މި ފަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގެ ފައިނަލަށް އެމްޕީއެލް އާއި ޓީމު ފެނަކަ ދަތުރުކޮށްފައިވަނީ މިހާތަނަށް ކުޅުނު ހަ މެޗުން ވެސް މޮޅުވެގެންނެވެ. އެކަމަކު، ފައިނަލުގެ ޕްރެޝަރުގައި ދެ ޓީމަށް ވެސް ބޮޑު ޗެލެންޖެއް ކުރިމަތިވާނެއިރު، މިއީ ވާދަވެރި މެޗަކަށްވާނެ ކަމަށް ދެ ޓީމުން ވެސް ވަނީ ބުނެފަ އެވެ.
މި ފަހަރުގެ މުބާރާތުގެ ކުރިން ފެނަކަ އަށް، ކްލަބް މޯލްޑިވްސް ކަޕެއްގެ ސެމީ ފައިނަލް ފަހަނައަޅައި ދެވޭ ގޮތެއްނުވި އެވެ. ކުރިން ދެ ފަހަރު ވެސް ރަނގަޅު ވާދައެއްކޮށް އެކަން ކާމިޔާބުވާ ގޮތެއްނުވި އެވެ. މިދިޔަ އަހަރު ސެމީ ފައިނަލުގައި ފެނަކަ ކެޓީ ޕެނަލްޓީ ޖަހައިގެން އެ ފަހަރު ޗެމްޕިއަންކަން ހޯދި ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ) އަތުންނެވެ.
އޭރު، އާރްއާރްސީގެ ކޯޗަކަށް ހުރި އަބްދުﷲ ނަސީރު (އަބޯ) ވަނީ މި ފަހަރުގެ މުބާރާތަށް ފެނަކައާ ހަވާލުވެފަ އެވެ. އަބޯގެ ކޯޗުކަމުގައި ފެނަކަ އިން އެ ޓީމުގެ ތާރީހުގައި ފުރަތަމަ ފަަހަރަށް ފައިނަލަށް ދަތުރުކުރިއިރު، މިހާތަނަށް ކުޅުނު ހަ މެޗުން ވެސް ވަނީ މޮޅުވެފަ އެވެ.
"ޓީމަށް އައި އެއް ބޭނުން ހަގީގަތުގައި މި ހާސިލްވީ، އިންޝާﷲ ފައިނަލަށް ދެވުނީމަ އެއް ޓާގެޓް މި ހާސިލްވީ، ފެނަކަ ފުރަތަމަ ފަހަރަށް ފައިނަލަށް މި ގެންދެވުނީ. އެއް އަޒުމުގައި އައިސް، ކާމިޔާބު މިވީ ޓީމު އެކުގައި ކުރި މަސައްކަތުން،" ސެމީ ފައިނަލުގައި ވެމްކޯ އަތުން 5-3 އިން މޮޅުވި މެޗަށް ފަހު އަބޯ ބުންޏެވެ.
"އަހަރެމެން ބޭނުންވި ގޭމް އެބަ ކުޅެވޭ، ޑަބަލް ޕާސްތައް ގިނަ ކުރިވަރަކަށް ފައިދާ ކުރާނެކަން އެނގޭ ފެނަކަ އަށް. އޭގެ ފައިދާ މި އަސްލު ލިބެނީ. ފުރަތަމަ ކޮޅު އެ ޖެހުނު ތިން ގޯލު އެ ވަރަށް މުހިންމު، ރޭވި ގޮތަށް ކާމިޔާބުވީ ވެސް،"

ފެނަކަ ޓީމުގެ މެޗެއްގެ ތެރެއިން އެ ޓީމުގެ ކޯޗު އަބޯ ޓީމަށް އިރުޝާދު ދެނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
މިދިޔަ އަހަރަށް ވުރެން ފެނަކަ ޓީމު މި ފަހަރު އޮގަނައިޒް ކުޅުމެއް ކުޅެން ބަލާއިރު ފުރިހަމަ އެވެ. ކްލަބް މޯލްޑިވްސް ކަޕްގައި ކާމިޔާބު ކުޅުންތެރިއެއް ކަމަށްވާ މުހައްމަދު އައްޒާމް އާއި އިބްރާހިމް މުބީން (މުއްކި) ލިބުމުން، ފެނަކަ އިން ޓީމު ރާވައިގެން ރަނގަޅު ގޭމެއް ކުޅެން ފުރުސަތު ލިބުނެވެ.
"އައްޒާމް އަހަރެމެންނަށް ލިބުމާ، މުއްކި މި ޓީމުގައި ހުރުން އެއީ ޑިފެންސަށް އޮންނަ ވިސްނުމާ އެއްވަރަށް އޮންލީ ކުރިއަށްދާން ފުރުސަތު ފަހިވާ ކަމެއް. ކަވަރިން އަށް ފައިބާނެ ކުޅުންތެރިން ހަގީގަތުގައި އެބަތިބި ފުދޭވަރަކަށް. އޮންލީ ސްކޯކުރުން ގިނަ ވުން އެއީ ގިނަ ގޮތްގޮތަކުން ޓީމަށް ފައިދާކުރި ކަމެއް،" އަބޯ ބުންޏެވެ.
ފެނަކަ އަށް ފުރަތަމަ ފަހަރު ފައިނަލްގައި ކުޅުމުގެ ޕްރެޝަރު އޮތްއިރު، އެ ޓީމުގައި ތިބި ކުޅުންތެރިންނަކީ ޕްރެޝަރުގައި ނަތީޖާ ނެރެފައިވާ ކުޅުންތެރިންނެވެ.
މި ފަަހަރުގެ މުބާރާތުގައި ފެނަކަ ޓީމުގައި ވިދަމުން އަންނަ ކުޅުންްތެރިޔަކީ، އަޔާޒް އަހުމަދު (އަޔާ) އެވެ. ކްލަބް މޯލްޑިވްސް ކަޕަކީ މިހާތަނަށް ފުޓްސަލްގެ ބޮޑު މުބާރާތްތަކުގެ ތެރެއިން އަޔާ އަށް ނުލިބި އޮތް ހަމައެކަނި ތަށްޓެވެ. އެހެންވެ، މި މުބާރާތް ހޯދުމުގެ ހާއްސަ އަމާޒެއް އޭނާގެ ވެސް އެބައޮތެވެ.
އެމްޕީއެލް ޓީމު ތައްޔާރުކުރީ ސީދާ ތަށްޓައް
ކްލަބް މޯލްޑިވްސް ކަޕްގެ އެންމެ ފުރަތަމަ ޗެމްޕިއަނަކީ އެމްޕީއެލް އެވެ. އެ ޓީމުން ވަނީ 2006 ވަނަ އަހަރު ބޭއްވި ފުރަތަމަ މުބާރާތުގެ ތަށި އުުފުލާލައިފަ އެެވެ. އޭގެ ފަހުން، ދެން އެ ޓީމުން ތަށި ހޯދީ 2012 އާއި 2013 ވަނަ އަހަރު އެވެ.
މި އަހަރުގެ މުބާރާތުގެ ފައިނަލަށް އެމްޕީއެލް ދަތުރުކުރިއިރު، އެ ޓީމު ކުޅުނު އެންމެ ފަހު މެޗުތަކުގައި ޓީމު ކުޅެން ޖެހުނީ ޓީމުގެ ކޯޗު އަހުމަދު ވިސާލް (އަންދު) ބެންޗުގައި ނެތި އެވެ. ބެންޗުގައި ނެތް ނަމަވެސް ޓީމަށް އިރުޝާދު ދިނުމުގައި އަންދު ހަރަކާތްތެރިވެ އެވެ. އެއީ ޓީވީން މެޗު ބަލައިގެން ޓީމުގެ ކޯޗިން ޓީމަށް ފޯން ކޯލުގެ ޒަރިއްޔާ އިން ލަފާ ދީގެންނެވެ.
އެމްޕީއެލް އިން ކުއާޓާ ފައިނަލްގައި އެސްޓީއޯ އަތުން މޮޅުވި މެޗާއި ސެމީ ފައިނަލްގައި އެޗްޑީސީ އަތުން މޮޅުވި މެޗަކީ ޕްރެޝަރު ދެ މެޗެެވެ. ދެ މެޗު ވެސް ޕެނަލްޓީ ޖަހައިގެން ނިމުނުއިރު، އެމްޕީއެލް މޮޅުވީ ރަނގަޅު ނިންމުންތަކަށް ފަހު އެވެ. އޭގެ ތެރޭގައި ދެ މެޗުގައި ވެސް ޕެނަލްޓީ އަށް، ބެންޗުގައި އިން ކީޕަރު ވިޝާން އަބްދުލް މަޖީދު އަށް ފުރުސަތު ދީ "ރިސްކް" ނަގަން ޖެހުނު ވަގުތުގައި އެކަން ކުރުން ހިމެނެ އެވެ.
"މިއީ ވަރަށް ބުރަ މަސައްކަތް ފަހު ކަށިގަނޑަށް ހަމަ ލާސްޓް މިނިޓަށް، ބުރަ މަސައްކަތް އެންމެން މި ކުރީ ފަހު ވަގުތު ވެސް އެއްޗެއް ޖަހަން. އެކަން ހާސިލްވީ،" ސެމީ ފައިނަލް މެޗަށް ފަހު އެމްޕީއެލް މެނޭޖަރު މުހައްމަދު އަބްދުލް ރަހުމާން ބުންޏެވެ.
"އެމްޕީއެލް އަށް މި ތަށި ނަގަން ވަރަށް މުހިންމު، ވާ ގޮތަކީ އެމްޕީއެލް އަކީ މި މުބާރާތުގައި ތިން ތަށި ހޯދާފައި ތިބި ބައެއް. އެކަމަކު، ވަރަށް ދުވަސްތަކެއް ހިނގައްޖެ ފައިނަލާ ހަމައަށް ވެސް ދަތުރުނުކޮށް. އެހެންވެ މި ތިބީ ވަރަށް އުންމީދުގައި ފައިނަލާ މެދު ހަމަ ތަށި ނަގަން އިރާދަކުރެއްވިއްޔާ،"
މިއީ މިދިޔަ ފަސް އަހަރު ތެރޭ އެމްޕީއެލް އިން ކްލަބް މޯލްޑިވްސް ކަޕްގެ ފައިނަލުގައި ކުޅޭނެ ފުރަތަމަ ފަހަރެވެ. އެމްޕީއެލް އާއި ފެނަކަ ކުޅޭ ކްލަބް މޯލްޑިވްސް ކަޕްގެ ފައިނަލް މެޗު ފަށާނީ މިރޭ 20:30 ގަ އެވެ.












