ހދ. ނޮޅިވަރަންފަރު މެޖިސްޓްރޭޓް ކޯޓްގެ އިސް މެޖިސްޓްރޭޓް އަލީ އަހުމަދުގެ ޒިންމާއަށް އިހުމާލުވި ކަމަށް ބުނާ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ފަށައިފި އެވެ.
ޖޭއެސްސީން ބުނި ގޮތުގައި، އިސް މެޖިސްޓްރޭޓް އަލީ އަހުމަދާ ގުޅޭ ގޮތުން ހުށަހެޅިފައިވާ ޝަކުވާއަކީ ފަނޑިޔާރެއްގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގައި އިހުމާލުވެފައިވާ ކަމަށް ބުނެ ހުށަހެޅި ޝަކުވާއެކެވެ.
އެކަމަކު އިހުމާލުވި ގޮތުގެ ތަފުސީލެއް ނުބުނެ އެވެ.
އެ މައްސަލަ ބެލުމަށްޓަކައި މި މަހުގެ 23 ވަނަ ދުވަހު އެ ކޮމިޝަންގައި ތަހުގީގު ކޮމިޓީއެއް ވެސް ވަނީ އެކުލަވާލައިފަ އެވެ. ޖޭއެސްސީއަށް ފަނޑިޔާރަކާ ގުޅޭ ގޮތުން ހުށަހެޅޭ މައްސަލައެއް ބެލުމަށްޓަކައި، ކޮމިޓީއެއް އެކުލަވާލައިގެން ބެލުމަކީ މިހާރު އަމަލުކުރަމުންދާ އުސޫލެވެ.













