ޒިއުރިކް (ނޮވެމްބަރު 2) - ޓިއުނީޝިއާގެ ފުޓްބޯލް ފެޑަރޭޝަން (ޓީއެފްއެފް) އަށް ސިޔާސީ ނުފޫޒު ފޯރާނަމަ، ޓިއުނީޝިއާ ވޯލްޑް ކަޕުން ބޭރުކުރަން ޖެހިދާނެކަމުގެ އިންޒާރު ފީފާ އިން ދީފައިވަނިކޮށް، އީރާން ވޯލްޑް ކަޕުން ބޭރުކުރަން ހުށަހަޅަން ޔޫކްރެއިނުން ތައްޔާރުވެއްޖެ އެވެ.
މި މަހު 20 ވަނަ ދުވަހު ގަތަރުގައި ފަށާ ފީފާ ވޯލްޑް ކަޕަކީ ޓިއުނީޝިއާ އޮތީ ގުރޫޕް ޑީގަ އެވެ. މި ގުރޫޕްގައި ދެން އޮތީ ފްރާންސް، އޮސްޓްރޭލިއާ އަދި ޑެންމާކެވެ.
އެކަމަކު، ޓިއުނީޝިއާގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު ކަމެލް ޑެގޫޗޭ ދާދި ފަހުން ވިދާޅުވެފައިވާ ވާހަކަތަކާ ގުޅިގެން ފީފާ އިން ވަނީ ހިތްހަމަނުޖެހިފަ އެވެ. ބައެއް ފެޑެރަލް އޮފީސްތައް އުވާލާނެ ކަމަށް ބުނެ ޑެގޫޗޭ ދެއްކެވި ވާހަކަތައް ފީފާ އިން މާނަކޮށްފައިވަނީ ޓީއެފްއެފްއާ ވެސް އަމާޒުކޮށް އޭނާ ދެއްކެވި ވާހަކަތަކެއްގެ ގޮތުގަ އެވެ.
ފީފާގެ ގަވައިދުތަކުގެ ދަށުން މެމްބަރު އެސޯސިއޭޝަންސްތައް ހިންގަން ޖެހޭނީ ތިން ވަނަ ފަރާތެއް ނުވަތަ ސަރުކާރެެއްގެ އެއްވެސް ނުފޫޒެއް ނެތިއެވެ.
ފީފާ އިން ޓީއެފްއެފް އަށް ފޮނުވި ސިޓީއެއްގައި މެމްބަރުން އެސޯސިއޭޝަންސްތައް ހިންގަންވާނީ ތިން ވަނަ ފަރާތެއް ނުވަތަ ސަރުކާރުގެ ނުފޫޒެއް ނެތިކަން ވަނީ ހަނދާންމަކޮށްދީފަ އެވެ. އަދި މި ފަދަ ކަމެއް ދެން ފާހަގަ ވެއްޖެނަމަ، ޓިއުނީޝިއާ ސަސްޕެންޑްކުރަންޖެހިދާނެ ކަމުގެ އިންޒާރު ފީފާ އިން ވަނީ ދީފަ އެވެ.
މި ފަދަ މައްސަލައަކާ ގުޅިގެން ފީފާ އިން ވަނީ މިހާރު ވެސް ކެންޔާ އާއި ޒިމްބާބްވޭ ސަސްޕެންޑްކޮށްފަ އެވެ. އަދި ދާދި ފަހުން އިންޑިއާ ވެސް ފީފާ އިން ސަސްޕެންޑްކުރި އެވެ.
އީރާނާ ދެކޮޅަށް ޔޫކްރެއިން ތެދުވީ ކީއްވެ؟
ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް، ވޯލްޑް ކަޕުން އީރާން ބޭރުކުރަން ޔޫކްރެއިނުން ފެށި މަސައްކަތުގައި ރަސްމީކޮށް ފީފާ އަށް ފޮނުވާ ލިޔެކިޔުންތަކުގައި ހިމަނާނީ ދެ ކަމެެކެވެ.
އެއީ ބުރުގާ އެޅުމަށް މަޖުބޫރުކުރަން އީރާނުގައި ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ފެންނަ އަނިޔާވެރިކަމާ އެކު ހުއްޓުވުމުގެ ގޮތުންނެވެ. ދެ ވަނަ ކަމަކަށް މި އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ޔޫކްރޭނަށް ރަޝިއާ އިން ދެމުން އަންނަ ހަމަލާތަކުގައި ރަޝިއާގެ ބައިވެރިއެއްގެ ގޮތުގައި އީރާނުން ހަރަކާތްތެރިވާތީ އެވެ.
މީގެ ކުރިން ފީފާ އިން އަމަލުކޮށްފައިވާ ގޮތްތަކަށް ބަލާއިރު، އެ ފެޑެރޭޝަނުން ވަނީ ޔޫކްރެއިނަށް އަރައި ރަޝިއާ އިން ކުރާ ހަނގުރާމައިގެ ސަބަބުން އެ ގައުމު ވެސް ވޯލްޑް ކަޕުން ސަސްޕެންޑްކޮށްފަ އެވެ. ޔޫކްރެއިނުން އީރާނަށް ފިޔަވަޅު އަޅަން އެދެނީ ރަޝިއާ އަށް ވެސް ދީފައިވާ އަދަބުގެ ބާރު ދެމެހެއްޓުމަށް އެދޭތީ އެވެ.
މި ފަހަރުގެ ވޯލްޑް ކަޕުގައި އީރާން ހިމެނެނީ ގްރޫޕް ބީގަ އެވެ. އެ ގްރޫޕްގައި އީރާންގެ އިތުރުން އޮތީ އިންގްލެންޑާއި އެމެރިކާ އަދި ވޭލްސް އެވެ.












