އާސެނަލް އަލުން އެއް ވަނަ އަށް، ޔުނައިޓެޑް މޮޅުކޮށްދިނީ ރެޝްފޯޑްގެ ހާއްސަ ގޯލަކުން

Oct 30, 2022, 9:17 PM
އާސެނަލްގެ ލަނޑު ޖެހުމަށް ފަހު އޮޑެގާޑް އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

އާސެނަލްގެ ލަނޑު ޖެހުމަށް ފަހު އޮޑެގާޑް އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

މެންޗެސްޓާ (އޮކްޓޫބަރު 31) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ނޮޓިންހަމް ފޮރެސްޓް އަތުން 5-0 އިން މޮޅުވެ، އާސެނަލް އަލުން ލީގުގެ އެއް ވަނަ އަށް ޖެހިލިއިރު، މާކަސް ރެޝްފޯޑް، މެންޗެސްޓާ ޔުނައިޓެޑަށް ޖަހައިދިން 100 ވަނަ ގޯލާ އެކު އެ ޓީމު، 1-0 އިން ވެސްޓް ހޭމް ޔުނައިޓެޑް އަތުން މޮޅުވެއްޖެ އެވެ.

ލީގުގައި ހޮނިހިރު ދުވަހުގެރޭ ލެސްޓާ ސިޓީ އަތުން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ވަނީ އެއް ވަނަ އަށް އަރައިފަ އެވެ. އެކަމަކު، އާސެނަލުން މިރޭގެ ތިން ޕޮއިންޓާ އެކު އަލުން އެއް ވަނަ އަށް ޖެހިލީ 12 މެޗުން 31 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ސިޓީ އަށް 12 މެޗުން ލިބިފައިވަނީ 29 ޕޮއިންޓެވެ.

ޔޫރޮޕާ ލީގުގައި ބުރާސްފަތި ދުވަހުގެރޭ ޕީއެސްވީ އަތުން ބަލިވެ، އާސެނަލުން ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑަކަށް ނިމުން އައުމުގެ މާޔޫސްކަމުން އަރައިގަންނަން މިރޭ ނޮޓިންހަމް ފޮރެސްޓް އަތުން ހޯދީ ބޮޑު މޮޅެކެވެ. މެޗުގެ ފަސް ވަނަ މިނިޓްގައި އާސެނަލަށް ލީޑުނަގައިދިނީ ބުކާޔޯ ސަކާ ނެގި ހުރަހަކުން ގަބްރިއެލް މާޓިނޭލީ ބޮލުން ޖެހި ގޯލުންނެވެ.

އާސެނަލުން އަނެއް ހަތަރު ގޯލު ވެސް ޖެހީ ދެ ވަނަ ހާފުގަ އެވެ. މި ގޯލުތަކުގައި ސަކާ އަށް އަނިޔާވެގެން އާސެނަލުން ކުޅެން އެރުވި ރީސް ނީލްސަންގެ ދައުރު ބޮޑެވެ. ނީލްސަން ވަނީ ދެ ގޯލު ޖެހުމުގެ އިތުރުން ތޯމަސް ޕާޓޭ ޖެހި ގޯލަށް ފުރުސަތު ވެސް ތަނަވަސްކޮށްދީފަ އެވެ. ނީލްސަން އާސެނަލް މެޗެއްގައި ގޯލު މި ޖެހީ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުން ފުރަތަމަ ފަހަރަށެވެ.

ގަބްރިއެލް ޖީސޫސް ދިން ބޯޅައަކުން މެޗުގެ 78 ވަނަ މިނިޓްގައި އާސެނަލްގެ ފަސް ވަނަ ގޯލު ޖެހީ ކެޕްޓަން މާޓިން އޮޑެގާޑް އެވެ. އޭރިއާތެރެއިން އޮޑެގާޑް ވަނީ ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.

ޔުނައިޓެޑްގެ ލަނޑު ޖަހައިދިނުމަށް ފަހު ރެޝްފޯޑް އުފާފާޅުކުރަނީ.

އަމިއްލަ ދަނޑުގައި ވެސްޓް ހޭމް އަތުން ޔުނައިޓެޑް މޮޅުކޮށްދިން ލަނޑު، ރެޝްފޯޑް ޖެހީ މެޗުގެ 38 ވަނަ މިނިޓްގަ އެވެ. މިއީ އޭރިއާބޭރުން ކްރިސްޓިއަން އެރިކްސަން ނެގި ހުރަހަކުން ރެޝްފޯޑް ބޮލުން ގޯލުގެ މަތީ ދާގަނޑަށް އަމާޒުކޮށްލި ބޯޅައެކެވެ.

މި ގޯލާ އެކު، ރެޝްފޯޑް، ޔުނައިޓެޑަށް 100 ގޯލު ހަމަކޮށްދިނީ 318 މެޗު ކުޅެދީގެންނެވެ. ރެޝްފޯޑަކީ ޔުނައިޓެޑްގެ ކާމިޔާބު ތާރީހުގައި އެ ޓީމަށް 100 ގޯލު ޖަހައިދިން 22 ވަނަ ކުޅުންތެރިޔާ އެެވެ. ރެޝްފޯޑްގެ ކުރިން ޔުނައިޓެޑަށް އެންމެ ފަހުން 100 ގޯލު ހަމަކޮށްދިނީ 2009 ވަނަ އަހަރު ވޭން ރޫނީ އެވެ.

ވެސްޓް ހޭމަށް ގޯލެއް ޖަހައިދޭން މި މެޗުގައި އެ ޓީމުން ރަނގަޅު ހަަމަލާތަކެއް ފޮނުވާލި އެވެ. އެ ގޮތުން މިކޭލް އެންޓޯނިއޯ އާއި ކާޓް ޒޫމާ އަދި ޑެކްލަން ރައިސް ފޮނުވާލި ބޯޅަތައް ޔުނައިޓެޑްގެ ގޯލުގައި ހުރި ސްޕެއިންގެ ކީޕަރު ޑޭވިޑް ޑެހެއާ ވަނީ މަތަކޮށްފަ އެވެ.

މި މެޗުން މޮޅުވެ، ޔުނައިޓެޑް ވަނީ ބަލިނުވެ، ޖެހިޖެހިގެން އަށް މެޗު ފުރިހަމަކޮށްފަ އެެވެ. ޔުނައިޓެޑް، ލީގުގައި އޮތީ 12 މެޗުން 23 ޕޮއިންޓާ އެކު ފަސް ވަނައިގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox