"މަންމައަކީ ދުނިޔޭގެ ފެންވަރުގައި ހިތްވަރުގަދަކަމުގެ އެވޯޑު ދޭން ޖެހޭ މީހެއް، އަޅުގަނޑު ސަލާމަތްވީ މަންމަގެ ގަދަ ހިތްވަރުން" އިންޓަވިއު ނިންމާލަމުން ގދ. ރަތަފަންދޫ، އައްސޭރިވިލާ, އާފިރު މުހައްމަދު ބުނެލި އެވެ.
އާފިރަކީ މިދިޔަ ހަފްތާގައި ބޭއްވި ޒުވާނުންގެ ދުވަހުގެ ޖަލްސާގައި، ޒުވާނުންގެ އެވޯޑް ހާސިލުކުރި ޒުވާނެކެވެ. މަސްތުވަތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރުމުގެ ދާއިރާއިން ޔޫތު އެވޯޑު ހާސިލުކުރި އާފިރަށް އުމުރުން 33 އަހަރުވީއިރު، އޭނާ ވަނީ ހަޔާތުގެ 13 އަހަރު މަސްތުގެ ދުނިޔޭގައި ހޭދަކޮށްފަ އެވެ. އޭނައަކީ މިހާރު އެތައް ޒުވާނުންނަކަށް ހިތްވަރަކަށްވެ، މަސްތުގެ ވަބާއިން ސަލާމަތް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ރިކަވަރިން އެޑިކެޓެކެވެ.
ގދ. ރަތަފަންދުއަށް އުފަން އާފިރު، އޭނާގެ އާއިލާއާއެކު މާލެ ބަދަލުވީ، ރަށުން ތައުލީމު ހާސިލު ކުރެވެން ނެތީމަ އެވެ. މާލެ އައިސް މަންމަ އާއި ބައްޕަ އާއި އިތުރު ފަސް ކުދިންނާއެކު އާފިރު އުޅެން ޖެހުނީ ކުޑަ ކޮޓަރިއެއްގަ އެވެ. ކޮޓަރި ތެރޭގައި ދެކެވޭ ހުރިހާ ވާހަކައަކާއި، މަންމަ އާއި ބައްޕައާ ދެމެދު ޖެހޭ މައްސަލަތައް ވެސް އެނގޭއިރު، އަބަދު އަޑުއިވެނީ މައިންބަފައިންގެ ޒުވާބުގެ އަޑެވެ. އާފިރު ބުނާ ގޮތުން އޭނާ ހަމަ މަގުން ކައްސާލި ފުރަތަމަ ސަބަބަކީ އެއީ އެވެ.
"ކްލާސް ތެރެއިންނާއި، ސްކޫލުންނާއި، ޓީޗަރުންގެ ވާހަކަތަކާއި، އެހެން ކުދިންގެ ފަރާތުން ފެންނަ ކަންތައްތަކަށް އަޅާބަލާފަ ގޭތެރޭގައި ދިމާވާ ކަންތައްތަކެއް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ. ދެން ހިޔާލު ކުރެވުނީ ނުރަނގަޅު ކަންތައްތަކުގެ ތެރޭގައި އުޅެގެންނޭ އަޅުގަނޑަށް އެހެނިހެން ކަންތައްތަކެއް ފެންނާނީ،" އޭނާ ކިޔައިދިނެވެ.

އިންޓަވިއުގައި އާފިރު އޭނާގެ ހަޔާތުގެ ވާހަކަތައް ކިޔައިދެނީ -- ފޮޓޯ: އަބދުﷲ އިޔާން/ އަދަދު
ގޭތެރޭގައި ހިނގާ ޒުވާބުގެ އަޑު ނާހަންވެގެން އާފިރު ނުކުންނަން ފެށީ އޭނާގެ ރައްޓެހިންނާއެކު ސިގިރޭޓު ބޯންށެވެ. އެހެން އުޅެމުން ގޮސް އުމުރުން 12 އަހަރު ވީއިރު، އޭނާ މަސްތުވާތަކެތި ބޭނުން ކުރަން ފެށި އެވެ. އޭނާގެ ރައްޓެހިން އޭނާއަށް ވިސްނައިދީފައި އޮތް ގޮތުން މަސްތުވާތަކެތި ބޭނުން ކުރާ މީހުންނަކީ ވަރަށް ގަދަ ބައެކެވެ.
ހަގު އުމުރެއްގައި މަސްތުގެ ދުނިޔެއަށް ވަދެވުން ވެގެންދިޔައީ އާފިރުގެ ކިޔެވުން ހަލާކުވެގެން ދިޔަ ކަމަކަށެވެ. އެހެން އުޅެނިކޮށް އޭނާގެ އާއިލާއަށް އޭނާ މަސްތުވާތަކެތި ބޭނުންކުރާކަން އެނގުނެވެ. މާލޭގައި މަސްތުވާތަކެތި ބޭނުނކޮށް ވިޔާނުދާކޮށް އުޅޭތީ، އެކަން ހުއްޓުވަން އޭނާގެ މައިންބަފައިން އޭނާ ފޮނުވާލީ ރަށަށެވެ. ރަށުގައި ދުވަސްކޮޅަކު އުޅުމަށްފަހު ރަށު ސްކޫލަށް ގްރޭޑް އަށަކަށް ދާން ފެށި ނަމަވެސް އާފިރަށް ކިިޔެވޭ ގޮތެއް ނުވި އެވެ.
"އަޅުގަނޑަކީ އެންމެ ކުޑައިރުއްސުރެ ވެސް ވަރަށް ކިޔަވާހިތްވާ ކުއްޖެއް، އެކަމަކު ކިތަންމެ ވަރަކަށް ކިޔަވަން ބޭނުންވިޔަސް، މަސްތުވާތަކެތީގެ ވަބާގަ ޖެހުނީމަ، އެއަށް އަޅުދާސްތުވީމަ، އިތުރަކަށް އަމިއްލަ ނަފްސަކަށް ބާރެއް ނުފޯރުވޭ. ބޭނުންވާ އެއްވެސް ކަމެއް ކުރާކަށް އަމިއްލަ ނަފްސަކަށް ހިތްވަރެއް ނުލިބޭ،" އޭނާ ބުންޏެވެ.
ރަށު ސްކޫލުގައި ވެސް ނުކިޔެވުމުން، އާފިރުގެ މަންމަމެން އޭނާ އަނބުރާ މާލެ ގެނަ އެވެ. ވިޔާނުދާ އުޅުން ދޫކޮށްލާ ރަނގަޅު ވާނެ ކަމަށް ބުނެ މާލެ އައިސް އާފިރު، އެމްއީއެސްއަށް ގްރޭޑު އަށަކަށް ވަނެވެ. އެ ސްކޫލުގައި އޭނާ ގްރޭޑު 10އަކާ ހަމައަށް ކިޔެވިއިރުވެސް، އޭނާ ދިޔައީ އެކި ކަންކަމުގައި އާއިލާ މީހުން ކައިރިން ދޮގު ހަދައިގެން މަކަރާ ހީލަތުން ފައިސާ ހޯދައިގެން ތިން ބާވަތެއްގެ މަސްތުވާތަކެތި ބޭނުންކުރަމުންނެވެ.

އިންޓަވިއުގެ ތެރެއިން އާފިރު އޭނާގެ ހަޔާތުގެ ވާހަކަތައް ކިޔައިދެނީ -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
އޯލެވެލް އިމްތިހާނު ހެދުމަށް މަހެއްހާ ދުވަސް އޮއްވާ ލިބުނު ޗުއްޓީއެއްގައި އާފިރު އޭނާގެ އާއިލާއާއެކު ބައްޕަގެ ރަށް ކަމަށްވާ ގއ. ދާންދުއަށް ދިޔަ އެވެ. ނަމަވެސް ދާންދުއަށް ދިޔަ ދުވަހުގެ ފަހު ދުވަހު، މަސްތުވާތަކެތީގެ މައްސަލައެއްގައި އާފިރު ހައްޔަރުކުރި އެވެ. އަނެއްކާވެސް އޭނާގެ ކިޔެވުން ހުއްޓުނެވެ.
ހައްޔަރުކޮށް ޖަލަށްލުމުން ވެސް މަސްތުވުން ދޫކޮށްލާކަށް އޭނާ ބޭނުމެއް ނުވި އެވެ. ހައްޔަރުން ދޫކޮށްލުމާއެކު މާލެ އައިސް، މާލޭގައި މަސްތުވާތަކެތި ބޭނުން ކުރާ މީހުންނާއެކު މަގުމަތީގައި އުޅެން ފެށި އެވެ.
އޭރު އާފިރުގެ އެ އުޅުން ބަދަލު ކުރުމަށް އޭނާގެ އާއިލާ މީހުން އެތައް މަސައްކަތެއް ކުރި އެވެ. އަމިއްލަ ގޭގައި، ތިރިއަށް ފައިބަން ވެސް ހުއްދަ ނުދީ، އެތައް މަހެއް ވަންދެން ވެސް އޭނާ ގެންގުޅުނެވެ. ނަމަވެސް މަސްތުގެ ވަބާގައި ޖެހިފައި ހުރިވަރުން އޭނާއަށް ބޭރަށް ނިކުމެވޭ ކޮންމެ ފަހަރަކު މަސްތުވާތަކެތި ބޭނުން ކުރަން ދެ އެވެ.
"މާލޭގައި ހުންނާނީ ހަފްތާއެއްހާ ދުވަހު، އެހެން ނޫނިއްޔާ ހަމަ ކޮންމެވެސް ޖަލެއްގައި އޮންނާނީ. އަޅުގަނޑުގެ ހަޔާތުގެ ބޮޑުބައި ހޭދަކުރީ ދޫނިދޫން، މާފުށިން ޖަލުތަކުގައި. މާލޭގައި ހަފްތާއެއް، ދެ ހަފްތާ އެންމެ ގިނަވެގެން"
އެހެން އުޅެނިކޮށް ތިން އަހަރަށް ހުކުމްކޮށް، އޭނާ ޖަލަށް ލިއެވެ. ނަމަވެސް ޖަލުން ދޫކޮށްލުމާއެކު އޭނާ އަނެއްކާ ވެސް މަސްތުގެ ދުނިޔެއަށް ދިޔަ އެވެ. އެ ހިސާބަށް ދިޔައިރު، އޭނާގެ މަންމަ ފިޔަވައި އާއިލާގެ އެހެނިހެން މެންބަރުން އޭނާ ދޫކޮށްލައިފި އެވެ. ރަނގަޅުވާނެ ކަމަށް ތަކުރާރުކޮށް ބުނެމެ، ރަނގަޅު ނުވުމުން، ދެން އާއިލާއިން އޭނާ ބަލައިގަންނާކަށް ބޭނުމެއް ނުވި އެވެ. އޭގެ ސަބަބުން އޭނާ އުޅެން ޖެހުނީ މަގުމަތީ އެވެ.
"ގިނަ ރޭރޭ އަޅުގަނޑު ނިދާނީ މަސްވެރިންގެ ޕާކުގަޔާއި މަޖީދިއްޔާ ސްކޫލު ކުރިމަތީގައި ޕާކުކޮށްފައި އެތާ އޮންނާނެ ޕިކަޕެއް އޭރުގަ. މަތި ހިޔާކޮށްފައި އޮންނަ ޕިކަޕެއް. އެ ޕިކަޕުގަޔާއި، ގޭގޭގެ ސިޑި ދަށުގަޔާއި ތަންތަނުގައި ނިދާ ހެދީ އޭރުގައި،" އޭނާ ކިޔައިދިނެވެ.

އާފިރު އޭނަގެ މަންމައާއި ބައިވެރިޔާއާއެކު؛ އޭނާގެ ކާމިޔާބީއަށް އެންމެ ބޮޑު ރޯލެއް ކުޅުނީ މަންމަ
މަގުމަތީގައި އުޅޭއިރު، އޭނާ ކައިބޮއެ ހަދަނީ އޭނާގެ ކޮއްކޮ ސްކޫލަށް ލާންދަމުން މަންމަ ވަރަށް ސިއްރުން ދިއްކޮށްލާ 10 ރުފިޔާ ނުވަތަ ފަސް ރުފިޔާ އަށެވެ. މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށް، ރިހެބިލިޓޭޝަން ފަރުވާއަށް ހުކުމްކޮށްފައި ހުރި އާފިރަށް ރިހެބިލިޓޭޝަން ސެންޓަރުން ޖާގައެއް ލިބުނީ މަންމަ ދޭ ފަސް ރުފިޔާއިން ކާލައިގެން މަގުމަތީ ނިދައިގެން މަސްތުވާތަކެތި ބޭނުން ކުރަން އުޅެނިކޮށެވެ.
އެންޑީއޭއިން ދޭ ވަކި މުއްދަތެއްގެ ތެރޭގައި ރިހެބިލިޓޭޝަނަށް ދާން ބޭނުންވާ ލިޔެކިއުންތަކާއި، މެޑިކަލް ހަމަޖެއްސުމަށް އާފިރަށް ވީ އުނދަގުލަށެވެ. އާއިލާއިން އޭނަ ބާކިކޮށްފައި ހުރުމާއެކު އެކަންކަމަށް އޭނާއަށް އެހީތެރިކަމެއް ފޯރުކޮށްދޭނެ މީހަކު ނުވި އެވެ. ރިހެބަށް ދާން ކޮންމެހެން ބޭނުންވާ މެޑިކަލް ރިޕޯޓު ހެއްދުމުގައި އެހީވީ ހަމައެކަނި އޭނަގެ މަންމަ އެވެ.
"އަޅުގަނޑުގެ މަންމަ، އަޅުގަނޑު ރިހެބަށް ފޮނުވަންވެގެން ދިވެހި ބޭސް ފުނޑާ މީހެއް، ރަށު މީހެއް. އެ ދައްތަ ކައިރިއަށް ގޮސްގެން ތިން ދުވަސް ވަންދެން ދިވެހި ބޭސް ފުނޑައިގެން އަޅުގަނޑުގެ މެޑިކަލް.. މެޑިކަލް ރިޕޯޓެއް ކޮންމެހެން ވެސް ގެންދަންޖެހޭ. މި ދެންނެވިގެން ގޮސް ލާރި ހޯދައިގެން. މެޑިކަލް ހެއްދުމަށްފަހު އަޅުގަނޑު ލާން ބޭނުންވާ ތަކެތި، ގަމީހާ އެކަހަލަ އެއްޗެހި ހޯދީ މަންމަގެ ރައްޓެހި އެކި ގޭގެއިން، މީހުން ލާފައި ހުރި ގަމީސް ޓީޝާޓު ފަދަ އެއްޗެހި ހޯދީ،" އޭނާ ބުންޏެވެ.
އެކި މީހުން ލާފަ ހުރި އަންނައުނު ކަމުން އާފިރު އެ އެއްޗެހި ލީމައި، އެ ތަކެތި ހުންނަނީ އޭނާގެ ހަށިގަނޑަށް ގޯންޏެއް ހެނެވެ. 14 އަހަރު މަސްތުވާތަކެތި ބޭނުން ކުރަން އުޅުނު މީހެއް ކަމުން އޭނާ ހުންނަނީ ވެސް ވަރަށް ހިކިކޮށެވެ. މިކަމުގެ ސަބަބުން، އޭނާއަށް އަރަން ލިބުނު ބޫޓަށް ފޮތި ލައްވައިގެން ލާއިރުވެސް އެ ބޫޓު އޭނާއަށް ވަރަށް ބޮޑެވެ. އޭގެ ސަބަބުން ރިހެބުގައި އޭނާއަކީ "ޓްވީޓީ"އެއް ކަމަށް ބުނެ ރިހެބުގައި ތިބި އެހެން ކުދިންގެ ފަރާތުން އޭނާއަށް މަލާމާތް ވެސް ރައްދުވި އެވެ.
މަސްތުން ސަލާމަތްވުމުގެ ހިތްވަރު؛ މަންމަގެ ލޮލުން އޮހުނު ކަރުނަ
އާފިރު ކިޔައިދިން ގޮތުގައި މަސްތުވާތަކެއްޗާ ދުރުވުމަށް އޭނާ އަޒުމު ކަނޑައެޅީ، ރިހެބަށް ހިންމަފުއްޓަށް ދާން މާލެއިން ފުރި ދުވަހު ކަމަށެވެ. ރިހެބަށް ދާން ވެގެން ވެހިކަލްގައި އެންޑީއޭގެ ގޭޓުން ނިކުތްއިރު، އެންޑީއޭ ކައިރީގައި ހުއްޓިގެން ހުރި އޭނަގެ މަންމަގެ ލޮލުން އޮހޮނު ކަރުނަ ފެނިފަ އެވެ.

އާފިރު އިންޓަވިއުގެ ތެރެއިން؛ އޭނާއަށްޓަކައި މަންމަވީ ގުރުބާނީގެ ވާހަކަތައް ކިޔައިދެމުން ރޮވިފައި -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
"އެ ވެހިކަލް ތެރޭގައި އިނދެ އަޅުގަނޑު އެވަގުތު އަޒުމު ކަނޑައެޅިން މިއަދަކީ މީ މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވުމަށް ކެނޑިނޭޅި މަސައްކަތް ކުރުމަށް ފަށާނެ ދުވަހޭ މީ. އަޅުގަނޑު އަޒުމު ކަނޑައެޅީ އަޅުގަނޑުގެ މަންމަގެ ލޮލުން ދެން އަޅުގަނޑާހެދި އެގޮތަށް ކަރުނަ އަޅާކަށް ނުޖައްސާނަމޭ. އެއީ 2015 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 19 ވަނަ ދުވަސް"
އާފިރު ދިޔަ ހިންމަފުށީ ރިހެބިލިޓޭޝަން ސެންޓަރަކީ ދުންފަތުގެ އިސްތިއުމާލު ކުރުން ވެސް މަނާ ތަނެކެވެ. ނަމަވެސް، ރިހެބަށް ވަގަށް ގެންދަން ވެގެން އޭނާ ދިޔައީ ދުންފަތުގެ އިސްތިއުމާލު ކުރާ ސާމާނު ވެސް ހިފައިގެންނެވެ. ނަމަވެސް، ވެހިކަލްގައި ހުރެ ކަނޑައެޅި އަޒުމާ އެއްގޮތަށް ދުންފަތުން ވެސް ދުރުވާން، ރިހެބިލިޓޭޝަން ސެންޓަރަށް ވަންނަމުން އޭނާ އެތަކެތި އެޅީ ޑަސްބިނަށެވެ.
ރިހެބުގައި ހޭދަ ކުރި މުއްދަތުގައި ކޮންމެ ހަފްތާއަކު ފޯނު ކޯލެއް ލިބުނު ނަމަވެސް، އޭނާގެ މަންމަގެ ފޯނުގައި ލާރި ނުހުންނާތީ، ގިނަ ފަހަރަށް އާފިރަށް އޭނަގެ މަންމައާ ވާހަކަ ދެއްކޭގޮތެއް ނުވެ އެވެ. ރިހެބުގައި އާފިރަށް ބޭނުންވާ ތަކެތި ހޯދަން އޭނަގެ މަންމައަށް ގުޅާ، އާފިރަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިނީ އޭނާއަށް ލިބުނު ކައުންސެލަރެވެ.

އާފިރު ހިންމަފުށީގައި ސެޝަނެއް ނަގައިދެނީ
ވަރުގަދަ އަޒުމަކާއެކު ތިން މަސް ދުވަސްތެރޭގައި އޭނާ ފަރުވާ ފުރިހަމަ ކުރި އެވެ. ދެން ޖެހުނީ މުޖުތަމައު ތެރެއަސް ނިކުމެ، ކޮމިއުނިޓީ މަރުހަލާ ފުރިހަމަ ކުރާށެވެ. އެހިސާބުން އާފިރާ ދިމާވީ އިތުރު ގޮންޖެހުމަކާ އެވެ. އާއިލާއިން އޭރުވެސް އޭނާ ބަލައިގަންނާކަށް ތައްޔާރެއް ނޫނެވެ. އެހެންކަމުން އުޅޭނެ ތަނެއް ނުލިބުނެވެ. ނަމަވެސް އޭރު ހިންމަފުށީ ރިހެބިލިޓޭޝަން ސެންޓަރާ ހަވާލުވެ ހުރި އިސްވެރިޔާގެ ސަބަބުން، އޭނާއަށް އެތަނުގައި ހުރެ ކޮމިއުނިޓީ މަރުހަލާ ފުރިހަމަ ކުރުމުގެ ފުރުސަތު ލިބުނެވެ.
ފަރުވާއަށްފަހު ވެސް އާފިރު ވަގުތު ހޭދަކުރީ ހިންމަފުށީގަ އެވެ. ޕިއާ އެޑިއުކޭޓާ ވޮލެންޓިއަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބި ކުދިންނަށް އެހީތެރިވުމުގައި އޭނާ އުޅުނެވެ. އޭނާގެ ހަޔާތް އަނބުރާލާ، އޭނާ އެނބުރި މާލެ ދިޔައީ ތިން އަހަރު ފަހުންނެވެ. ހިންމަފުށީގައި ހުރެ، މީހަކާ އިނދެ، މާލެ ދިޔައީ އޭނާގެ އާ ދިރިއުޅުން ފަށަން ތައްޔާރުވެގެންނެވެ.
ގަދަ ހިތްވަރުން މިއަދު އެއީ ލާމަސީލު މިސާލެއް
ފަރުވާއަށްފަހު މަސްތުވާތަކެއްޗަށް އަނބުރާދާ ގިނަ މީހުން ދަނީ، ކުރާނެ ކަމެއް ނެތި މަގުމައްޗަށް ގިނަވެ، މުޖުތަމައުން ބާކީ ވީމަ އެވެ. އެހެންކަމުން، އޭނާގެ ރިކަވަރީ ހިފަހައްޓާ، އާފިރު މާލެ އައީ އެފަދަ ހުރިހާ ދޮރެއް ބަންދުކޮށްގެންނެވެ.
ރަނގަޅު މުސާރައެއް ލިބޭ ވަޒީފާއަކަށް ނުވި ނަމަވެސް، ޑެލިވަރީ މޭން އެއްގެ ވަޒީފާ ހޯދައިގެން އޭނާ މާލެ އައީ މީހަކާ އިނދެ، އާއިލާގެ އެހީތެރިކަން ވެސް ލިބޭނެ ފަދަ ހާލަތެއްގައި ހުރެ އެވެ. ކާއެއްޗެހި ޑެލިވާ ކުރާ މީހެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ އިތުރަށް ކާޕެންޓްރީއެއްގައި މަސައްކަތް ކުރަމުން، އޭނާ ދިޔައީީ ރަނގަޅު ވަޒީފާ އެއް ހޯދުމަށެވެ.

ޒުވާނުންގެ ދުވަހުގެ ޖަލްސާގައި ރައީސް ސޯލިހް، އާފިރަށް ޒުވާނުންގެ އެވޯޑް ދެއްވަނީ -- ފޮޓޯޅ މުހައްމަދު ޝާބިން/ އަދަދު
މިއަދު އާފިރަކީ މޯލްޑިވްސް ކަސްޓަމްސް ސާވިސަސްގައި މަސައްކަތް ކުރާ ކުޅަދާނަ މުވައްޒަފެކެވެ. ދީނީ ކަންކަމަށް ލޯބި ކުރާ، ސިއްހަތަށް ސަމާލުކަންދޭ، އާއިލާގެ ހުރިހާ ޒިންމާއެއް ނަގާ، މުޖުތަމައަށް އަގުހުރި ޒުވާނެކެވެ. ގަދަ ހިތްވަރާއެކު މަސައްކަތްކޮށްފި ނަމަ ކޮންމެ މީހަކީވެސް ސަލާމަތްވެވިދާނެ މީހަކު ކަން އޭނާ މިއަދު އެވަނީ ސާބިތުކޮށްދީފަ އެވެ.












