އެންމެ މޮޅު ނޫސްވެރިޔާ ހޮވަން އާންމުންގެ ވޯޓަށް ހުޅުވާލައިފި އެވެ.
ނިމިދިޔަ 2021 ގެ އެންމެ މޮޅު ނޫސްވެރިޔާގެ އެވޯޑަށް ކުރިމަތިލީ އަދަދު ނޫހުގެ އެސޯސިއޭޓް އެޑިޓަރު ހަސަން ނާޒިމު، ވަގުތު ނޫހުގެ މުހައްމަދު ޔާމީން، މިހާރު ނޫހުގެ އާސިމާ ނިޒާމު، ދައުރު ނޫހުގެ އައިމިނަތު ޝިފްލީން އަދި ވަން އޮންލައިނުގެ މުހައްމަދު ސިމާއު އެވެ.
އެންމެ މޮޅު ނޫސްވެރިޔާ ހޮވުމަށް ވޯޓު ދިނުމަށްޓަކައި، JY ލިޔެ، ހުސް ތަންކޮޅެއް ދޫކޮށްލުމަށްފަހު ނޫސްވެރިއަކަށް ކަނޑައަޅާފައިވާ ކޯޑު ޖެހުމަށްފަހު އެސްއެމްއެސް ފޮނުވާނީ 4244 އަށެވެ. އެސްއެމްއެސް ކުރުމުގެ ސުންގަޑިއަކީ މިމަހު 10 ވަނަ ދުވަހުގެ 23:59 އެވެ.
އެންމެ މޮޅު ނޫސްވެރިޔާ ހުވުމުގެ މާކްސް ބަހާލާފައިވަނީ ހަތަރު ބަޔަކަށެވެ. އެއީ ފަނޑިޔާރުންގެ މާކްސް، އިންޓަވިއު އަދި ޕްރެޒެންޓޭޝަން، ދާއިރާގެ ތައުލީމާއި ތަޖުރިބާ އަދި އާންމުންގެ ވޯޓެވެ. އާންމުންގެ ވޯޓަށް އެންމެ ގިނަވެގެން ލިބޭނީ 15 ޕަސެންޓް މާކްސް އެވެ.
މިއީ އެންމެ މޮޅު ނޫސްވެރިޔާ ހޮވަން އާންމުން ވޯޓު ދޭ ފުރަތަމަ ފަހަރެވެ.

މި އަހަރުގެ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ހަފުލާ ބޭއްވުމަށް ހަމަޖެހިފައި ވަނީ މިމަހު 12 ވަނަ ދުވަހު އެވެ.













