ފޯޅަވަހި ހިމެނޭ ޗާގޯސް ސަރަހައްދުގައި ހިނގަނީ މޮރިޝަސްގެ ސިޔާދަތީ ބާރު ކަމަށް އެއްވެސް އިރެއްގައި ގަބޫލުކޮށްފައިނުވާނެ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު މިއަދު ވިދާޅުވެއްޖެ އެވެ.
ޗާގޯސް ޖަޒީރާގައި މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ކަމަށް އެއްބަސްވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ގައުމުގެ ބޮޑުވަޒީރަށް ދާދި ފަހުން ފޮނުއްވި ސިޓީއަކާ އެކު އެ މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ.
ޒަމާނުއްސުރެ ރާއްޖޭން ގެންގުޅުނު ސިޔާސަތު ކުއްލިއަކަށް ބަދަލުކޮށް، ފޮނުވި އެ ސިޓީއާއެކު ރާއްޖޭގެ ދެކުނުގެ ކަނޑުގެ ސަރަހައްދެއް ދޫކޮށްލަން މި ސަރުކާރުން އެއްބަސްވީ ކަމަށް ކުރީގެ ސަރުކާރުތަކުގެ އިސް ބޭފުޅުން ވެސް ދަނީ ވިދާޅުވަމުންނެވެ.
އެއާއެކު އެ މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ސާފުކޮށް ދިނުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ވަނީ ކުއްލި ގޮތަކަށް ރޭގެ ވަގުތެއްގައި ނޫސްވެރިންނާ ބައްދަލު ކުރައްވައިފަ އެވެ.
އެ ބައްދަލުވުމުގައި ޝާހިދު ވަނީ އެކި ސަރުކާރުތަކުގައި ޗާގޯސް މައްސަލައިގައި އަމަލުކުރި ގޮތުގެ ވަރަށް ތަފްސީލީ ޓައިމްލައިނެއް ހިއްސާކުރައްވައިފަ އެވެ.

މިގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 1993 ވަނަ އަހަރު އިނގިރޭސި ސަރުކާރާއެކު ކުރި މަޝްވަރާ އެއްގެ އިތުރުން ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރު މޮރިޝަސް ސަރުކާރުގެ އިސް ބޭފުޅަކާއެކު ބޭއްވުނު ބައްދަލުވުމެއްގެ ޔައުމިއްޔާ ޝާހިދު ހިއްސާކޮށް ދެއްވި އެވެ.
ޝާހިދު ވިދާޅުވި ގޮތުގައި 2010 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 21 ވަނަ ދުވަހު މޮރިޝަސްގެ ކެބިނެޓް ސެކްރެޓަރީ ސީއެސް ސީ ބަލުކް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި އޭރުގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދާ ބައްދަލުކުރެއްވި އެވެ.
އެ ބައްދަލުވުމުގައި ޗާގޯސްގެ މައްސަލާގައި ދެ ބޭފުޅުން މަޝްވަރާ ކުރައްވާފައިވާއިރު، ޔައުމިއްޔާގައި ހިމެނޭ ބައި ޝާހިދު އިއްވައި ދެއްވި އެވެ.
"...ޝަހީދު ވިދާޅުވީ ރާއްޖޭގެ ފަރާތުން ކޮންޓިނެންޓަލް ޝެލްފްގެ މައްސަލަ ހުށަހެޅި ހުށަހެޅުން ތައްޔާރުކުރި އެކްސްޕާޓް އެއްބަސްވެއޭ، އެ ހުށަހެޅުން ހުށަހެޅިއިރު، ޗާގޯސްގެ ސަރަހައްދުގައި މޮރިޝަސްގެ އިގުތިސޯދީ ސަރައްހަދުގެ މައްސަލަ އޭނާ އަށް އޮތީ ނުބެލިއޭ،" އިނގިރޭސި ބަހުން އޮތް ބައި ޝާހިދު ތަރުޖަމާކޮށް ދެއްވި އެވެ.
އެ ޔައުމިއްޔާގައި ވެސް ޝާހިދު ވިދާޅުވި ގޮތުގައި، ޗާގޯސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮތް ކަމަށް 2010 ވަނަ އަހަރު ވެސް ދިވެހި ސަރުކާރުން ވަނީ އެއްބަސްވެފަ އެވެ.
އެކަމާ ގުޅިގެން ޑރ. ޝަހީދު "އަދަދު"އަށް ވިދާޅުވީ ޝާހިދު ރޭ ހަވާލާ ދެއްވި މަޝްވަރާތަކުގައި ވެސް ޗާގޯސްގެ ސިޔާދަތީ ބާރާ މެދު އެއްބަސްވެފައިނުވާނެ ކަމަށެވެ. އެ ބައްދަލުވުމުގައި ފާހަގަކުރީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ކުރެހިއިރު، ފުށު އަރާ ސަރަހައްދު ފާހަގަނުކުރެވި އޮތް ކަން އެކަނި ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އަބަދުވެސް މޮރިޝަސް ގާތު ބުނަމުން ދިޔަ ވާހަކައަކީ ޗާގޯސްގެ ސިޔާދަތީ ބާރު ރަސްމީކޮށް ހޯދައިގެން އަންނާށޭ. އޭރުންނޭ ވާހަކަ ދެއްކޭނީ. ދެން އެ ވިދާޅުވާ ބައްދަލުވުމުގަ އަޅުގަނޑު ދެންނެވީ ކަނޑުގެ ސަރަހައްދު ކުރެހިއިރު، ފުށުއަރާ ސަރަހައްދު ފާހަގަނުކުރެވި އޮތް ވާހަކަ. ޗާޓުގައި އޮތް އުނިކަމެއްގެ ވާހަކަ،" ޑރ. ޝަހީދު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ކޯޓަށް ހުށަހަޅާ ލިޔުމެއްގައި 200 މޭލު ފުށުއަރާކަން ޗާޓެއްގަ ފާހަގަކުރުމަކީ އަދި ނުކުރުމަކީ، މިލްކުވެރި ކަމަށް އަސަރު ކުރާނެ ކަމެއް ނޫނެވެ.
"ކެބިނެޓް ސެކްރެޓަރީ އަކާ ކުރާ މަޝްވަރާއެއްގެ ޔައުމިއްޔާއަކީ އެގްރީމެންޓެއް ވެސް ނޫން. ރާއްޖެ ފިޔަވައި އެއްވެސް އެހެން ބައެއްގެ ގާނޫނީ ބާރު އެ 200 މޭލުގަ ހިންގޭނެ ކަމަކަށް އެއްވެސް އިރެއްގަ އަޅުގަނޑު ބަޔާންކޮށްފައެއް ނޯންނާނެ،" އޭނާ ވިދާޅުވި އެވެ.
އަދި 2019 ވަނަ އަހަރު ޗާގޯސްގެ މިލްކުވެރިކަމުގެ މައްސަލައިގައި އދ. ގައި ކުރިއަށް ގެންދިޔަ ގަރާރާ ދެކޮޅަށް ރާއްޖޭން ވޯޓު ދިނުމަށް ނެގި ސްޓޭންޑު އޭގެ ކުރިން 2010 ވަނަ އަހަރުގެ ޔައުމިއްޔާއަކުން ބަދަލުވާނެ ކަން ގަބޫލުކުރުމަށް ޖާގައެއް ނޯންނާނެ ކަމަށް ޝަހީދު ވިދާޅުވި އެވެ.
މީގެ އިތުރުން، ޗާގޯސް މައްސަލާގައި ހަސަން ނުވަ ވަނަ ރަސްގެފާނުން ފެށިގެން އެކި ސަރުކާރުތަކުގެ ލިޔުންތަކާއި ޔައުމިއްޔާތައް ދިފާއުގައި ނަގައިގެން ވެސް ހަގީގީ ސުވާލަށް އަދިވެސް ޖަވާބު ނުލިބޭ ކަން ޑރ. ޝަހީދު ފާހަގަކުރެއްވި އެވެ.
ރާއްޖޭގެ މަސްލަހަތު ހިމާޔަތް ކުރަން ކަމަށް ބުނެ ބައިނަލްއަގުވާމީ އެކި މައިދާންތަކުގައި ވަކި ކޮޅަކަށް ނުޖެހި އޮތުމަށްފަހު، އެކަން ކުއްލި އަކަށް ބަދަލުވީ ކީއްވެތޯ އޭނާ ސުވާލު ކުރެއްވި އެވެ.
"ކީއްވެތޯއޭ ރައީސް ސޯލިހު އެ ސިޓީ ފޮނުވަންޖެހުނީ؟ ކީކޭތޯ އޭގަ އޮތީ؟ ކީއްވެތޯ އެ ސިޓީގަ އޮތް އެއްޗެއް ހާމަނުކުރަން އުޅޭނީ؟" ޑރ. ޝަހީދު ވިދާޅުވި އެވެ.
މައްސަލައިގެ ފަސްފަހަތް؛
މޮރިޝަސް އިން ޗާގޮސް ގެ މައްޗަށް ސިޔާދަތީ ބާރު ހޯދުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި ކުރި ދައުވާ އެގައުމާއި އެއްކޮޅަށް ނިމި 2019 ވަނަ އަހަރު އެ ކޯޓުން ވަނީ ޗާގޮސް ވީ އެންމެ އަވަހަކަށް މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތަށް އަންގާފަ އެވެ. ނަމަވެސް މިހާތަނަށް އެ ނިންމުމަށް އިނގިރޭސިވިލާތުން އިޖާބަދީފައެއް ނުވެ އެވެ.
މީގެ ކުރިން މެއި 22، 2019، ގައި އދ. އިން އެ ނިންމުމަށް ތާއީދުކޮށް ހަ މަސް ދުވަހުގެ ތެރޭގައި ޗާގޮސް މޮރިޝަސް އާއި ހަވާލުކުރުމަށް 116 ގައުމުގެ ވޯޓާއި އެކު ފާސްކުރި ގަރާރުގައި ރާއްޖެއިން ވޯޓުލީ ދެކޮޅަށެވެ.
އެ މައްސަލައިގައި ރާއްޖޭގެ ސްޓޭންޑް ބަދަލުވިކަން އެނގުނީ މިހާރު ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި ރާއްޖެއިން މޮރިޝަސްއާ ދެކޮޅަށް ވަކާލާތުކުރަމުން އެ ގަރާރާ އެއްކޮޅަށް ވޯޓުދޭން ނިންމާފައިވާ ކަމަށް ބަންޑާރަ ނައިބު ވިދާޅުވުމުންނެވެ.
ނަމަވެސް އެ މައްސަލައިގެ ސްޓޭންޑަށް އައި ބަދަލުގެ ސަބަބުން ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި ޖަވާބުދާރީވަމުން އައިސްފައިވާ އެއްވެސް ކަމަކަށް ނުވަތަ ސްޓޭންޑަށް އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށް ސަރުކާރުން ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ.
އޭގެ އިތުރުން، ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސް އަށް ލިބުމަށް ރާއްޖެއިން ތާއިދުކޮށް އެ ގައުމާއި އެއްކޮޅަށް ވޯޓުލާން ނިންމީ، ރާއްޖެއަކީ އިސްތިއުމާރުކުރުމާ ދެކޮޅު ގައުމަކަށްވެފައި ގައުމުތަކުގެ ސިޔާދަތީ ބާރު އޮތުމަށް ތާއިދުކުރާ ގައުމަކަށް ވާތީ ކަމަށްވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.












