ފަހު ސިކުންތު ކޮޅުގެ ތެރޭގައި ޖެހި ގޯލުން 2-1 އިން މޯލްޑިވްސް ޕޯޓްސް ލިިމިޓެޑް (އެމްޕީއެލް) ބަލިކޮށް، ޓީމު ފެނަކަ އިން ކްލަބް މޯލްޑިވްސް ކަޕްގެ ޗެމްޕިއަންކަން މިރޭ ހޯދައިފި އެވެ.
މިއީ ފެނަކަަ ފައިނަލުގައި ކުޅުނު ފުރަތަމަ ފަހަރެވެ. އެމްޕީއެލް އަކީ މުބާރާތުގެ ތަށި ތިން ފަހަރު ހޯދި ޓީމެއް ކަމުގައި ވިޔަސް، މިއީ އެ ޓީމުން މިދިޔަ ފަސް އަހަރުގެ ތެރޭގައި ކުޅުނު ފުރަތަަމަ ފައިނަލެވެ.
ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑު ވަށައިގެން އެއްވެ ތިބި، ސަޕޯޓަރުންގެ ގުގުމުގެ އަޑުގަދަވެފައިވާ މާހައުލެއްގައި ކުޅުނު މިރޭގެ ފައިނަލް ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ، އިބްރާހިމް މުހައްމަދު ސޯލިހު އެވެ.
މެޗުގެ ފުރަތަމަ ފަށާ ފަހެއްގައި ފެނަކައިން އަޔާޒް އަހުމަދު (އަޔާ) ހިމެނި ނަމަވެސް ފަހު ވަގުތު ވަނީ ބަދަލުކޮށް، ހުސެއިން ނާޝިދު ކުޅެން އަރުވައިފަ އެވެ. އެއީ އަޔާ އަށް ލިބިފައިވާ އަނިޔާއިން އެއްކޮށް ރަނގަޅުނުވާތީ އެވެ.
ފުރަތަމަ ހާފުގެ ކުޅުން ފަށައިގެން ދެ ޓީމުގެ ކުޅުން ހަމަހަމަކޮށްދިޔައިރު، ފުރަތަމަ ލީޑުނެގީ އެމްޕީއެލް އިންނެވެ. އެ ޓީމުގެ ލަނޑު ޖެހީ އަލީ ޝަމާލް އަބްދުﷲ (ޝަންމު) އެވެ. މިއީ ބަދަލަކަށް ކުޅެން އެރި، ސާޖިދު ރަޝީދު ދިން ބޯޅައަކުން ޝަންމު ގޯލުގެ މަތީ ދާގަނޑަށް ބޯޅަ ފޮނުވާލައިގެން ޖެހި ގޯލެކެވެ.

އެމްޕީއެލްގެ ސާދު (ކ) ކައިރިން ބޯޅަ ހިފައިގެން ދެވޭތޯ ފެނަކަ ޓީމުގެ އަޔާ މަސައްކަތް ކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
އަނިޔާގައި ހުރި އަޔާ ފުރަތަމަ ހާފުގެ މެދެއްހާ ހިސާބުން ކުޅެން އެރުވި އެވެ. މެޗުގެ ފުރަތަަމަ ހާފުގައި 10 މިނިޓް ބާކީ އޮއްވައި، އެމްޕީއެލްގެ ފަސް ފައުލު ހަމަވެ، އިތުރަށް ކުރި ދެ ފައުލަށް ދެ ދުރު ޕެނަލްޓީ ދިނެވެ. ދެ ޕެނަލްޓީ ވެސް އަޔާ ފޮނުވާލިއިރު، ދިޔައީ އަރިމަތިން ބޭރުންނެވެ.
ފުރަތަމަ ހާފުގައި އެމްޕީއެލް ލީޑުގައި އޮވެ، ނިންމާލިއިރު، ފެނަކަ އިން ދެ ވަނަ ހާފު ފެށީ ވަރަށް ބޮޑަށް ކުރިއަށް ޖެހިގެންނެވެ. ފެނަކަ އިން ކުރިއަށް ޖެހިގެން ކުޅެމުން ދަނިކޮށް، ކައުންޓައެޓޭކުގައި އެމްޕީއެލްގެ ޝަންމު އަށް ލިބުނު ބޯޅަ ފޮނުވާލި ނަމަވެސް ކީޕަރު، ޒައިދާން އަހުމަދު ވަނީ މަތަކޮށްފަ އެވެ. އެ ބޯޅަ އެ ޓީމުގެ އަހުމަދު ހުސެއިން (އައްމަޑޭ) އަށް ދީގެން ޖެހުމުގެ ފުރުސަތު އޮތް ނަމަވެސް ޝަންމު ނިންމީ އަމިއްލަ އަށް ޖެހުމަށެވެ.
ފެނަކައިގެ ހަމަލާތައް އެމްޕީއެލްގެ ކީޕަރު އިސްމާއިލް ފާތިހު (ތާޑޭ) ދިފާއުކުރަމުންދިޔަ ނަމަވެސް، ފެނަކަ އިން މެޗުގެ ތެރެއަށް ވަންނަން ކުރަމުންދިޔަ މަސައްކަތް މެޗުގެ 33 ވަނަ މިނިޓްގައި ކާމިޔާބުކުރި އެވެ. އަޔާ ޖެހި ޝޮޓަކުން މުހައްމަދު އައްޒާމް ފައިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައި، ފެނަަކަ އަށް އެއްވަރުކޮށްދިނެވެ. ގޯލު ޖެހުމަށް ފަހު އައްޒާމް އުފާފާޅުނުކުރީ އޭނާ އަކީ ކުރިން އެމްޕީއެލް އަށް ކުޅެފައިވާ ކުޅުންތެރިއަކަށްވާތީ އެވެ.
ނަތީޖާ ނެރެން ފަހު ވަގުތު ދެ ޓީމުގެ ކުޅުން އަވަސްވެގެންދިޔައިރު، ފެނަކަ މޮޅުވި ގޯލު ޖެހީ މެޗު ނިމެން 33 ސިކުންތަށް ވެފައި ހުއްޓަ އެވެ. މި ގޯލު ޖެހީ މި ފަހަރުގެ މުބާރާތުގައި 13 ގޯލު ޖަހައިގެން އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އަށްދޭ ރަން ބޫޓު ހޯދި ހުސެއިން ޝަރީފް (އޮންލީ) އެވެ. އަޔާ ޖެހި ބޯޅަ ކީޕަރު ފާތިހު އަށް ސަލާމަތްނުކުރެވިގެން އުޅުނު ވަގުތުގައި އޮންލީ ވަނީ ގޯލަށް ބޯޅަ ވައްދާލައިފަ އެވެ.

ފެނަކަ ޓީމުގެ އޮންލީ (ކ) އަތުން އެމްޕީއެލްގެ ޝަންމު ބޯޅަ ހޯދަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
މެޗުގެ ފަހު ކަށިގަނޑަށް ފަހު ހިނގައިދިޔަ ހަމަނުޖެހުމުގެ ތެރޭގައި ހިނގި ކަންތައްތަކެއްގެ ސަބަބުން ފެނަކައިގެ އިބްރާހިމް މުބީން (މުއްކި) އާއި ކީޕަރު ޒައިދާންގެ އިތުރުން އެމްޕީއެލްގެ އަލީ ހައިޝަމް (ޗުމްޕު) އަށް ވެސް ރަތް ކާޑު ދެއްކި އެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ، ދެ ގޯލުގައި ވެސް މުހިންމު ދައުރެއް އަދާކުރި އަޔާ އެވެ. މުޅި މުބާރާތުގެ މޮޅު ކުޅުންތެރިޔާ، "ކިންގް"ގެ މަގާމު ވެސް ހޯދީ އަޔާ އެވެ. ގަދަ ފަސް ކުޅުންތެރިންގެ ތެރޭގައި އަޔާގެ އިތުރުން ދެން ހިމެނެނީ އޮންލީ އާއި އެމްޕީއެލްގެ ކީޕަރު ފާތިހު އާއި މުހައްމަދު ސާދު ނިޒާރު އަދި ކްލަބް އެޗްޑީސީގެ އަބްދުﷲ ޝާފިއު (ޝާއްޕެ) އެވެ.
ފެއާ ޕްލޭ ޓީމަކީ ވެމްކޯ އެވެ. ފެއާ ޕްލޭ ކުޅުންތެރިއަކަށް އެޗްޑީސީގެ ނާއިޒު ހަސަން (ދާދު) ހޮވުނުއިރު، އެންމެ ރަނގަޅަށް ސަޕޯޓްކުރި ޓީމަކަށް ހޮވުނީ ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ) އެވެ. އެންމެ މޮޅު ކޯޗުގެ މަގާމު ލިބުނީ ފެނަކަ ޓީމުގެ ކޯޗު އަބްދުﷲ ނަސީރު (އަބޯ) އަށެވެ.
މިއީ، އަބޯ ޖެހިޖެހިގެން އެ މަގާމު ހޯދި ދެ ވަނަ ފަހަރެވެ. އަބޯ، މިދިޔަ އަހަރު އެންމެ މޮޅު ކޯޗުގެ މަގާމު ހޯދީ އާރްއާރްސީ އަށް ޗެމްޕިއަންކަން ހޯދައިދީގެންނެވެ. އަބޯ އަކީ ދެ އަހަރު ދެ ޓީމެއްގެ ކޯޗަކަށް ހުރެ، ކްލަބް މޯލްޑިވްސް ކަޕް ކާމިޔާބުކުރި ފުރަތަމަ ކޯޗެވެ. އަބޯ ވަނީ ޖުމްލަ އެކު ހަތަރު ފަހަރަށް ކްލަބް މޯލްޑިވްސް ކަޕްގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.












