ކްލަބް މޯލްޑިވްސް ކަޕްގައި މިރޭ ކުޅުނު ގަދަ 16 ބުރުގެ ފުރަތަމަ މެޗުތަކުން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ) އާއި ކްލަބް ވެމްކޯ، ދިވެހި ސިފައިންގެ ކްލަބް އަދި ޓީމު ފެނަކަ އިން މުބާރާތުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ޖާގަތަށް ހޯދައިފި އެވެ.
މިދިޔަ އަހަރުގެ ފައިނަލުގައި އާރްއާރްސީއާ ކުޅެ ބަލިވި، ޓީމު އެފްއެސްއެމް މި ފަހަރުގެ ގަދަ 16 ބުރުގައި ވެސް ވަނީ ބަލިވެފަ އެވެ. އާރްއާރްސީން މި ފަހަރު އެފްްއެސްއެމް ބަލިކުރީ 2-1 އިންނެވެ. ކްލަބް ވެމްކޯ އިން އެލައިޑް އަތުން މޮޅުވީ 4-0 އިންނެވެ. ސިފައިން ވަނީ 3-0 އިން އެމްއޭސީއެލް ބަލިކޮށްފަ އެެވެ. އަދި ކަސްޓަމްސް ރެކްރިއޭޝަން ކްލަބް އަތުން ފެނަކަ މޮޅުވީ 5-0 އިންނެވެ.
ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗުގައި ވެމްކޯ ކުޅޭނީ އާރްއާރްސީއާ އެވެ. އަދި ދެ ވަނަ މެޗުގައި ސިފައިން ބައްދަލުކުރާނީ ފެނަަކައާ އެވެ.

ވެމްކޯގެ ފޭދޫ އިއްބެ (ކ) ކައިރިން އެލައިޑްގެ ޗޯޓު ބޯޅަ ހިފައިގެންދެވޭތޯ މަސައްކަތް ކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
ރެހެންދި ފުޓްސަލް ދަނޑުގައި މިރޭ ކުުޅުނު ގަދަ 16 ބުރުގެ ފުރަތަމަ މެޗުގެ ފަސް ވަނަ މިނިޓްގައި އާރްއާރްސީ އަށް ލީޑުނަގައިދިނީ އެންމެ ފަހުން ބޭއްވި ކްލަބް މޯލްޑިވްސް ކަޕްގެ ފުޓްސަލް ކިންގަކަށް ހޮވުނު އިބްރާހިމް މައިޝާން އެވެ. އޭނާ ޖެހި ބޯޅަ ގޯލަށް ވަނީ އެފްއެސްއެމް ކުުޅުންތެރިއަކު ފައިގައި ޖެހިފަ އެވެ.
މެޗުގެ 15 ވަނަ މިނިޓްގައި އާރްއާރްސީން ލީޑުފުޅާކުރީ އަލީ ހާފިޒް (ހާއްޕެ) ޖެހި ގޯލުންނެވެ. އެފްއެސްއެމް ފަހަތުން ގެއްލުނު ބޯޅައެއް ހާއްޕެ އަށް ލިބުނު ވަގުތު އޭނާ ވަނީ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.
މެޗުގެ ތެރެއަށް އަލުން ވަންނަން އެފްއެސްއެމް އިން ކުރި މަސައްކަތުގައި އެ ޓީމުން ފޮނުވާލި ގިނަ ބޯޅަތަކެއް އާރްއާރްސީގެ ކީޕަރު މުހައްމަދު ޒުހަލް މަތަކުރި އެވެ. އެކަމަކު، ފުރަތަމަ ހާފުގެ ފަހު މިނިޓްގައި އަހުމަދު ވިޖުދާން (ވިޖޫ) ވަނީ ގޯލެއް ޖަހައި، އެފްއެސްއެމަށް އުންމީދެއް ހޯދައިދީފަ އެވެ. އެކަމަކު، ދެ ވަނަ ހާފްގައި އާރްއާރްސީން ރަނގަޅަށް ޑިފެންސްކޮށް ލީޑުގައި އޮވެ މެޗު ނިންމާލި އެވެ. ލީޑުފުޅާކުރަން އާރްއާރްސީން ވަނީ ރަނގަޅު އެޓޭކްތަކެއް ކޮށްފަ އެވެ.
އާރްއާރްސީގެ ކޯޗު އަހުމަދު ނިސާމް (ފޮޓޯ) ބުނީ ދެ ވަނަ ހާފުގައި ޕްރެޝަރަށް ދާން ޖެހުނީ ލިބުނު ފުރުސަތުތައް ނިންމާނުލެވިގެން ކަމަށާއި އަނިޔާގެ މައްސަލަ ޓީމަށް ދިމާވެފައިވާތީ މި ވަގުތު އުނދަގޫތަކެއް ވެސް އެބަހުރި ކަމަށެވެ.
އެފްއެސްއެމްގެ ކޯޗު އަހުމަދު އިރުފާން ބުނީ މިއީ ވަރަށް ވާދަވެރިކޮށް ދިޔަ މެޗެއް ކަމަށާއި ފަރަގަކީ ދެ ޓީމަށް ލިބުނު ފުރުސަތުތަކުގެ ތެރެއިން ރަނގަޅަށް އޭގެ ބޭންކުރި ޓީމު މެޗުން މޮޅުވީ ކަމަށެވެ.
ގަދަ 16 ބުރުގެ ދެ ވަނަ މެޗުން ވެމްކޯ އިން އެލައިޑް ފަސޭހައިން ބަލިކުރިއިރު، ލަނޑުތައް ޖެހީ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އާއި އައިހަމް އަހުމަދު، އީރާންގެ އަލީ ހޮދަދާދީ އަދި އިސްމާއިލް ވަޖީހު (ވައްޖެ) އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އައިހަމް ވަނީ ގޯލެއް ޖެހުމުގެ އިތުރުން ގޯލެއް ޖަހަން ފުރުސަތު ވެސް ތަނަވަސްކޮށްދީފަ އެވެ.

ސިފައިންގެ އިބްރާހިމް އަތުން ބޯޅަ ހޯދަން އެމްއޭސީއެލްގެ ސަނޫން މަސައްކަތް ކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
މެޗަކުން ބަލިނުވެ، ދެ ވަނަ ބުރުން ފުރުސަތު ހޯދި އެމްއޭސީއެލް ވަނީ ސިފައިން އަތުން ބަލިވެފަ އެވެ. މުހައްމަދު އަލާއުގެ ގޯލުން ފުރަތަމަ ހާފުގައި ސިފައިން ލީޑުނެގި މި މެޗުގައި އެ ޓީމުން އަނެއް ދެ ގޯލު ޖެހީ ދެ ވަނަ ހާފުގަ އެވެ. އެ ޓީމުގެ އަނެއް ލަނޑުތައް ޖެހީ އަބްދުﷲ ސުޖާއު އަދި އިބްރާހިމް އަހުމަދު އެވެ.
ސިފައިން މި ފަހަރުގެ މުބާރާތުން ބަލިވީ ފުރަތަމަ މެޗުގައި ކްލަބް އެޗްޑީސީ އަތުންނެވެ. އޭގެ ފަހުން ސިފައިން ކުޅުނު މެޗުތަކުން މި ވަނީ ގްރޫޕް ސްޓޭޖުގައި ކްލަބް ޓީޓީއެސް އާއި އެމްއެމްއޭ ސޯޝަލް ކްލަބް ބަލިކޮށްފަ އެވެ.
އެމްއޭސީއެލް އަތުން މޮޅުވެ، ކުއާޓާ ފައިނަލުގެ ޖާގަ ސިފައިން ހޯދި މެޗަށް ފަހު އެ ޓީމުގެ ކޯޗު އާތިފް މުހައްމަދު (އާތީ) ބުނީ ހަގީގަތުގައި ފުރަތަމަ މެޗުން އެޗްޑީސީ އަތުން ސިފައިން ބަލިވީ އެންމެ ރަނގަޅު ކުޅުން ދައްކައި، ގޯލު ޖަހަން ލިބުނު ފުރުސަތުތައް ރަނގަޅަށް ނިންމައިނުލެވިގެން ކަމަށެވެ.
އެކަމަކު، އެޗްޑީސީ މެޗަށް ފަހު ދެން ކުޅުނު ހުރިހާ މެޗެއްގައި ލިބޭ ފުރުސަތުކުގައި ގޯލު ޖެހުމަށް ސަމާލުވެގެން ވަރަށް ބޮޑަށް މަަަސައްކަތް ކުރުމުގެ ނަތީޖާ އަކަށްވީ މެޗުތަކުން މޮޅުވެ، ކުރިއަށް ދެވުން ކަން އާތީ ފާހަގަކުރި އެވެ.

ފެނަކަ ޓީމުގެ ކެޕްޓަން އޮންލީ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ: މުބާރާތުގައި އެންމެ ގިނަ ގޯލު ޖަހައިދީފައިވަނީ އޮންލީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ފެނަކަ އިން މިރޭ ކަސްޓަމްސް ކޮޅަށް ލީޑުނެގީ 16 ވަނަ މިނިޓްގައި އޭރިއާބޭރުން އަޔާޒް އަހުމަދު (އަޔާ) ޖެހި ގޯލުންނެވެ. މެޗުގެ 26 ވަނަ މިނިޓްގައި ފެނަކަ ޓީމުގެ ކެޕްޓަން، ހުސެއިން ޝަރީފް (އޮންލީ) ވަނީ އިބްރާހިމް މުބީން (މުއްކި) ދިން ބޯޅައެއް ގޯލަށް ވައްދާލައިފަ އެވެ. މިއީ އޮންލީ މި ފަހަރުގެ މުބާރާތުގައި ޖެހި އަށް ވަނަ ގޯލެވެ.
މެޗުގެ 29 ވަނަ މިނިޓްގައި އަރިމަތިން ބޯޅަ ހިފައިގެން ގޮސް އަޔާ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ދާގަނޑަށެވެ. އެ ބޯޅަ ހުއްޓުވަން ކަސްޓަމްސްގެ ކީޕަރު އިބްރާހިމް ވަހީދު މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބުވާގޮތް ނުވީ ބޯޅައިގެ ބާރުމިނުގެ ސަބަބުންނެވެ.
ފެނަކަގެ ފަހު ދެ ގޯލު ޖެހީ ބަދަލަކަށް ކުޅެން އެރި އައްޒާމް އަބްދުﷲ (އެޑޫ) އެވެ. އެޑޫގެ ދެ ގޯލުގައި ވެސް މެޗުގެ މޮޅު ކުޅުންތެރިޔާ މުއްކި އިސް ރޯލެއް ކުޅުނެވެ. ހެޓްރިކް ފުރިހަމަަ ކުރަން އެޑޫ ޖެހި ޝޮޓެއް އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.
މެޗަށް ފަހު ފެނަކަ ޓީމުގެ ކޯޗު އަބްދުﷲ ނަސީރު (އަބޯ) ބުނީ މިހާތަނަށް އެ ޓީމުން ދައްކަމުން އައި ކުޅުމާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. އަދި މެޗުތަކުގައި ގިނަ ގޯލުތަކެއް ޖެހުމުގެ ބަދަލުގައި ބޭނުންވާ ގޭމް ކުޅެގެން މޮޅުވުމަށް އެންމެ ބޮޑު އިސްކަމެއް ދޭ ކަމަށް އަބޯ ވަނީ ބުނެފަ އެވެ.












