ކްލަބް މޯލްޑިވްސް ކަޕްގެ ފައިނަލުގައި ވާދަކުރާނީ ފެނަކަ އާއި އެމްޕީއެލް

Oct 30, 2022, 9:46 PM
ވެމްކޯ ކޮޅަށް މިރޭގެ މެޗުގައި ހެޓްރިކް ހެދި އަޔާ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ވެމްކޯ ކޮޅަށް މިރޭގެ މެޗުގައި ހެޓްރިކް ހެދި އަޔާ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ކްލަބް މޯލްޑިވްސް ކަޕްގެ ސެމީ ފައިނަލުގައި މިރޭ ޓީމު ފެނަކަ އިން 5-3 އިން ކްލަބް ވެމްކޯ ބަލިކުރިއިރު، ފަހަތުން އަރައި ކްލަބް އެޗްޑީސީއާ އެއްވަރުކޮށް، ޕެނަލްޓީ ޖަހައިގެން 7-6 އިން މޮޅުވެ، ފައިނަލުގެ ފަހު ފުރުސަތު އެމްޕީއެލް އިން ހޯދައިފި އެވެ.

ތިން ފަހަރު ޗެމްޕިއަންކަން ހޯދާފައިވާ އެމްޕީއެލް އިން ފަސް އަހަރު ތެރޭ ކުޅޭ ފުރަތަމަ ފައިނަލުގައި ހޮނިހިރު ދުވަހުގެރޭ ފެނަކައާ ކުޅޭއިރު، މިއީ ފެނަކަ އިން މި މުބާރާތުގެ ފައިނަލުގައި ކުޅޭ ފުރަތަމަ ފަހަރެވެ.

މިދިޔަ އަހަރު ފެނަކަ ސެމީ ފައިނަލުން ކެޓީ ޕެނަލްޓީ ޖަހައިގެން، އެންމެ ފަހުގެ ޗެމްޕިއަން، ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ) އަތުންނެވެ. ފެނަކަ އާއި އެމްޕީއެލް މި ފަހަރުގެ ފައިނަލުން ފުރުސަތު ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ.

ފުރަތަމަ ސެމީ ފައިނަލުގައި މިރޭ ފެނަކަ ޓީމުގެ އަޔާޒް އަހުމަދު (އަޔާ) ވަނީ ފުރަތަމަ ހާފުގައި ހެޓްރިކެއް ހަދައިފަ އެވެ. ވެމްކޯ އިން ކުރިއަށް ޖެހިލާ ވަގުތު ފަހަތުން ލިބޭ ޖާގަތަކުގެ ބޭނުންހިފައި، އަޔާ ވަނީ ތިން ބޯޅައެއް ގޯލަށް ފޮނުވާލައިފަ އެވެ.

ދެ ވަނަ ހާފުގެ ކުޅުން ފެށިގެން، ފެނަކަ އިން ވަނީ ފަހަަތަށް ނުޖެހި ކުޅެގެން، އިތުރު ދެ ގޯލު ޖަހައި، ފަސް ގޯލަށް ލީޑުފުޅާކޮށްފަ އެވެ. ރަނގަޅު ވަގުތުގައި ގޯލަށް ބޯޅަ ވައްދާލައިގެން މި ދެ ލަނޑު ޖެހީ ފެނަކަ ޓީމުގެ ކެޕްޓަން، ހުސެއިން ޝަރީފް (އޮންލީ) އެވެ. އޮންލީ އަކީ މި ފަަހަރުގެ މުބާރާތުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އެވެ.

ވެމްކޯގެ ހޮދަދާދީ (ކ) ޖަހާ ޝޮޓެއް ފެނަކަ ޓީމުގެ އޮންލީ ބްލޮކްކުރަނީ: މި މެޗުގައި ޑިފެންސާއި އެޓޭކްގައި ވެސް އޮންލީ ވަނީ ތަފާތު ދައްކާފައި.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ވެމްކޯ އިން އަލުން މެޗުގެ ތެރެއަށް ވަންނަން ކުރި މަސައްކަތުގައި ތިން ގޯލު ޖެހި އެވެ. މި ލަނޑުތައް ޖެހީ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ދެ ގޯލާއި އަބްދުﷲ ޝައްފާން (ޝާކާ)ގެ ގޯލެކެވެ. ޝާކާ ފުރަތަމަ ގޯލު ޖެހީ އޭރިއާ ތެރެއިންނެވެ. ފޭދޫ އިއްބެ ދެ ގޯލުގެ ތެރެއިން ފުރަތަމަ ލަނޑު އޭރިއާބޭރުން ޖެހިއިރު، އަނެއް ލަނޑަކީ އޭރިއާ ރޮނގުމަތިން ގޯލުގެ މަތީ ކަނުގައި ބޯޅަ ތަތްކޮށްލައިގެން ޖެހި ގޯލެކެވެ.

ހަ ވަނަ ގޯލެއް ޖަަހަން، ފެނަކަ ޓީމަށް ރަނގަޅު ދެ ފުރުސަތެއް ލިބުނެވެ. ވެމްކޯގެ ފަސް ފައުލު ހަމަވެގެން ލިބުނު ތިން ޕެނަލްޓީ ވެސް ފެނަކަ އަށް ކާމިޔާބު ނުކުރެވުނެވެ. މި ޕެނަލްޓީތައް ފޮނުވާލީ ބަދަލަކަށް ކުޅެން އެރި އައްޒާމް އަބްދުﷲ (އެޑޫ) އާއި އަހުމަދު ހަލީމް (އައްމަޑޭ) އަދި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އޮންލީ އެވެ.

މެޗުގެ ފަހުކޮޅުގައި ފެނަކަ ޓީމުގެ ފަސް ފައުލު ހަމަވެގެން، ވެމްކޯ އަށް ވެސް ދެ ދުރު ޕެނަލްޓީ ލިބުނެވެ. އެ ގޮތުން ޝާކާ ފޮނުވާލި ދެ ޕެނަލްޓީ ވެސް ކާމިޔާބު ކުރެވޭ ގޮތެއްނުވި އެވެ. އެއް ޕެނަލްޓީ ބޭރުވީ ދަނޑީގައި ޖެހިފަ އެވެ.

ފެނަކަ ޓީމުގެ ކޯޗު އަބްދުﷲ ނަސީރު (އަބޯ) ބުނީ ފައިނަލަށް ދެވުމުން ފެނަކައާ ހަވާލުވިއިރު، ކަނޑައެޅި ފުރަތަމަ ޓާގެޓް ހާސިލްވީ ކަމަށެވެ. އަދި މިއީ މުޅި މުބާރާތުގައި ރަނގަޅު ރޭވުންތެރިކަމާ އެކު ކޮންމެ މެޗެއްގައި ކުޅުމުގެ ނަތީޖާ ކަމަށް އަބޯ ވަނީ ބުނެފަ އެވެ.

އެޗްޑީސީ ޓީމުގެ ޝާއްޕެ އަތުން ބޯޅަ ހޯދަން އެމްޕީއެލްގެ ޗުމްޕު ޓެކަލް ކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ދެ ވަނަ ސެމީ ފައިނަލުގައި މިރޭ ފުރަތަމަ ތިން ގޯލު ވެސް ޖެހީ އެޗްޑީސީންނެވެ. އެ ގޮތުން މެޗުގެ ފަސް ވަނަ މިނިޓްގައި އެޗްޑީސީ އަށް ލީޑުނަގައިދިނީ އަބްދުﷲ ޝާފިއު (ޝާއްޕެ) އެވެ. ފުރަތަަމަ ހާފުގައި ލީޑުގައި އޮވެ، އެޗްޑީސީން ނިންމާލިިއިރު، އެ ޓީމުން ވަނީ ދެ ވަނަ ހާފްގެ ކުޅުން ފެށިގެން އިތުރު ދެ ގޯލު ޖަހައިފަ އެވެ. މި ދެ ލަނޑު ވެސް ޖެހީ ނާއިޒު ހަސަން (ދާދު) އެވެ. ދާދު ފުރަތަމަ ގޯލު ޖެހީ އަމިއްލަ ހާފުގެ ތެރެއިން ހިފައިގެންދިޔަ ބޯޅަ ގޯލުގެ ދުރު ކަނަށް ފޮނުވާލައިގެންނެެވެ. އަނެއް ލަނޑަކީ އޭރިއާބޭރު އަރިމަތިން ޖެހި ގޯލެކެވެ.

އެމްޕީއެލް އިން ނަތީޖާ ހަމަހަމަކުރީ ފަހު ތިން މިނިޓް ތެރޭ ތިން ގޯލު ޖަހަައިގެންނެވެ. މި ތިން ގޯލު ވެސް ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާ، އަލީ ހައިސަމް (ޗުމްޕު) އެވެ.

ޗުމްޕު އޭރިއާތެރެއިން ފުރަތަމަ ގޯލު ޖެހިއިރު، ދެ ވަނަ ގޯލު ޖެހީ ހިލޭ ޖެހުމެއްގައި އެޗްޑީސީގެ ކީޕަރު ފައްޔާޒް ފަޔާޒް (ފައިއްޓެ) ބޯޅަ ހިފަން އުޅުމުގެ ތެރޭގައި ޗުމްޕު ފައިގައި ޖެހިފަ އެވެ. މެޗުގެ ފަހު ތިން ސިކުންތުގެ ތެރޭގައި އެމްޕީއެލްގެ ގޯލްކީޕަރު އިސްމާއިލް ފާތިހު (ތާޑޭ) އެއްލި ބޯޅަ ގޯލަށް ވަނީ ޗުމްޕު ބޮލުގައި ޖެހިފައި ކަމަށް ރެފްރީން ނިންމީ މަޝްވަރާ ކުރުމަށް ފަހު އެވެ. އެ ބޯޅަ ގޯލަށް ވަނީ އެމްޕީއެލް ކުޅުންތެރިއަކު ގައިގައި ނުޖެހި ކަމަށް ބުނެ، އެޗްޑީސީގެ ކުޅުންތެރިންނާއި އޮފިޝަލުން ވަރަށް ބޮޑަށް އެޕީލްކުރި އެެވެ.

ޕެނަލްޓީގައި އެމްޕީއެލް މޮޅުވި ޕެނަލްޓީ ކާމިޔާބު ކުރުމަށް ފަހު ޝަންމު އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އެކަަމަކު، ގޯލެއް ކަމަށް ނިންމައި، ނަތީޖާ ނެރެން ވަނީ ޕެނަލްޓީ ޖަހައިފަ އެވެ.

އެމްޕީއެލް އިން ކުއާޓާ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން އެސްޓީއޯ ބަލިކުރިއިރު، އެ މެޗުގައި ގެނައި ބަދަލު މި މެޗުގައި ވެސް ކުރި އެވެ. އެ ގޮތުން ޕެނަލްޓީ އަށް ކުޅެން އެރީ ދެ ވަނަ ކީޕަރު ވިޝާން އަބްދުލް މަޖީދު އެވެ. އެޗްޑީސީން ވެސް ވަނީ ޕެނަލްޓީ އަށް ކީޕަރު ބަދަލުކޮށްފަ އެވެ. ފައިއްޓެގެ ބަދަލުގައި ދެ ވަނަ ކީޕަރު މުހައްމަދު ޝަފީއު (ޗެކް) ވަނީ ޕެނަލްޓީ އަށް ނެރެފަ އެވެ.

ޕެނަލްޓީގައި އެޗްޑީސީގެ ފުރަތަމަ ޕެނަލްޓީ ޝާއްޕެ ވަނީ ކާމިޔާބުކޮށްފަ އެވެ. އެމްޕީއެލްގެ އަހުމަދު ހުސެއިން (އައްމަޑޭ) ޕެނަލްޓީ ކާމިޔާބުކޮށްފައި ވަނިކޮށް، އެޗްޑީސީން ދެ ވަނަ ޕެނަލްޓީ ޖެހި ހަސަން ސުހެއިލް (ސޮކޭ) ފޮނުވާލި ޕެނަލްޓީ އެމްޕީއެލްގެ ގޯލުގައި ހުރި ކީޕަރު ވިޝާން މަތަކުރި އެވެ. އޭގެ ފަހުން، ލީޑު ނަގަން ލިބުނު ފުރުސަތުގައި އެމްޕީއެލްގެ ސާޖިދު ރަޝީދު ޖެހި ޕެނަލްޓީ ދިޔައީ ހުރަސްދަނޑިމަތިންނެވެ.

އެޗްޑީސީގެ ތިން ވަނަ ޕެނަލްޓީ ސާމިން މުހައްމަދު ނަސީީރު ވައްދާލިއިރު، އެމްޕީއެލްގެ ތިން ވަނަ ޕެނަލްޓީ މުހައްމަދު ޔަފާއު ވަނީ ކާމިޔާބުކޮށްފަ އެވެ.

އެކަަމަކު، އެޗްޑީސީގެ ސުޖާން އަހުމަދު އެ ޓީމުގެ ހަތަރު ވަނަ ޕެނަލްޓީ ފޮނުވާލިއިރު، ކީޕަރު ވިޝާން ވަނީ މި ބޯޅަ ވެސް ހުއްޓުވައިފަ އެވެ. ލީޑުނަގަން ލިބުނު ފުރުސަތުގައި، އެމްޕީއެލްގެ ހަަތަރު ވަނަ ޕެނަލްޓީ އަހުމަދު ނިޒާމް (ނިޒާމްބެ) ވަނީ ކާމިޔާބުކޮށްފަ އެވެ. އެޗްޑީސީގެ ފަސް ވަނަ ޕެނަލްޓީ މިފްރާހު ވަހީދު ކާމިޔާބު ކޮށްފައިވަނިކޮށް، އެމްޕީއެލް މޮޅުވި ޕެނަލްޓީ ވައްދާލީ އަލީ ޝަމާލް އަބްދުﷲ (ޝަންމު) އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox