މިހާރު ކުރިއަށްދާ "ލިޓަސް ނޭޝަނަލް ބިލިއާޑް ޗެމްޕިއަންޝިޕް 2022" ގެ ފުރަތަމަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ބައިގެ ސެމީ ފައިނަލުން ހަސަން ޝާޒް މުހައްމަދު އާއި މުހައްމަދު އަކްސަމް ވަހީދު ޖާގަހޯދައިފި އެވެ.
ނޭޝަނަލް ބިލިއާޑް ސެންޓަރުގައި މިހާރު ކުރިޔަށްދާ ގައުމީ ބިލިއާޑް މުބާރާތުގައި ޝާޒް ސެމީ ފައިނަލަށް ދަތުރުކުރީ ޒުންޔާޒް މުހައްމަދު 9-7 ފްރޭމުން ބަލިކޮށްގެންނެވެ. އަދި އަކްސަމް ސެމީން ޖާގަ ޔަގީންކުރީ ސެމީގައި އަލީ ފަޔާޒް އަތުން 9-5 އިން މޮޅުވެގެންނެވެ.
މިހާތަނަށް ކުޅުނު މެޗުތަކަށް ފަހު، ދެ ވަނަ ޑިވިޝަންގެ ސެމީ ފައިނަލުން ވެސް ޖާގަ ތަކެއް ވަނީ ޔަގީންވެފަ އެވެ. އެ ގޮތުން ދެ ވަނަ ޑިވިޝަން ސެމީން ފުރުސަތު ލިބުނީ އިސްމާއިލް ޝިޔާމް އާއި މުހައްމަދު އައްފާން ޔޫސުފް އަށެވެ.
އަންހެން ޑިވިޝަން ގެ ސެމީ ފައިނަލްގައި ވާދަކުރުމުގެ ފުރުސަތު ހޯދީ އައިޝަތު އަލީ އާއި އާމިނަތު އަޒްރާ އެވެ. އާއިޝަތު އަލީ ސެމީ އަށް ދަތުރުކޮށްފައި ވަނީ އާމިނަތު އަޒީމާއާ ވާދަކޮށް ކުރިހޯދައިގެންނެވެ. އަދި އާމިނަތު އަޒްރާ ސެމީ ފައިނަލުން ޖާގަ ހޯދީ އެންމެ ފަހުގެ އަންހެން ޑިވިޝަން ޗެމްޕިއަން، ދީނާ އަހުމަދު ބަލިކޮށްފަ އެވެ.
މި މަހު 18 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި ފިރިހެން ފުރަތަމަ ޑިވިޝަނުން 32 ކުޅުންތެރިން ވާދަކުރެ އެވެ. ފިރިހެން ދެ ވަނަ ޑިވިޝަނުގައި 51 ކުޅުންތެރިން ވާދަކުރާއިރު، އަންހެން ޑިވިޝަނުގައި ތިބީ ހަ ކުޅުންތެރިންނެވެ. ޑަބަލްސް އިވެންޓްގައި 35 ޕެއާ ފެނިގެންދާއިރު، މިކްސް ޑަބަލްސް ބައިގައި 10 ޕެއާ ވާދަކުރާނެ އެވެ.
ޓީމު އިވެންޓްގައި ފެނިގެންދާނީ ފަސް ކްލަބެކެވެ. އެއީ އެންމެ ފަހުގެ ޗެމްޕިއަން، ކްލަބް އީގަލްސް އާއި ކަސްޓަމްސް ރެކްރިއޭޝަން ކްލަބް، އައިލެންޑާސް ހޯޕް ސްޕޯޓްސް ކްލަބް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަދި ދިވެހި ސިފައިންގެ ކްލަބް އެވެ.












