ދުނިޔޭގެ މަޝްހޫރު އެއާލައިން، ވާޖިން އެޓްލާންޓިކްގެ ދަތުރުތައް މިއަންނަ އަހަރު ރާއްޖެއަށް ފެށުމަށް ތައްޔާރުވެއްޖެ އެވެ.
އެ އެއާލައިނުގެ ރަސްމީ ދަތުރުތައް ރާއްޖެއަށް ފަށާނީ މިއަންނަ އޮކްޓޯބަރު މަހު 22، ވަނަ ދުވަހު އެވެ. ނަމަވެސް ރާއްޖެއަކީ ދުނިޔޭގެ މަގުބޫލު މަންޒިލެއް ކަމުގައި ވާތީ ދަތުރުތަކަށް ގިނަ ބައެއްގެ ޑިމާންޑު އޮންނާނެ ކަމަށް ބަލައި، ދަތުރުތައް ފެށުމުގެ އެއް އަހަރު ކުރިން، މި މަހުގެ 30، ވަނަ ދުވަހުން ފެށިގެން ޓިކެޓު ވިއްކަން ފަށަން އެ އެއާލައިނުން ވަނީ ނިންމާފަ އެވެ.
ފިނި މޫސުމާ ދިމާކޮށް ފަށާ މި ދަތުރުތަކުގެ ތެރެއިން ކޮންމެ ހަފްތާއަކު ތިން ބޯޓު ލަންޑަނުގެ ހީތުރޯ އެއާޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އަންނާނެ އެވެ.
މި ދަތުރުތައް ފެށުމާ ގުޅޭގޮތުން ވާޖިން އެޓްލާންޓިކުގެ ޗީފް ކޮމާޝަލް އޮފިސަރު، ޖޫހާ ޖާވިނަން ބުނީ ރާއްޖެއަކީ އަބަދުވެސް އެ އެއާލައިނުގެ ކަސްޓަމަރުންގެ މެދުގައި ވަރަށް މަގުބޫލު މަންޒިލެއް ކަމަށާއި މި ދަތުރުތައް ރާއްޖެއަށް ފަށަން ނިންމީ، ރާއްޖެ ފަދަ ހިތްގައިމު މަންޒިލަކަށް ކުރާ ދަތުރަކީ ވާޖިން އެޓްލާންޓިކުގެ ފުރިހަމަ ހިދުމަތްތަކާއެކު ކުރާ، ނިޔާމަ ދަތުރަކަށް ހަދައިދިނުން ކަމަށެވެ.
ވާޖިން އެޓްލާންޓިކް އެއާވޭސް އަކީ އިނގިރޭސިވިލާތުގެ މަޝްހޫރު ބިލިޔަނަރު ރިޗާޑް ބުރޭންސަންގެ ކުންފުންޏެކެވެ. 1984، ވަނަ އަހަރު އުފަންވި އެ އެއާލައިނުން މިހާރު ވެސް އެމެރިކާ، އޮސްޓުރޭލިއާ، އޭޝިއާ އަދި އެފްރިކާ ހިމެނޭހެންް 51 މަންޒިލަކަށް ދަތުރުތައް ކުރަމުން ދެ އެވެ.











