"އަމަންގެ ހިތުދަސްކުރުމުގެ ހުނަރު ވަރަށް ކުޑައިރު ފާހަގަވި، ގާތްގަނޑަކަށް 4 އަހަރު ވާނީ އޭރު" އަމަންގެ ބައްޕަ ބުންޏެވެ.
ރޭ ބޭއްވި ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި އެންމެންގެ ލޯތައް ހުއްޓިގެންދިޔައީ އުމުރުން އަށް އަހަރުގެ އަލްހާފިޒު އަމަން އަހުމަދު އާތިފު، ޑޭޒީމާގެ، ބ. ހިތާދޫ އަށެވެ. އަމަން ކީރިތި ގުރުއާން ހިތުދަސްކޮށް ފާސްވީ އެންމެ މަތީ ދަރަޖައިންނެވެ. އުމުރުން ހަ އަހަރުގައި ކީރިތި ގުރުއާން އެއްކޮށް ހިތުން ދަސްކުރީ އެންމެ ކުޑައިރުއްސުރެ އެކަމަށް އޮތް ލޯތްބެއްގެ ބޮޑުކަމާއި އުފެދިފައިވާ ޝައުގުގެ މަތި ކަމުންނެވެ.
"ދަސްކުރި އިރު އަބަދުވެސް އަމަން އޮންނާނީ ގުރުއާން އަޑުއަހަން، އޭރު ދުވާލަކު ދެ ސަފުހާ ހިތުދަސްކުރާނެ، ބަލައިގެން ތިން ވަރަކަށްފަހު ކިޔާލާފަ ކިޔައިދޭނެ ހިތުން،" ރޭގެ އެވޯޑާއި ގުޅިގެން އަމަންގެ ބައްޕަ އަހުމަދު އާތިފު "އަދަދު" އަށް މިއަދު ފޯނުން ދިން ކުރު އިންޓަވިއުއެއްގައި ބުންޏެވެ.
އާތިފު ބުނީ އަމަން ވަރަށް ކުޑައިރުއްސުރެ ގުރުއާން އަޑުއެހުމަށް ލޯބިކުރާ ކަމަށެވެ. އެގޮތުން ގުރުއާން ކިޔަވާފައި ހުންނަ ރެކޯޑިން ޖަހައިދިނުމަށް ނޫނީ ކިޔަވައިދިނުމަށް އޭނާ އެދޭ ކަމަށް އަމަންގެ ބައްޕަ ބުންޏެވެ. އަމަން ގުރުއާން ހިތުދަސްކުރުމުގެ މަސައްކަތް ފެށީ 2020 ވަނަ އަހަރެވެ. އަދި ފެށިތާ ދޮޅު އަހަރުގެ ތެރޭގައި މުޅި ގުރުއާން ހިތުދަސްކުރި އެވެ.

އަމަން ގުރުއާން ހިތުދަސްކުރުމުން މިދިޔަ އަހަރު ރަޢީސްގެ ދެކަނބަލުން އޭނާއަށް ބައްދަލުކުރެއްވުމުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

"އުމުރުން 5 އަހަރުގަ އެއީ، އަޅުގަނޑުމެންނަށް ފުރަތަމަ ފާހަގަވީ ވަކިވަކި ސޫރަތްތައް ތަރުތީބުން ހިތުން ކިޔައިދޭކަން، ދެން މަސައްކަތް ފެށީ މުޅި ގުރުއާން ދަސްކޮށްދޭން،" އަމަންގެ ބައްޕަ ބުންޏެވެ.
އަމަން ގުރުއާން ހިތުދަސްކުރުމުގެ މަސައްކަތް ކުރަމުންދާކަން އޭރު ކިޔަވަމުންދިޔަ އެކްސްއެލް އިންޓަނޭޝަނަލް ސްކޫލްއަށް އެންގުމުން އޭނާ ޓެސްޓު ކުރަންފެށި އެވެ. އެގޮތުން 15 ދުވަހުގެ ތެރޭގައި މުޅި ގުރުއާން އެއްކޮށް ސްކޫލަށް ކިޔައިދިނެވެ.
އަމަންގެ ބައްޕަ ފާހަގަ ކުރިގޮތުގައި އަމަން އަކީ މަޑުމައިތިރި އަދި އުގެނުމަށް ބޮޑު ލޯތްބެއް އޮންނަ ކުއްޖެކެވެ. ގުރުއާން ހިތުދަސްކުރުމުގެ މި ދިގު ދަތުރުގެ ތެރޭގައި ވެސް ސްކޫލްގެ އެއްވެސް ކަމަކަށް އަސަރުކުރިޔަކަ ނުދެ އެވެ. ކުރިއަށް އޮތްތަނުގައި ގުރުއާން ދޫކޮށްލަން ބޭނުން ނުވާ ކަމަށާއި އަމަން އަށް އެ ދާއިރާއިން ކިޔެވުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ބޭނުންވާ ކަމަށް ވެސް އޭނާގެ ބައްޕަ ބުންޏެވެ.
އަމަންގެ އާއިލާގައި އޭނާއާއެކު ދެން ހުންނަނީ އުމުރުން ފަސް އަހަރުގެ ކޮއްކޮ އެކެވެ. އާއިލާގެ އެހެން މީހަކު ގުރުއާނުގެ ދާއިރާގައި އުޅެފައިނުވާ ކަމަށް ވެސް ފުލުހުންގެ ހިދުމަތުގައި އުޅޭ އޭނާގެ ބައްޕަ ބުންޏެވެ.
އަމަން ވަނީ އެކްސްއެލް ސްކޫލްގެ ގުރުއާން މުބާރާތުގައި ބައިވެރިވެ ނުވަ އަހަރުން ދަށުގެ އުުމުރުފުރާއިން ނުބަލާކިޔުމުގެ ބައިން އެއް ވަނަ ހޯދާފަ އެވެ. މިދިޔަ އަހަރު އޮންލައިންކޮށް ބޭއްވި ގައުމީ މުބާރާތުގައި ވެސް ބައިވެރިވި އެވެ. ނަމަވެސް ވަނައެއް ލިބޭގޮތް ނުވެ އެވެ.
"މި އަހަރުގެ ގައުމީ މުބާރާތުގައިވެސް ސްކޫލުގެ ފަރާތުން ބައިވެރިވާގޮތަށް އޮތީ" އަމަންގެ ބައްޕަ ބުނި ގޮތުގައި މީހާރު އަމަން ކިޔަވަމުން އަންނަ ރެހެންދި ސްކޫލުން ގައުމީ މުބާރާތަށް ދަނީ ތައްޔާރުވަމުންނެވެ.













