ކްލަބް މޯލްޑިވްސް ކަޕްގެ 16 ވަނަ މުބާރާތް މިހާރު ކުރިއަށްދާއިރު، މި އަހަރު ފެންނަ އެންމެ ބޮޑު އެއް ބަދަލަކީ ބިދޭސީ ކުޅުންތެރިން ފިރިހެން ޑިވިޝަނުގައި ކުޅުމެވެ. އެ ގޮތުން ކްލަބް ވެމްކޯ އިން ވަނީ އީރާން ގައުމީ ފުޓްސަލް ޓީމަށް ކުޅެފައިވާ އަލީ ހޮދަދާދީ ގެނެސްފަ އެވެ. އޭގެ އިތުުރުން، ކްލަބް މޯލްޑިވްސްގައި މި ފަހަރު ފެނުނު ޓީމު އެމްޓީސީސީ އަށް ވަނީ ސްރީ ލަންކާ ގައުމީ ފުޓްބޯޅަ ޓީމުގެ މުހައްމަދު ފަސަލް ވެސް ކުޅެފައިވެ އެވެ.
ރާއްޖޭގައި ބޭއްވޭ އެންމެ ގިނަ ދުވަސްވީ ފުޓްސަލް މުބާރާތް، ކްލަބް މޯލްޑިވްސް ކަޕްގައި އޭޝިއާ ލެވަލްގެ ފުޓްސަލްގެ ކާމިޔާބީ އަށް ބަލާއިރު، މިހާތަނަށް ފެންނަ އެންމެ މޮޅު ކުޅުންތެރިއަކީ ވެމްކޯ އަށް މި ފަހަރު ކުޅޭ ހޮދަދާދީ އެވެ.
ހޮދަދާދީ ވަނީ 2017 ވަނަ އަހަރު އޭޝިއާގެ 20 އަހަރުން ދަށުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދި އިރާން ޓީމަަށް ކުޅެފަ އެވެ. އެ ފަހަރުގެ މުބާރާތުގައި އީރާނަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކި ކުޅުންތެރިންގެ ތެރޭގައި ވެސް އޭނާ ހިމެނެ އެވެ.

ހޮދަދާދީ، އީރާން ޓީމާ އެކު އޭޝިއާގެ 20 އަހަރުން ދަށުގެ މުބާރާތް ކާމިޔާބު ކުރުމަށް ފަހު އުފާފާޅުކުރަނީ.---
ކްލަބް މޯލްޑިވްސް ކަޕްގައި ހޮދަދާދީ ވަނީ މިހާތަނަށް ވެމްކޯ އިން ކުޅުނު ފަސް މެޗުގައި ވެސް މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެ މެޗުތަކުގައި ޖުމްލަ ފަސް ގޯލު ޖެހިއިރު، ދެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އެވެ.
ކުއާޓާ ފައިނަލުގައި ވެމްކޯ އިން އެންމެ ފަހުގެ ޗެމްޕިއަން، ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ) ކަޓުވާލިއިރު، އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ހޮދަދާދީ ވަނީ މުހިންމު ވަގުތުގައި މޮޅު ދެ ގޯލު ޖަހައިފަ އެވެ. ޑިފެންސް ކުރަން ޖެހޭ ދަނޑިވަޅުގައި ޓީމު ހަމަޔަކަށް އެޅުވުމުގައި ވެސް އޭނާގެ ދައުރު ރަނގަޅުކަން ވެމްކޯގެ ކޯޗު އަހުމަދު ތޯހާ ވެސް ވަނީ ފާހަގަކޮށްފަ އެވެ.
އާރްއާރްސީ އަތުން ވެމްކޯ މޮޅުވި މެޗަށް ފަހު ދިން އިންޓަވިއުއެއްގައި ހޮދަދާދީ ބުނީ ވެމްކޯގައި އޮތީ ރަނގަޅު ޓީމެއް ކަމަށާއި ޖުމްލަކޮށް މުޅި މުބާރާތް ވެސް ދަނީ ވަރަށް ރަނގަޅަށް ކަމަށެވެ.
"ރާއްޖެ އަކީ ފުޓްސަލްގެ ގައުމެއް. ވަރަށް މޮޅު ކުޅުންތެރިން. އަސްލު ފުޓްސަލް އަކީ އިންޑޯ ގޭމެއް ވިޔަސް. މި ތަނުގައި (އާޓިފިޝަލް ޓާފްގައި) ވެސް މި ކުޅުންތެރިން ވަރަށް މޮޅަށް އެބަކުޅޭ،" ހޮދަދާދީ ބުންޏެވެ. "އަހަރެމެންގެ ޓީމަށް އަދިވެސް ރަނގަޅު ކުރެވޭނެ ކަންކަން އެބަހުރި،"

އާރްއާރްސީގެ ހާއްޕެ ކައިރިން ވެމްކޯގެ ހޮދަދާދީ ބޯޅަ ހިފައިގެންދާން މަސައްކަތް ކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ކްލަބް މޯލްޑިވްސް ކަޕްގައި މިރޭ ސެމީ ފައިނަލް ފުރަތަމަ މެޗުގައި ވެމްކޯ އިން ކުޅޭނީ ޓީމު ފެނަކައާ އެވެ. އެ މެޗަށް ނުކުންނައިރު، ވެމްކޯ އާއި ފެނަކަ ވެސް ވަނީ މުބާރާތުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން މޮޅުވެފަ އެވެ.
ކުއާޓާ ފައިނަލުގައި ފެނަކަ އިން 4-0 އިން ދިވެހި ސިފައިންގެ ކްލަބް ބަލިކުރި މެޗުގެ މޮޅު ކުޅުންތެރިއަކީ އެ ޓީމުގެ ތަރި އަޔާޒް އަހުމަދު (އަޔާ) އެވެ. އަޔާ ވަނީ މި މުބާރާތުގައި މިހާތަނަށް ފަސް މެޗުން ހަތް ގޯލު ޖަހައި، ތިން މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ.
ސިފައިން މެޗަށް ފަހު އަޔާ ދިން އިންޓަވިއުއެއްގައި ބުނީ މިހާތަނަށް އައިއިރު، ފެނަކަ ޓީމަށް މުބާރާތް ދަނީ ވަރަށް ރަނގަޅަށް ކަމަށެވެ. އަދި ކްލަބް މޯލްޑިވްސް ކަޕަކީ މިހާތަނަށް އަޔާ އަށް ނުލިބި އޮތް ހަމައެކަނި މުބާރާތް ކަމަށްވާއިރު، މި މުބާރާތުގެ ތަށި ހޯދަން މި ފަހަރުގެ މުބާރާތުގައި ފެނަކަ އިން ކުރާ މަސައްކަތުގައި އިސް ރޯލެއް ކުޅުމަކީ އަޔާގެ އަމާޒެކެވެ.
ކްލަބް މޯލްޑިވްސް ކަޕްގެ ސެމީ ފައިނަލުގައި މިރޭ ކުޅޭ ފުރަތަމަ މެޗުގައި 20:15 ގައި ވެމްކޯ ބައްދަލުކުރާނީ ޓީމު ފެނަކައާ އެވެ. ދެ ވަނަ މެޗުގައި މިރޭ 22:15 ގައި އެމްޕީއެލް އިން ކްލަބް އެޗްޑީސީއާ ވާދަކުރާނެ އެވެ.












