ކްލަބް މޯލްޑިވްސް ކަޕްގެ ކުއާޓާ ފައިނަލްގައި މިރޭ ޕެނަލްޓީ ޖަަހައިގެން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން 6-5 އިން އެސްޓީއޯ ބަލިކުރިއިރު، ފަހު ސިކުންތުގައި ގޯލު ޖަހައި، 4-3 އިން ސްޓެލްކޯ ކްލަބް އަތުން ކްލަބް އެޗްޑީސީ މޮޅުވެއްޖެ އެވެ.
ރާއްޖޭގައި ބޭއްވޭ އެންމެ ދުވަސްވީ ފޯރިގަދަ ފުޓްސަލް މުބާރާތުގެ ކުއާޓާ ފައިނަލްގެ މެޗުތައް ނިމިފައިވާއިރު، އަންނަ އާދިއްތަ ދުވަހުގެރޭ ސެމީގެ ފުރަތަމަ މެޗުގައި ކްލަބް ވެމްކޯ ކުޅޭނީ ޓީމު ފެނަކައާ އެވެ. ދެ ވަނަ ސެމީގައި އެޗްޑީސީން ނުކުންނާނީ އެމްޕީއެލްއާ ދެކޮޅަށެވެ.
މި ފަހަރުގެ މުބާރާތުގައި އެމްޕީއެލް އަށް ޗެމްޕިއަންކަން ނުލިބިއްޖެނަމަ، ކްލަބް މޯލްޑިވްސް ކަޕްގައި އާ ޗެމްޕިއަނެއް ފެންނާނެ އެވެ.
އެސްޓީއޯގެ ސަޕޯޓަރުންގެ އަޑުން މުޅި ދަނޑު ގުގުމަމުން ދިޔަ މިރޭގެ މެޗުގައި ލީޑުނެގީ ވެސް އެ ޓީމުންނެވެ. މެޗުގެ ދެ ވަަނަ ހާފުގައި ބަދަލަކަށް ކުޅެން އަރައި، އަހުމަދު ޒިފާން އިބްރާހިމް ވަނީ ލިބުނު ފުރުސަތުގައި އެމްޕީއެލްގެ ކީޕަރު އިސްމާއިލް ފާތިހު (ތާޑޭ) އަތުގައި ޖައްސާފައި ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ. މިއީ މި ފަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގައި ކީޕަރު ފާތިހު ކައިރިން ވަން ފުރަތަމަ ގޯލެވެ.

އެސްޓީއޯގެ އިންމި (ކ) އަތުން ބޯޅަ ހޯދަން އެމްޕީއެލްގެ ޝަމާލް މަސައްކަތް ކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ބަދަލުތަކެއް ގެެނެސްގެން އެމްޕީއެލް އިން ވަނީ ނަތީޖާ އަނބުރާލައިފަ އެވެ. އެމްޕީއެލް އިން އެއްވަރުކުރީ މުހައްމަދު ސާދު ނިޒާރު ޖެހި މޮޅު ގޯލުންނެވެ. މިއީ އޭރިއާބޭރުން ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިގެން ސާދު ޖެހި ގޯލެކެވެ. ބަދަލަކަށް ކުޅެން އެރި، އެމްޕީއެލްގެ ސާޖިދު ރަޝީދު ދިން ބޯޅައަކުން އަލީ ހައިޝަމް (ޗުމްޕު) ވަނީ ގޯލެއް ޖަހައި އެމްޕީއެލް އަށް ލީޑުނަަގައިދީފަ އެވެ. ސާޖިދު ކުޅެން އެރުމަކީ އެމްޕީއެލް ކޮޅަށް ނަތީޖާ އެނބުރުނު އެއް ސަބަބެވެ.
އެމްޕީއެލް އިން ލީޑުނެގިތާ ކުޑައިރުކޮޅެއްގެ ތެރޭގައި އެސްޓީއޯގެ އިސްމާއިލް އީސާ (މެސީ) ކުރި ފައުލަކަށް އޭނާ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދެއްކި އެވެ. ކުޅުންތެރިއަކު މަދުކޮށް ވަގުތު ކޮޅެއް ކުޅެން ޖެހުނުތާ އިރުކޮޅެއްގެ ތެރޭގައި އެސްޓީއޯގެ ފަސް ފައުލު ހަމަވި އެވެ.
އޭގެ ފަހުން، އެސްޓީއޯގެ މުހައްމަދު އިމްރާން (އިންމި) ވަނީ ގޯލެއް ޖަހައި އެ ޓީމަށް އެއްވަރުކޮށްދީފަ އެވެ. އަލުން ލީޑުނަގަން އެމްޕީއެލަށް ލިބުނު ފުރުސަތު ބޭނުމެއް ނުކުރެވުނެވެ. އެސްޓީއޯ އިން ކުރި ހަ ވަނަ ފައުލަކަށް ދިން ދުރު ޕެނަލްޓީގައި އަލީ ޝަމާލް އަބްދުﷲ ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ. ކްލަބް މޯލްޑިވްސް ކަޕްގެ އެންމެ ކާމިޔާބު ދެ ޓީމުގެ ކުރިމަތިލުމުގައި މިރޭ ނަތީޖާ ކަނޑައެޅީ ޕެނަލްޓީ ޖަހައިގެންނެވެ.
ޕެނަލްޓީ އަށް އެމްޕީއެލް އިން ވަނީ ގޯލްކީޕަރު ބަދަލުކޮށްފަ އެވެ. މުޅި މުބާރާތުގައި މޮޅަށް ކުޅެމުން އަންނަ ފާތިހުގެ ބަދަލުގައި ކުޅެން އެރީ ދެ ވަނަ ކީޕަރު ވިޝާން އަބްދުލް މަޖީދު އެވެ.
ޕެނަލްޓީގައި އެސްޓީއޯގެ ޒިފާން، އެ ޓީމުގެ ފުރަތަމަ ޕެނަލްޓީ ފޮނުވާލަން ދިޔައިރު، އޭނާ ޖެހި ޕެނަލްޓީ ދަނޑީގައި ޖެހިފައި ބޭރުވީ އެވެ، އެމްޕީއެލްގެ ފުރަތަމަ ޕެނަލްޓީ އަހުމަދު ހުސެއިން (އައްމަޑޭ) ވަނީ ގޯލަށް ވައްދާލައިފަ އެވެ. އެސްޓީއޯގެ ދެ ވަނަ ޕެނަލްޓީ މުހައްމަދު ސަނީމް ފޮނުވާލިއިރު، ކީޕަރު ވިޝާން ވަނީ އެ ބޯޅަ ހުއްޓުވައިފަ އެވެ. އެމްޕީއެލް އިން ދެ ވަނަ ޕެނަލްޓީ ފޮނުވާލި ސާޖިދު ވެސް ވަނީ ޕެނަލްޓީ ކާމިޔާބު ކޮށްފަ އެވެ.

އެމްޕީއެލްގެ ކީޕަރު ވިޝާން އެސްޓީއޯ އިން ފޮނުވާލި ޕެނަލްޓީ މަތަކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
އެސްޓީއޯ އިން ތިން ވަނަ އަށް ޖެހި ޕެނަލްޓީ ހަސަން މުހައްމަދު ވަނީ ބޯޅަ ގޯލަށް ވައްދާލައިފަ އެވެ. އެމްޕީއެލްގެ ތިން ވަނަ ޕެނަލްޓީ ކާމިޔާބުކުރީ މުހައްމަދު ޔަފާއު (ޔާ) އެވެ. އެ އަށް ފަހު އެސްޓީއޯގެ ހަތަރު ވަނަ ޕެނަލްޓީ އިޔާން އަހުމަދު ރަޝީދު ކާމިޔާބުކޮށްފައި ވަނިކޮށް، އެމްޕީއެލްގެ ހަތަރު ވަނަ ޕެނަލްޓީ ޖަހަން ދިޔަ ހައިޝަމް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ. އެސްޓީއޯގެ ފަސް ވަަނަ ޕެނަލްޓީ އިމްރާން ވަނީ ގޯލަށް ވައްދާލައި އުންމީދެއް ހޯދި އެވެ. އެކަމަކު، ފަސް ވަނަ ޕެނަލްޓީ ޖަހައި، އެމްޕީއެލް މޮޅުކޮށްދިން ޕެނަލްޓީ ކާމިޔާބުކުރީ މެޗުގައި ދުރު ޕެނަލްޓީ ނާކާމިޔާބުވި ޝަމާލް އެވެ.
އެމްޕީއެލްގެ މެނޭޖަރު މުހައްމަދު އަބްދުލް ރަހުމާން ބުނީ މިއީ ވަރަށް ރަނގަޅަށް ކުޅެގެން ހޯދި މޮޅެއް ކަމަށާއި ޓީމާ އެކު ކޯޗު އަހުމަދު ވިސާލް (އަންދު)، އާއިލީ ކަމެއްގެ ސަބަބުން ނެތް ކަމުގައި ވިޔަސް ޓީމަށް އިރުޝާދު ދިނުމުގައި ފަހަތުގައި ހުންނަ ކަަމަށެވެ.
އަދި ޕެނަލްޓީ އަށް ދިއުމުން ދެ ވަނަ ކީޕަރު، ވިޝާން ކުޅެން އަރުވަން ނިންމުމަކީ ވެސް އަންދުގެ ލަފާގެ މަތިން ކުރި ކަމެއް ކަމަށް ވަނީ ބުނެފަ އެވެ.
ކުއާޓާ ފައިނަލްގެ ފަހު މެޗުގައި މިރޭ ފުރަތަމަ 12 މިނިޓް ތެރޭ އެޗްޑީސީން ވަނީ ސްޓެލްކޯ ކޮޅަށް ދެ ގޯލުގެ ލީޑެއް ނަގައިފަ އެވެ. އެ ގޮތުން ސްޓެލްކޯ ފަހަތުން ހުސްވި ޖާގައެއްގައި މެޗުގެ ހަތަރު ވަނަ މިނިޓްގައި އެޗްޑީސީ އަށް ލީޑުނަގައިދިނީ ޓީމުގެ ކެޕްޓަން، އަހުމަދު ސިޒާން (ސިއްޕެ) އެވެ. މެޗުގެ 12 ވަނަ މިނިޓްގައި އެޗްޑީސީގެ އަބްދުﷲ ޝާފިއު (ޝާއްޕެ) ހިލޭ ޖެހުމަކުން ގޯލެއް ޖަހައި، އެޗްޑީސީގެ ލީޑުފުޅާކޮށްދިނެވެ.
ސްޓެލްކޯ އިން ގޯލެއް ޖެހޭތޯ ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 28 ވަނަ މިނިޓްގަ އެވެ. އަލީ މާއިޝް (މައްޓު) ދިން ބޯޅައަކަށް އޭރިއާތެރެއަށް ހުސްވި އިބްރާހިމް ރިމާހު (ރިމޭ) މި ލަނޑު ޖެހީ ހަމަޖެހިލައިފަ އެވެ. އޭގެ ފަސް މިނިޓް ފަހުން ހިލޭ ޖެހުމެއްގައި ރަނގަޅު ތަނުގައި ހުރެ ބޯޅަ ފޮނުވާލައި، މުހައްމަދު ވިލްފް ޖެހި ގޯލުން ސްޓެލްކޯ އިން އެއްވަރުކުރި އެވެ.

ސްޓެލްކޯގެ ޖުމައިލް (ކ) ޓެކަލްކޮށްގެން އެޗްޑީސީގެ ޝާއްޕެ ހުއްޓުވަން މަސައްކަތް ކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
އެކަމަކު، ސްޓްލެކޯގެ ފަސް ވަނަ ފައުލު ހަމަވެ، ހަ ވަނަ ފައުލަށް ދިން ދުރު ޕެނަލްޓީ ގޯލުގެ މަތީ ކަނަށް ފޮނުވާލައި ޝާއްޕެ ވަނީ އެޗްޑީސީ އަށް އަލުން ލީޑުނަގައިދީފަ އެވެ. އެޗްޑީސީގެ ވެސް ފަސް ފައުލު ހަމަވެ، ހަ ވަނަ ފައުލާ އެކު ދިން ޕެނަލްޓީ ކާމިޔާބުކޮށް ރިމޭ ވަނީ ސްޓެލްކޯ އަށް އަނެއްކާވެސް އެއްވަރުކޮށްދީފަ އެވެ.
މެޗު ނިމެން ތިން ސިކުންތަށް ވެފައި އޮއްވައި، ސްޓެލްކޯ އިން ފައުލެއް ކުރި ކަމަށް ނިންމައި، އެޗްޑީސީ އަށް ދިން ދުރު ޕެނަލްޓީގައި ޝާއްޕެ ފޮނުވާލި ބޯޅަ ސްޓެލްކޯގެ ކީޕަރު ހުސެއިން ރިފާއު މަތަކުރި ނަމަވެސް ރީބައުންސް ބޯޅަ ހޯދައި، ގޯލު ކުރިމަތިން ޝާއްޕެ ވަނީ އެޗްޑީސީ މޮޅުކޮށްދިން ލަނޑު ޖަހައިފަ އެވެ.
އެޗްޑީސީ އަށް ފަހު ޕެނަލްޓީ ލިބުނު ފައުލު ދިން ގޮތާ މެދު އެ ޓީމުން ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރި އެވެ. ސްޓެލްކޯގެ ހުސެއިން ސިފާއު ޔޫސުފް (ކުރޯ) އާއި ޝާއްޕެ ދެ ކުޅުންތެރިއަކު އެއް ފަހަރާ އެެރި ބޯޅައެއްގައި ވަކި ކުޅުންތެރިއަކަށް ފައުލު ކަމަށް ދިނުމުން ސްޓެލްކޯ އިން ހިތްހަމަނުޖެހުނީ އެވެ.
މެޗަށް ފަހު އެޗްޑީސީގެ ކޯޗު އިސްމާއިލް ޝަރީފް (އިއްސެ) ބުނީ ގަޑި ހުއްޓައިގެން ކުޅޭތީ ޓީމަށް ގިނަ ބަަދަލުތަކެއް ގެނެސްގެން ކުޅޭއިރު، ކޮޅަށް ގޯލު ވަންނާނެކަން ވެސް އެނގޭ ކަމަށާއި އެކަމަކު، މުޅި ޓީމު ގޮވައިގެން ކުރާ މަސައްކަތެއްގައި ހުރިހާ ކުޅުންތެރިން ވެސް ބޭނުންހިފޭނެ ދަނޑިވަޅުތަކުގައި އެކަން ކުރަން ޖެހޭނެ ކަމަށެވެ. އަދި އެޗްޑީސީން ފަހު ވަގުތާ ހަމައަށް ވެސް މެޗުން މޮޅުވެވޭތޯ ކުރި މަސައްކަތް ކާމިޔާބުވީތީ އިއްސެ ވަނީ ހިތްހަމަޖެހުން ފާޅުކޮށްފަ އެވެ.












