ކްލަބް މޯލްޑިވްސް ކަޕްގެ ގަދަ 16 ޓީމު ވާދަކުރާ ބުރުގެ މެޗުތައް ފެށި، ކުއާޓާ ފައިނަލްގެ ހަތަރު ޖާގައެއް މިހާރު ޔަގީންވެފައިވާއިރު، މުބާރާތުގެ ފައިނަލަށް ދިއުމުގެ ފުުރުސަތު ގިނަ ޓީމުތަކަށް އޮތީ ހަމަހަމަކޮށް ކަމަށް ޓީމު ފެނަކަގެ ކޯޗު، އަބްދުﷲ ނަސީރު (އަބޯ) ބުނެފި އެވެ.
ފެނަކަ އިން ވަނީ މި ފަހަރުގެ މުބާރާތުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެފަ އެވެ. އެއީ ގްރޫޕް ސްޓޭޖުގައި ޔުނައިޓެޑް ބީއެމްއެލް އާއި ކްލަބް އެއާޕޯޓްސް އަދި ޓީމު ސިވިލް ކޯޓު އަދި ރޭ، ނޮކައުޓް ބުރުގެ ފުރަތަމަ މެޗުގައި ކަސްޓަމްސް ރެކްރިއޭޝަން ކްލަބް އަތުންނެވެ.
ރޭގެ މެޗުތަކަށް ފަހު، ކުއާޓާގެ ފުރަތަމަ ޖާގަތައް ޔަގީންކުރީ ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ)، ކްލަބް ވެމްކޯ، ޓީމު ފެނަކަ އަދި ދިވެހި ސިފައިންގެ ކްލަބް އެވެ. މީގެ ތެރެއިން މުބާރާުތުގެ ފައިނަލަށް ހޮވޭނީ އެއް ޓީމެކެވެ. ކުއާޓާ ފައިނަލުގައި އާރްއާރްސީ ކުޅޭނީ ވެމްކޯއާ އެވެ. އަދި ފެނަކަ ބައްދަލުކުރާނީ ސިފައިންނާ އެވެ.
"މި ފަޅި ވެސް ގޯހެއް ނޫން، ވެމްކޯ އެބައޮތް، މިދިޔަ އަހަރުގެ ޗެމްޕިއަން އާރްޑީސީ ވެސް އެބައޮތް. އެ ތަނުން މި އަންނަނީ މި ކޮޅަށް އަޅުގަނޑުމެންނަށް މި އޮތީ ޑީއެސްސީ (ސިފައިންނާ). ފުދޭ ވަރަކަށް ރަނގަޅަށް މި އޮތީ، ހަމަހަމަ ކޮށް ހަގީގަތުގައި ދެ ފަޅި ވެސް މި އިނީ ބަލާލާއިރު، އަނެއް ފަޅީގައި ދެން އެ އޮތީ އެޗްޑީސީ އާއި އެސްޓީއޯ، ރަނގަޅަށް ބޮޑަށް ތައްޔާރުވި ޓީމުތައް އެމްޕީއެލް، ސްޓެލްކޯ ކަހަލަ ޓީމުތައް ސެމީ ފައިނަލް ވެސް މި ވަރަށް ފޯރިގަދަކޮށް ފެންނާނެ ކަމަށް މި ބަލަނީ،" އަބޯ ބުންޏެވެ.
ފުޓްސަލް ގައުމީ ޓީމުގެ ކޯޗަކަށް ވެސް ދެ ފަހަރެއްގެ މަތިން މަސައްކަތް ކުރި އަބޯ އަކީ މިދިޔަ އަހަރު އާރްއާރްސީން މުބާރާތުގެ ޗެމްޕިއަންކަން ހޯދިއިރު، ޓީމުގެ ކޯޗެކެވެ. އާރްއާރްސީން ދެ ވަނަ ފަަހަރު ތަށި ހޯދަން ނުކުތްއިރު، އަބޯ މިހާރު ހުރީ ފެނަކައާ ހަވާލުވެފަ އެެވެ.
"އެއް ޓީމެއްގައި އުޅުމަށް ވުރެ ތަފާތު ޓީމުތަކުގައި ވެސް އުޅެން ޖެހޭ. ކޯޗެއްގެ ގޮތުގައި އުޅޭއިރު މި ގޮތަށް ވެސް މަސައްކަތް ކުރަން ޖެހޭ. އާރްޑީސީން ވަކިވީ ވަކި ގޯސް ކަމެއް އޮވެގެނެއް ނޫން. ހަމަ ވިސްނުނީ މި ފަހަރު ފެނަކައާ އެކު ކުރިއަށް ދިއުމަކީ ރަނގަޅު ނިންމުމަކަށް ވާނެއޭ،" ފެނަަކައާ އެކު ކުރިއަށްދާން ނިންމި ގޮތާ ބެހޭގޮތުން އަބޯ ބުންޏެވެ.
މެޗަކަށް ފަހު މެޗެއް އަބޯ ބޭނުންވާ ގޮތަށް ފެނަކަ ޓީމު ބައްޓަންވަމުން އަންނަކަން ފާހަގަކޮށް އަބޯ ބުނީ އެންމެ މުހިންމު ކަމަކީ ގިނަ ގޯލުތަކެއް ޖަހައިގެން މޮޅުވުން ނޫން ކަމަށާއި މީގެ އެންމެ ބޭނުމީ ޓީމު ރާވައިގެން ކުރިއަށް ގޮސް ބޭނުންވާ މިސްރާބުން ކަންކަން ހާސިލްކުރުން ކަމަށެވެ.












