ކްލަބް މޯލްޑިވްސް ކަޕްގެ ގަދަ 16 ބުރުގެ ގުރުއަތުލުން މިއަދު ހަވީރު ކުރިއަށްދިޔައިރު، މި ބުުރުގައި އެންމެ ފަހުގެ ޗެމްޕިއަން، ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ) އާއި ރަނަރަޕް، ޓީމު އެފްއެސްއެމް ވާދަކުރަން ޖެހިއްޖެ އެވެ.
މިދިޔަ އަހަރުގެ ފައިނަލުގައި އާރްއާރްސީން ވަނީ 4-0 އިން އެފްއެސްއެމް ބަލިކޮށްފަ އެވެ. މި ފަހަރުގެ ގްރޫޕް ސްޓޭޖުގައި އެފްއެސްއެމް ވަނީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށްފަ އެވެ. އާރްއާރްސީ އަކީ ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ގްރޫޕް ސްޓޭޖު ނިންމާލި ހަ ޓީމުގެ ތެރެއިން އެއް ޓީމެވެ.
އާރްއާރްސީ އާއި އެފްއެސްއެމް ވެސް މި ފަހަރު ނުކުތީ ބަދަލުތަކާ އެކު ކުރިއަށް ވުރެ ރަނގަޅު ކުޅުންތެރިން ޓީމަށް އިތުރުކޮށްގެންނެވެ. އެފްއެސްއެމްގެ ކޯޗަކަށް މި ފަހަރު ހުރީ އަހުމަދު އިރުފާން އެވެ. މިިދިޔަ އަހަރު އެފްއެސްއެމް ފުރަތަމަ ފަހަރަށް މުބާރާތުގެ ފައިނަލަށް ގެންގޮސްދިނީ ކޯޗު އިސްމާއިލް އިބްރާހިމް (އިސްމަ) އެވެ. އާރްއާރްސީން ތަށި ހޯދި ކޯޗު އަބްދުﷲ ނަސީރު (އަބޯ) މި ފަހަރު ހުރީ ޓީމު ފެނަކައާ ހަވާލުވެ އެވެ. އާރްއާރްސީގެ ކޯޗަކީ މިދިޔަ އަހަރު ފެނަކައިގައި ހުރި އަހުމަދު ނިސާމް (ފޮޓޯ) އެވެ.

ކްލަބް މޯލްޑިވްސް ކަޕްގެ ގަދަ 16 ބުރުގެ މެޗުތައް ރޭވިފައިވާ ގޮތް
ގަދަ 16 ޓީމުގެ ބުރުގެ މެޗުތައް
އާރްއާރްސީ - ޓީމު އެފްއެސްއެމް
ކްލަބް ވެމްކޯ - ޓީމު އެލައިޑް
އެމްއޭސީއެލް - ދިވެހި ސިފައިންގެ ކްލަބް
ޓީމު ފެނަކަ - ކަސްޓަމްސް ރެކްރިއޭޝަން ކްލަބް
އެސްޓީއޯ ރެކްރިއޭޝަން ކްލަބް - ކްލަބް އެއާޕޯޓްސް
އެމްޕީއެލް - މޯލްޑިވިއަން
ކްލަބް އެޗްޑީސީ - ކްލަބް އޭވިއޭޝަން ސެކިއުރިޓީ
ސްޓެލްކޯ ކްލަބް - ކްލަބް ފެން
ގަދަ 16 ބުރުގައި ފޯރިގަދަވާނެ ކަމަށް ބެލެވޭ އެހެން ކުރިމަތިލުންތަކަށް ބަލާއިރު، ކްލަބް ވެމްކޯ އާއި ޓީމު އެލައިޑް މެޗަކީ ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓޭނެ މެޗެކެވެ. އެލައިޑުން ދެ ވަނަ ބުުރުގެ ފުރުސަތު ހޯދީ ކްލަބް އިމިގްރޭޝަން ކަޓުވާލުމަށް ފަހު އެވެ. ޔުނައިޓެޑް ބީއެމްއެލް ފަހަތަށް ޖައްސާލައި، ގަދަ 16 ބުރަށް ދިޔަ ކްލަބް އެއާޕޯޓްސް އާއި ހަތަރު ފަހަރު ޗެމްޕިއަންކަން ހޯދާފައިވާ އެސްޓީއޯގެ މެޗު ވެސް ވަރުގަދަވާނެ އެވެ.
ބައިކޮޅަށް ލަނޑެއް ވެސް ނުވަދެ، ގްރޫޕް ސްޓޭޖު ނިންމާލި ހަމައެކަނި ޓީމު ކަމަށްވާ އެމްޕީއެލް އިން ދެ ވަނަ ބުރުގައި ކުޅޭނީ މޯލްޑިވިއަންއާ އެވެ. ވަރުގަދަ ފޯމެއްގައި އޮތް އެޗްޑީސީން އޭވިއޭޝަން ސެކިއުރިޓީއާ ކުޅޭއިރު، އެމްޓީސީ ކަޓުވާލި ފެން ކްލަބް ދެ ވަަނަ ބުރުގައި ކުޅޭނީ މުބާރާތުގައި އެންމެ ވަރުގަދަ ކޮށް އޮތް އެއް ޓީމު ކަމަށްވާ ސްޓެލްކޯއާ އެވެ.
ކްލަބް މޯލްޑިވްސް ކަޕްގެ ގަދަ 16 ބުރުގެ މެޗުތައް ފަށާނީ ހޯމަ ދުވަހުގެރޭގަ އެވެ.












