ޝިމާޒަށް ކުރާ ހިޔާނާތުގެ ތުހުމަތުތައް؛ އެމްއާރުއެމުން ގޮތެއް ނިންމާނީ ޖަވާބުދާރީކުރުމަށް ފަހު!

ޓްރާންސްޕޯޓްގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް: އެމްއާރުއެމުން އޭނާއާ މެދު ފިޔަވަޅު އަޅާނީ ޖާވާބުދާރީކުރުވުމަށް ފަހު ކަމަށް ބުނެފި

ޓްރާންސްޕޯޓްގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް: އެމްއާރުއެމުން އޭނާއާ މެދު ފިޔަވަޅު އަޅާނީ ޖާވާބުދާރީކުރުވުމަށް ފަހު ކަމަށް ބުނެފި

ގަވާއިދާ ހިލާފަށް ވެހިކަލް ރަޖިސްޓްރީކޮށްދިނުން ފަދަ ކޮރަޕްޝަންގެ އަމަލުތައް ހިންގަމުންދާ ކަމުގެ ތުހުމަތުތައް ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީއަށް ކޮށްފައިވާތީ، ފިޔަވަޅު އެޅުމާމެދު ގޮތެއް ނިންމާނީ އޭނާއަށް ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމަށް ފަހު ކަމަށް އެމްއާރުއެމުން ބުނެފި އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ލީޑްކުރައްވާ އެމްއާރުއެމްގެ ސްލޮޓެއްގައި އެ މިނިސްޓްރީގެ ނައިބު މަގާމުގައި ހުންނެވި ޝިމާޒަށް ކުރެވޭ އެ ތުހުމަތުތައް ބެލުމަށް އެދި މިނިސްޓަރު އައިޝަތު ނަހުލާ ވަނީ ރައީސް އޮފީހަށް ސިޓީއެއް ވެސް ފޮނުވައިފަ އެވެ.

އެކަމާ ގުޅިގެން އެމްއާރުއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ޕާޓީއަކީ އަބަދުވެސް ކޮރަޕްޝަނާ ދެކޮޅަށް ވަކާލާތު ކުރާ ޕާޓީއަކަށް ވިޔަސް މިނިވަން މުއައްސަސާއަކުން ފުރިހަމައަށް ތަހުގީގު ހިނގުމަށް ފަހު މެނުވީ އެ ކަމުގައި ފިޔަވަޅެއް އެޅުން ރަނގަޅު ނޫން ކަމަށް އެ ޕާޓީން ދެކޭ ކަމަށެވެ.

"ޝިމާޒް އަލީއަކީ މި ޕާޓީގެ ސްލޮޓެއްގައި މަގާމުގައި ހުންނެވި ފަރާތަކަށް ވާތީ، އެމްއާރުއެމްގެ އެތެރޭގެ އުސޫލުތަކާ އެއް ގޮތްވާ ގޮތުގެ މަތީން، މި ތުހުމަތުތަކާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ސާފުކޮށް، ޝިމާޒަށް ޖަވާބުދާރީވުމުގެ ފުރުސަތެއް ދިނުމަށް ޕާޓީން ގޮތެއް ނިންމާނެ ވާހަކަ ދެންނެވީމެވެ،" ބަޔާނުގައިވެ އެވެ.

ރައީސް އޮފީހަށް ޓްރާންސްޕޯޓް މިނިސްޓަރު ނަހުލާ ފޮނުވި ސިޓީގައި ޝިމާޒް ވަކިކޮށްދޭން އެދިފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވެ އެވެ. އެކަމަކު، ނަހުލާ މިއަދު "އަދަދު"އަށް ވިދާޅުވީ މަގާމުން މީހަކު ވަކިކޮށްދޭކަށް އެ ސިޓީގައި އެދިފައި ނޯންނާނެ ކަމަށެވެ.

"އެފަދަ ތުހުމަތެއް ކުރެވިއްޖެއްޔާ އަޅުގަނޑަށް މަޖުބޫރުވާނެ އެ މައްސަލައެއް ބަލަން. އެ މައްސަލައެއް އަންގަންޖެހޭ ފަރާތްތަކަށް އެންގުމަކީ އަޅުގަނޑު ކުރަންޖެހޭ ކަމެއް. އެކަމަކު އެއްވެސް މީހަކު ވަކިކޮށްދިނުމަށް އަޅުގަނޑު އެދިފައެއް ނޯންނާނެ،" ނަހުލާ ވިދާޅުވި އެވެ.

އެކަމާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ މިނިސްޓަރުންނާއި ރައީސް ސޯލިހާ ދެމެދު ކުރައްވާ މުއާމަލާތްތައް ހާމަކުރެވެން ނެތް ކަމަށެވެ. ނަމަވެސް ޝިމާޒަށް އެއްވެސް ފިޔަވަޅެއް ނާޅާކަން އޭނާ ޔަގީން ކޮށްދެއްވަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox