމަށް ދައުލަތުން 'ގޯސްކޮށް ނިންމާފައި އޮތުމުގެ ސަބަބުން' ބައެއްގެ ހަޔާތުން 2 އަހަރު ދުވަސް ބޭކާރުވެގެން ދިޔައީ އެވެ. އެ ގެއްލުމަށް ދައުލަތުން ޒިންމާވާން ޖެހޭއިރު، އެފަދަ ކަމެއް ތަކުރާރު ނުވާނޭކަން ކަށަވަރުކުރުމުގެ ޒިންމާވެސް އޮތީ ދައުލަތަށެވެ.












