ކްލަބް މޯލްޑިވްސް ކަޕްގެ ގަދަ 16 ބުުރުގެ ފަހު މެޗުތަކުގައި މިރޭ ސްޓެލްކޯ ކްލަބާއި ކްލަބް އެޗްޑީސީ މޮޅުވެ، މުބާރާތުގެ ކުއާޓާ ފައިނަލުގެ ފަހު ޖާގަތައް ހޯދައިފި އެވެ.
ސްޓެލްކޯ އިން ކްލަބް ފެން ބަލިކުރީ 4-2 އިންނެވެ. އަދި އެޗްޑީސީން ވަނީ ކްލަބް އޭވިއޭޝަން ސެކިއުރިޓީ 5-0 އިން ބަލިކޮށްފަ އެވެ. އެޗްޑީސީ އާއި ސްޓެލްކޯ ކުޅޭ ކުއާޓާ ފައިނަލް މެޗު އޮންނާނީ ހުކުރު ދުވަހުގެރޭ 22:15 ގަ އެވެ.
ސްޓެލްކޯ އިން މިރޭ ފެން ކްލަބް ކައިރިން ލީޑުނެގީ މެޗުގެ އަށް ވަނަ މިނިޓްގައި އަލީ މާއިސް (މައްޓު) ޖެހި ގޯލުންނެވެ. މައްޓު ޖެހި ބޯޅަ ގޯލަށް ވަނީ ފެން ޓީމުގެ ކީޕަރު އަބްދުﷲ އުސައިދު އަބްދުލް ހަމީދު އަތުގައި ޖެހިފަ އެވެ. ލީޑުނެގިތާ މިނިޓެއް ފަހުން، ސްޓެލްކޯގެ ދެ ވަނަ ގޯލު ޖެހީ އިބްރާހިމް ރިމާހު (ރިމޭ) އެވެ. އޭރިއާބޭރުން ރިމޭ ޖެހި ބޯޅަ ގޯލަށް ވަނީ ހުރަސްދަނޑީގައި ޖެހިފަ އެވެ.
ދެ ގޯލުގެ ލީޑަކާ އެކު ސްޓެލްކޯ އިން ފުރަތަމަ ހާފު ނިންމާލި ނަމަވެސް ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ހަތަރު މިނިޓް ތެރޭ ސޮލާހު އަލީ (ސޮލާ) ވަނީ ފެން ކްލަބަށް ގޯލެއް ޖަހައިދީފަ އެވެ. މިއީ ކޯނަރެއްގައި ސޮލާހު ނެގި ހުރަހެއް ހިފަން އުޅުމުގެ ތެރޭގައި ސްޓެލްކޯ ކީޕަރު ހުސެއިން ރިފާއު އަތުގައި ޖެހިފައި ވަން ގޯލެކެވެ.

ސްޓެލްކޯގެ ސިފާއު (ކ) އާއި ރިމޭ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ފެން ކްލަބުން ގޯލެއް ޖަހައި މެޗުގެ ތެރެއަށް ވަން ނަމަވެސް ދެން ވެސް ދެ ގޯލު ޖެހީ ސްޓެލްކޯ އިންނެވެ. ހުސެއިން ޝިފާއު ޔޫސުފް (ކުރޯ) ދިން ބޯޅައަކުން ސްޓެލްކޯގެ ތިން ވަނަ ގޯލު ޖެހީ ހުސްކޮށް އެރި ރިމޭ އެވެ. ސްޓެލްކޯގެ ހަތަރު ވަނަ ގޯލު ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާ، މައްޓު ދިން ބޯޅައަކުން ސުއައިދު ސައީދު އެވެ.
ބަދަލަކަށް ކުޅެން އެރި ދެ ކުޅުންތެރިން ގުޅިގެން ކުރި އެޓޭކެއްގައި ފެން ކްލަބުން ދެ ވަނަ ގޯލު ޖެހީ މެޗުގެ ފަހު މިނިޓްގަ އެވެ. ނާއިފް ޝަފީގު (ސީއާރް3) ދިން ބޯޅަ ތޮލާލް ނަސީރު ވަނީ ގޯލަށް ފޮނުވާލައިފަ އެވެ.
މެޗަށް ފަހު ސްޓެލްކޯގެ ކޯޗު އަބްދުﷲ ޝިފާއު ބުނީ ސްޓެލްކޯ ޓީމުގައި ބޮޑަށް ތިބީ އެޓޭކިން ކުޅުންތެރިން ކަމަށްވާއިރު، ކުޅޭ ގޭމްގެ ގޮތުން އެ ޓީމު ކޮޅަށް ގޯލު ވަން ކަމުގައި ވިޔަސް އެ ޓީމަށް ގޯލު ޖެހޭނެ ކަމަށެވެ.
އަދި ކުއާޓާ ފައިނަލުގައި އެޗްޑީސީއާ ކުޅެން ޖެހޭއިރު، އެއީ ވަރުގަދަ މެޗަކަށް ވާނެ ކަމަށް ޝިފާއު ވަނީ ބުނެފަ އެވެ.
އެޗްޑީސީން މިރޭ އޭވިއޭޝަން ސެކިއުރިޓީ އަށް އެއްވެސް ފުރުސަތެއް ނުދީ ވަނީ މެޗުން މޮޅުވެފަ އެވެ. މެޗުގެ ތިން ވަނަ މިނިޓްގައި ހާފުގެ މެދެއްހާ ހިސާބުން ޖެހި ގޯލަކުން ސާމިން މުހައްމަދު ނަސީރު ވަނީ އެޗްޑީސީ އަށް ލީޑުނަގައިދީފަ އެވެ.
އެޗްޑީސީގެ ނާއިޒު ހަސަން (ދާދު) ތަނަވަސްކޮށްދިން ހަތަރު ފުރުސަތަކުން ދެ ވަނަ ހާފުގައި އެ ޓީމުން ވަނީ އިތުރު ހަތަރު ގޯލު ޖަހަައިފަ އެވެ.

އެޗްޑީސީން ގޯލެއް ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ހަ ވަނަ މިނިޓްގައި ދާދު ދިން ބޯޅަ އަށް އަރިމަތިން އަރައި ސާމިން ފޮނުވާލުމުން ގޯލަށް ވަނީ އޭވިއޭޝަން ސެކިއުރިޓީ ކުޅުންތެރިއަކު ފައިގައި ޖެހިފަ އެވެ. ދާދު ދިން ބޯޅަތަކުން އެޗްޑީސީގެ ތިން ވަނަ ގޯލާއި ހަތަރު ވަނަ ގޯލު އަދި ފަސް ވަނަ ގޯލު ޖެހީ ބަދަލަށް ކުޅެން އެރި ކުޅުންތެރިންނެވެ. މި ލަނޑުތައް ޖެހީ އަބްދުﷲ ވިސާމް، އަކްރަމް އަބްދުލް ރަޝީދު އަދި ހަސަން ސުހެއިލް އެވެ.
މެޗަށް ފަހު އެޗްޑީސީގެ ކޯޗު އިސްމާއިލް ޝަރީފް (އިއްސެ) ބުނީ މިހާތަނަށް ޓީމުން ދައްކަމުން އަންނަ ކުޅުމާ މެދު ހިތްހަމަޖެހޭ ކަމަށާއި މިދިޔަ އަހަރާ އަޅާކިޔާއިރު އެޗްޑީސީ ޓީމުން މި ފަހަރު ބަދަލުތަކެއް ފެންނާނެ ކަމަށެވެ. އަދި ކުއާޓާ ފައިނަލުގައި ސްޓެލްކޯއާ ކުޅޭއިރު، އެ ޓީމަށް ވެސް ބަދަލުތަކެއް އައިސްފައިވާއިރު، ކުރިއަށް އޮތީ ދެ ޓީމަށް ވެސް އުނދަގޫވާނެ މެޗެއްގެ ގޮތުގައި އިއްސެ ދެކެ އެވެ.
ކްލަބް މޯލްޑިވްސް ކަޕްގެ ކުއާޓާ ފައިނަލް މެޗުތައް ކުޅޭނީ ބުރާސްފަތި ދުވަހުގެރެޔާއި ހުކުރު ދުވަހުގެރޭގަ އެވެ. ބުރާސްފަތި ދުވަހުގެރޭ ކުޅޭ ކުއާޓާ ފައިނަލް ދެ މެޗަކީ އާރްއާރްސީ އާއި ކްލަބް ވެމްކޯ ކުޅޭ މެޗާއި ޓީމު ފެނަކަ އާއި ދިވެހި ސިފައިންގެ ކްލަބް ބައްދަލުކުރާ މެޗެވެ. ހުކުރު ދުވަހުގެރޭ ކުއާޓާގެ ފަހު ދެ މެޗުގައި ކުޅޭނީ އެމްޕީއެލް އާއި އެސްޓީއޯ އަދި އެޗްޑީސީ އާއި ސްޓެލްކޯ އެވެ.












