މީގެ 16 އަހަރު ކުރިން، 2006 ވަނަ އަހަރު ކްލަބް މޯލްޑިވްސް ކަޕްގެ އަލަތު މުބާރާތުގެ ތަށި އުފުލާލީ މޯލްޑިވްސް ޕޯޓްސް އޮތޯރިޓީގެ ނަމުގައި ނުކުތް ޓީމުންނެވެ. އޭގެ ފަހުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ނަމުގައި ވާދަކޮށް 2012 އާއި 2013 ވަނަ އަހަރުގެ ތަށި އުފުލާލި އެވެ.
ކްލަބް މޯލްޑިވްސް ކަޕްގެ ތާރީހަށް ބަލާއިރު، އެމްޕީއެލްއާ އެއް ސަފެއްގައި ކާމިޔާބީ އަށް ބަލާނަމަ، އެއް ހަރުފަތް ކުރީގައި އޮތް ޓީމަކީ އެސްޓީއޯ އެވެ. އެސްޓީއޯ އަކީ ކްލަބް މޯލްޑިވްސްގެ އެންމެ ކާމިޔާބު ޓީމެވެ. ޖުމްލަ ހަތަރު ތަށި ހޯދާފައިވާއިރު، އެ ރެކޯޑާ އެންމެ ގާތުގައި އޮތް އެމްޕީއެލާ ކުޅޭ މެޗަކީ އަބަދުވެސް ފޯރިގަދަވާނެ ކުރިމަތިލުމެވެ.
މި ފަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގެ ކުއާޓާ ފައިނަލާ ހަމައަށް އައިއިރު، އެމްޕީއެލް އާއި އެސްޓީއޯ ކޮންމެ ޓީމެއް ވެސް އޮތީ ސައްތަ އިން ސައްތަ ރެކޯޑަކާ އެކު އެވެ. ހަތަރު މެޗުން ވެސް މޮޅުވެފަ އެވެ. އެކަމަކު، އެސްޓީއޯ އަށް ވުރެން އެމްޕީއެލް އަށް ހިތްހަމަ ޖައްސައިލެވޭނެ އެހެން ބޮޑު ކަމެއް އެބައޮތެވެ. އެއީ އެމްޕީއެލް އަކީ މި ފަހަރުގެ މުބާރާތުގައި ލަނޑެއް ނުވަދެ އޮތް ހަމައެކަނި ޓީމު ކަމަށްވުމެވެ.

އެމްޕީއެލްގެ ކީޕަރު އިސްމާއިލް ފާތިހު: މި ފަހަރުގެ މުބާރާތުގައި އޭނާ ކައިރިން ގޯލެއް ވަދެފައެއްނުވޭ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
އެސްޓީއޯ އަކީ މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށް ވިޔަސް އެ ޓީމުން އެންމެ ފަހުން މުބާރާތުގެ ތަށި އުފުލާލީ މީގެ ހަތް އަހަރު ކުރިން 2015 ވަނަ އަހަރު އެވެ. މި ފަހަރު އެސްޓީއޯ އިން ކްލަބް މޯލްޑިވްސް ކަޕަށް ވަރުގަދަ ރޫހެއްގައި ނުކުމެ، ސާބިތުކޮށްދޭން އަމާޒުހިފީ އެ ޓީމަކީ ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ ފުޓްސަލް މުބާރާތުގެ ރަސްގެފާނު ކަމެވެ.
މި ފަހަރުގެ މުބާރާތުގައި އެސްޓީއޯގެ ކޯޗަކަށް ހުރި އިސްމާއިލް އަނިލް އަކީ މީގެ ކުރިން އެހެން ޓީމުތަކަށް ތަށި ހޯދައިދީފައިވާ ކޯޗެކެވެ. އަނިލް އަށް އެސްޓީއޯގެ ބެންޗުގައި ހުންނައިރު، އޮތް އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ މުޅި ޓީމާ އެކު އެ ކުންފުނީގެ އެންމެން ކަހަލަ ގޮތަކަށް ގުޅިފައި އޮތުމެވެ.
"މެޗު ފޯރިގަދަވާނެ. އަހަރެމެން ރެސްޕެކްޓް ދޭނަން އެ މީހުންނަށް (އެމްޕީއެލް) އަށް. އެ ރެސްޕެކްޓް އަހަރެމެން ހޯދަން ވެސް ހޯދާނަން. އެ ވާ އެއްޗަކީ އަހަރެމެން އެކަން ހޯދާނީ އަހަރެމެންގެ ކޮމިޓްމަންޓާއި މަސައްކަތުން. އެ މެޗަކީ ފުދޭވަރަކަށް ރީތި މެޗަކަށް ވެގެންދާނެ. އިންޝާﷲ މޮޅުވެގެން (އެސްޓީއޯ) ފައިބާނީ. އެ މީހުންގެ ވީކްނަސް އާ އެއްޗެހި ދެނެގަނެގެން އެ ގޮތަށް ކުރިއަށްދާނީ،" އަނިލް ބުންޏެވެ.
"ހަގީގަތުގައި މި ފަހަރު ވަރަށް އުފާވޭ އެސްޓީއޯ މެނޭޖްމަންޓުން އަހަރެމެންގެ ހަ ވަނަ ޕްލޭޔަރު، ހަގީގަތުގައި ހަ ވަނަ ޕްލޭޔަރަކީ އަހަރެމެންގެ ސަޕޯޓަރުން. އެސްޓީއޯގައި މެނޭޖްމަންޓަށް ވަރަށް ޝުކުރު އަދާކުރަން އެއީ ހަ ވަނަ ޕްލޭޔަރު ގެނެސްދޭން ބުނީމަ ވަރަށް ރަނގަޅަށް އެ އޮތީ،"

އިސްމާއިލް އީސާ (މެސީ): މިހާތަނަށް އެސްޓީއޯ ކުޅުނު މެޗުތަކުގައި ރަނގަޅު ކުޅުމެއް ދައްކާފައިވޭ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
އެސްޓީއޯ އިން ހަަތަރު ފަހަރު، ކްލަބް މޯލްޑިވްސް ކަޕްގެ ތަށި ހޯދިއިރު، އެ ޓީމުން އެކަން ހާސިލްކުރީ 2009، 2011، 2014 އަދި 2015 ވަަނަ އަހަރު އެވެ.
އެމްޕީއެލްގެ ކޯޗު އަހުމަދު ވިސާލް (އަންދު) އާއިލީ ކަމެއްގައި މި ވަގުތު ޓީމާ ދުރުގައި ހުރުމުން ޓީމަށް އިރުޝާދު ދިނުމުގައި މިރޭގެ މެޗުގައި އިސްކޮށް ހަރަކާތްތެރިވީ އެސިސްޓަންޓް ކޯޗު، އަހުމަދު ރިޝްފާން (ރިއްޕެ) އެވެ. މިރޭ ކުއާޓާ ފައިނަލުގައި އެސްޓީއޯއާ ދެކޮޅަށް ކުޅޭ މެޗާ ބެހޭގޮތުން ރިއްޕެ ބުނީ އެސްޓީއޯ އަށް ދާން ޖެހޭ އިހުތިރާމް ދޭނެ ކަމަށާއި އެކަމަކު އެމްޕީއެލްގެ ފޯކަސް އަކީ މެޗުން މޮޅުވުން ކަމަށެެވެ.
އެސްޓީއޯ އާއި އެމްޕީއެލް ކުޅޭ ކުއާޓާ ފައިނަލް މެޗު އޮންނާނީ މިރޭ 20:15 ގައި ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގަ އެވެ. ކުއާޓާ ފައިނަލްގެ ފަހު މެޗުގައި މިރޭ 22:15 ގައި ކްލަބް އެޗްޑީސީ ބައްދަލުކުރާނީ ސްޓެލްކޯ ކްލަބާ އެވެ.












