މީޑިޔާ ކައުންސިލުގެ މެންބަރު މުހައްމަދު ޝާފިއު، އަންހެން ނޫސްވެރިޔަކަށް ޖިންސީ ފުރައްސާރަކުރި ކަމަށް ބުނާ މައްސަލަ ފައިލްކުރުމުން، އޭނާގެ ސަސްޕެންޝަން އުވާލައިފި އެވެ.
ޝާފިއުގެ މައްޗަށް ތުހުމަތު ކުރެވުނީ، މީޑިޔާ ކައުންސިލުގެ ފަރާތުން ނޫސްވެރިންނާއެކު އިންޑިއާއަށް ކުރެއްވި ދަތުރެއްގަ އާއި އޭގެ ފަހުން އަންހެން ނޫސްވެރިއަކަށް ޖިންސީ ފުރައްސާރަ ކުރި ކަމަށެވެ.
އެ މައްސަލަ ތަހުގީގުކޮށް، ކަން ހިންގައިދިޔަ ބެލުމަށް އޭނާ ސަސްޕެންޑު ކުރުމަށްފަހު، މިއަދު އޭނާގެ ސަސްޕެންޝަން އުވާލީ، އެކަށީގެންވާ މިންވަރަށް ހެކި ނެތިގެން ފުލުހުން އެ މައްސަލަ ފައިލް ކުރުމުންނެވެ.
ޝާފިއުގެ ސަސްޕެންޝަން އުވާލިކަން އިއުލާނުކޮށް މީޑިޔާ ކައުންސިލުން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ ޝާފިއުގެ މައްޗަށް ތުހުމަތު ކުރެވުނު ޖިންސީ ފުރައްސާރައިގެ މައްސަލައާ ގުޅިގެން ވަގުތު ނޫހުން ހަބަރު ޝާއިއުކުރީ އެ ކައުންސިލް މެންބަރުންނާމެދު ރައްޔިތުންގެ ހިތުގައި ހަގީގަތާއި ހިލާފު ނުރަނގަޅު ތަސައްވުރެއް އުފެދޭ ގޮތަށް ކަމަށާއި، އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
އޭގެ އިތުރުން، އެ ހަބަރުތަކަކީ މީޑިއާގެ އަހްލާގީ މިންގަނޑާ ހިލާފު، ޒިންމާދާރުކަން ކުޑަ ގޮތެއްގައި ހަގީގަތް ބެލުމެއްނެތި ޝާއިއުކޮށްފައިވަ ހަބަރުތައް ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

ހަމައެއާއެކު، ވަގުތު ނޫހުގެ ހަބަރާ ގުޅިގެން ރާއްޖޭގެ ބައެއް ޖަމްއިއްޔާ ޖަމާއަތްތަކުން ވެސް ބަޔާން ނެރެފައިވާކަން ފާހަގަކޮށް، މީޑިޔާ ކައުންސިލުން ބުނީ ހަގީގަތަށް ބެލުމެއް ނެތި ބަޔާން ނެރުމަކީ މިނިވަން ޑިމޮކްރެޓިކް މުޖުތަމައުތަކުގައި ޖަމްއިއްޔާ ޖަމާއަތްތަކުން މަސައްކަތްކުރާ ގޮތް ނޫން ކަމަށެވެ.












