ކްލަބް މޯލްޑިވްސް ކަޕްގައި މިރޭ ކުުޅުނު ގަދަ 16 ބުރުގެ މެޗުތަކުން މޮޅުވެ، ކުއާޓާ ފައިނަލުގައި މުބާރާތުގެ އެންމެ ކާމިޔާބު ދެ ޓީމު ކަމަށްވާ އެސްޓީއޯ ރެކްރިއޭޝަން ކްލަބާއި އެމްޕީއެލް ބައްދަލުކުރަން ޖެހިއްޖެ އެވެ.
ގަދަ 16 ބުރުގައި މިރޭ އެމްޕީއެލް އިން ވަނީ 1-0 އިން މޯލްޑިވިއަން ބަލިކޮށްފަ އެވެ. ކްލަބް އެއާޕޯޓްސް އަތުން އެސްޓީއޯ މޮޅުވީ 4-1 އިންނެވެ. އެމްޕީއެލް ކުއާޓާ އަށް ދަތުރުކުރީ އެއްވެސް މެޗަކުން ބަލިނުވެ، ބައިކޮޅަށް ގޯލެއް ވެސް ނުވަދެ އެވެ. އަދި އެސްޓީއޯ އިން ވަނީ މުބާރާތުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ވެސް ރަނގަޅު މޮޅެއް ހޯދައިފަ އެވެ.
އެމްޕީއެލް އާއި އެސްޓީއޯ ކުޅޭ ކުއާޓާ ފައިނަލް މެޗު އޮންނާނީ އަންނަ ހުކުރު ދުވަހުގެރޭ 20:15 ގަ އެވެ.
މޯލްޑިވިއަންގެ މައްޗަށް މިރޭ އެމްޕީއެލް އިން ކުރިހޯދި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު މެޗުގެ ދެ ވަނަ މިނިޓްގައި ކާމިޔާބު ކޮށްދިނީ އަހުމަދު ހުސެއިން (އައްމަޑޭ) އެވެ. ހިލޭ ޖެހުމެއްގައި ކުޅުނު އަވަސް ބޯޅައެއް ގޯލު ކުރިމައްޗަށް ހުރަސްވި ވަގުތު އައްމަޑޭ ވަނީ ހަމަޖެހިލައިފައި ގޯލަށް ވައްދާލައިފަ އެެވެ.

އެމްޕީއެލްގެ ކީޕަރު ފާތިހު (ތާޑޭ) މެޗަށް ފަހު އުފާފާޅުކުރަނީ: މުބާރާތުގައި މިހާތަނަށް ގޯލެއް ނުވަދެ އޮތް ހަމައެކަނި ޓީމަކީ އެމްޕީއެލް.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
މި މެޗުގައި މޯލްޑިވިއަން އަށް ނަތީޖާ ހަަމަހަމަކޮށްދޭން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ހަމްޒާ މުހައްމަދު (ހަމްޕު) އަށެވެ. ހަމްޕު އޭރިއާތެެރެއިން ފުންނާބުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. މި މެޗުގައި މޯލްޑިވިއަން އިން ގޯލާ ސީދާކޮށް ފޮނުވާލި ގިނަ ބޯޅަތަކެއް ހުއްޓުވައި، މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެމްޕީއެލްގެ ކީޕަރު އިސްމާއިލް ފާތިހު (ތާޑޭ) އެވެ.
އެމްޕީއެލް އިން ދެ ވަނަ ގޯލެއް ޖަހަން، ފޮނުވާލި ބޯޅަތައް ހުއްޓުވުމުގައި މޯލްޑިވިއަންގެ ގޯލު ބެލެހެއްޓި މުހައްމަދު ސިޔާޒް ވެސް މޮޅު ކުޅުމެއް ދެއްކި އެވެ.
އެމްޕީއެލްގެ ކޯޗު އަހުމަދު ވިސާލް (އަންދު) އާއިލީ ކަމެއްގައި މި ވަގުތު ޓީމާ ދުރުގައި ހުރުމުން ޓީމަށް އިރުޝާދު ދިނުމުގައި މިރޭގެ މެޗުގައި އިސްކޮށް ހަރަކާތްތެރިވީ އެސިސްޓަންޓް ކޯޗު، އަހުމަދު ރިޝްފާން (ރިއްޕެ) އެވެ.
ރިއްޕެ ބުނީ ވަރަށް ވާދަވެރިކޮށް ދިޔަ މެޗެއްގައި އެމްޕީއެލް އަށް މޮޅުވެވުނީ ޓީމެއްގެ ގޮތުގައި ކުރި މަސައްކަތުން ކަމަށާއި ކުއާޓާ ފައިނަލުގައި ކުޅޭއިރު ވެސް އެ ގޮތަށް މަސައްކަތް ކޮށްފިނަަމަ ކާމިޔާުބު ލިބޭނެ ކަމަށެެވެ.
މުޅިން އަލަށް ކްލަބް މޯލްޑިވްސް ކަޕްގައި ކުޅޭ ކްލަބް އެއާޕޯޓްސް ކޮޅަށް، ފަސް ވަނަ މިނިޓްގައި އެސްޓީއޯގެ އިސްމާއިލް އީސާ ވަނީ ގޯލެއް ޖަހައި ލީޑުނަގައިދީފަ އެވެ. އެސްޓީއޯގެ އަނެއް ތިން ގޯލު ޖަހައި، ހުޒައިފަތު ރަޝީދު (ހުޒޭ) ވަނީ ހެޓްރިކެއް ހަދައި، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ.

މިރޭގެ މެޗުގެ ތެރެއިން އެސްޓީއޯގެ ހުޒޭ (ވ) ގޯލަށް ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
މެޗުގެ ފަހު ކޮޅުގައި ކްލަބް އެއާޕޯޓްސްގެ ހަމައެކަނި ގޯލު ޖެހީ އަލީ އާމިރު އެވެ.
އެސްޓީއޯގެ ކޯޗު އިސްމާއިލް އަނިލް ބުނީ އެސްޓީއޯ އަށް މިހާތަނަށް މުބާރާތް ދިޔައީ ވަރަށް ރަނގަޅަށް ބޭނުންވި ގޮތަށް ކަމަށާއި މެޗުތަކުން މޮޅުވާން ބޭނުންވާ ސަޕޯޓް، ހަ ވަނަ ކުޅުންތެރިޔާގެ ގޮތުގައި ތިބެ، އެސްޓީއޯ ސަޕޯޓަރުން ދެމުން އަންނާތީ އެކަން ވަރަށް ބޮޑަށް ފާހަގަކުރާ ކަމަށެވެ.
އަދި އެމްޕީއެލްއާ ދެކޮޅަށް ކުޅޭ މެޗަކީ ވަރަށް ފޯރިގަދަ ކުރިމަތިލުމެއް ފެންނާނެ މެޗެއް ކަމަށް އަނިލް ވަނީ ބުނެފަ އެވެ.
އެމްޕީއެލް އާއި އެސްޓީއޯ އަކީ ކްލަބް މޯލްޑިވްސްގައި ތާރީހީ ދެ ޓީމެވެ. އެ ގޮތުން އެސްޓީއޯ އިން ހަަތަރު ފަހަރު ތަށި ހޯދިއިރު، އެ ޓީމުން އެކަން ހާސިލްކުރީ 2009، 2011، 2014 އަދި 2015 ވަަނަ އަހަރު އެވެ. އެމްޕީއެލް އިން ޗެމްޕިއަންކަން ހޯދީ 2006، 2012 އަދި 2013 ގަ އެވެ. މި ދެ ޓީމުން މި ފަހަރު ތަށްޓަށް އަމާޒުކޮށް ގިނަ ކަންތައްތަކެއް އަންނަނީ ކުރަމުންނެވެ.
އެސްޓީއޯ އާއި އެމްޕީއެލް މެޗުގެ އިތުރުން މި ފަހަރުގެ ކްލަބް މޯލްޑިވްސްގެ ކުއާާޓާ ފައިނަލުގައި ދެން ކުޅޭ މެޗުތަކަކީ، ކްލަބް ވެމްކޯ އާއި އެންމެ ފަހުގެ ޗެމްޕިއަން އާރްއާރްސީ މެޗާއި ދިވެހި ސިފައިންގެ ކްލަބާއި ފެނަކަ ބައްދަލުކުރާ މެޗާއި ސްޓެލްކޯ ކްލަބާއި ކްލަބް އެޗްޑީސީ މެޗެވެ.












