ކްލަބް މޯލްޑިވްސް ކަޕް ފުޓްސަލް މުބާރާތުގެ އަންހެން ޑިވިޝަން، 18/30 ފުޓްސަލް ފިއެސްޓާގައި ދިވެހި ސިފައިންގެ ކްލަބް ކުޅޭ މެޗުތަކުގައި އެ ޓީމަށް ބަންގްލަދޭޝް މީހުން ކުރާ ސަޕޯޓަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭ ކަަމެއް ކަމަށް ސިފައިންގެ ޓީމަށް ކުޅޭ ބަންގްލަދޭޝްގެ ގައުމީ ޓީމުގެ ތަރި، ސަަބީނާ ހަތުން ބުނެފި އެވެ.
ދާދި ފަހުން ބަންގްލަދޭޝް އަށް ސާފް ވިމެންސް ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްދޭން އެހީތެރިވި ކެޕްޓަން، ސަބީނާ މީގެ ކުރިން ވެސް ހަތަރު ފަހަރެއްގެ މަތިން ވަނީ ރާއްޖެ އަށް މުބާރާތްތައް ކުޅެން އަތުވެފަ އެވެ.
ކްލަބް މޯލްޑިވްސް ކަޕްގައި ދިވެހި ސިފައިންގެ ކްލަބަށް ސަބީނާ އަންނައިރު، އޭނާ އަށް ސަޕޯޓް ދޭން ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ދެ އެވެ. ސަބީނާގެ އިތުރުން މިހާރު ބަންގްލަދޭޝް ދަރިކޮޅަށް ނިސްބަތްވާ، މަތުސުޝިމާ ސުމައްޔާ ވެސް ސިފައިންގެ ފުޓްސަލް ޓީމަށް ގެނެ އެވެ.
ސަބީނާ އާއި ސުމައްޔާ އަށް ތަރުހީބުދޭން ކޮންމެ މެޗެއްގައި ކަހަލަ ގޮތަކަށް ހުޅުމާލެ ރެހެންދި ދަނޑު ވަށައިގެން ބަންގްލަދޭޝް މީހުން ފުރާލަ އެވެ. އަދި ދެ ކުޅުންތެރިންނަށް މެޗު ނިންމާފައި، ދަނޑުން ދެވެނީ ގިނަ އަދަދެއްގެ ސަޕޯޓަރުންނާ އެކު ފޮޓޯ ވެސް ނަގައިފަ އެވެ.

ސެމީ ފައިނަލުގައި ސިފައިން ކުޅުނު މެޗަށް ފަހު ސަބީނާ ބަންގްލަދޭޝްގެ ސަޕޯޓަރުންނާ އެކު.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
"ހާއްސަކޮށް، އަހަރެމެންގެ ބަންގްލަދޭޝްގެ މީހުން، ވަރަށް ސަޕޯޓް އެބަކުރޭ މިތަނަށް އައިސް. އަހަރެން ދެކޭ ގޮތުގައި މިއީ މި ޓީމަށް ވެސް އޮތް ވަރަށް ރަނގަޅު ކަމެއް. އަހަރެން އެކަމަށްޓަކައި ވަރަށް އުފާކުރަން. އޭގެ ސަބަބުން ފައިނަލާ މެދު ވެސް އުންމީދު ބޮޑުވޭ،" ސެމީ ފައިނަލްގައި ކްލަބް ވެމްކޯ އަތުން މޮޅުވި މެޗަށް ފަހު ދިން އިންޓަވިއުއެއްގައި ސަބީނާ ބުންޏެވެ.
މިދިޔަ އަހަރު، ވެމްކޯ އަތުން ސެމީ ފައިނަލުގައި ސިފައިން ބަލިވީ 7-5 އިންނެވެ. އެކަމަކު، މި ފަހަރު ސިފައިން ފައިނަލަށް ދަތުރުކޮށްފައި މި ވަނީ ސެމީގައި 6-2 އިން ވެމްކޯ ކަޓުވާލުމަށް ފަހު އެވެ.
ސަބީނާ ބުނީ މި އަހަރުގެ ތަފާތަކީ މަސައްކަތް ރަނގަޅަށް ކުރެވުން ކަމަށެވެ.
"މިދިޔަ އަހަރު ވެސް އަހަރެމެންނަށް ފައިނަލަށް ދިއުމުގެ ވަރަށް ބޮޑު ފުރުސަތެއް އޮތް. އެކަމަކު، އަހަރެމެން ވީ ބަލި. ނަސީބު ވެސް ދެރައީ ދިޔަގޮތް. އެހެން ނަމަވެސް މި ފަހަރު އަަހަރެމެން ޗެލެންޖެއްގެ ގޮތުގައި ނަގައިގެން، އަހަރެމެން ތައްޔާރުވީ ފައިނަލަށް ދާން،" މި ފަހަރުގެ މުބާރާތުގައި ޖުމްލަ 17 ގޯލު ޖަހައިގެން، އަންހެން ޑިިވިޝަނުގެ ލަނޑު ލިސްޓުގެ ދެ ވަނައިގައި އޮތް ސަބީނާ ބުންޏެވެ.
ސަބީނާ ބުނީ ފުޓްސަލް އާއި ފުޓްބޯޅަ އަކީ ވަރަށް ތަފާތު ދެ ޑިސިޕްލިނެއްގެ ދެ ގޮތަކަށް ކުޅޭ ކުޅިވަރެއް ކަމަށާއި ކުރިއަށް ދެވޭނީ ފޯކަސް ކޮށްގެން ކުރިމަތީގައި އޮތް ޗެލެންޖަށް ރެޑީ ވެގެން ކަމަށެވެ.
ކްލަބް މޯލްޑިވްސް ކަޕްގެ އަންހެން ޑިވިޝަން، 18/30 ފައިނަލުގައި ސިފައިން ނުކުންނާނީ އެންމެ ފަހުން ތިން ފަަހަރު ޗެމްޕިއަންކަން ހޯދި އެމްޕީއެލްއާ ދެކޮޅަށެވެ. މި ފަަހަރުގެ މުބާރާތުގައި އެމްޕީއެލް އިން ވަނީ ލީގު ބުރުގައި ސިފައިން އަތުން ފަހަތުން އަަރައި 5-1 އިން މޮޅުވެފަ އެވެ. މިއީ ސިފައިން މި ފަހަރު ބަލިވި ހަމައެކަނި މެޗެވެ.












