ކްލަބް މޯލްޑިވްސް ކަޕްގައި ރޭ ކުޅުނު ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކަށް ފަހު ކްލަބް އެޗްޑީސީ އާއި އެސްޓީއޯ ރެކްރިއޭޝަން ކްލަބުން ގްރޫޕްގެ އެއް ވަނަ ހޯދިއިރު، ދިވެހި ސިފައިންގެ ކްލަބާއި ޓީމު އެލައިޑުން ގަދަ 16 ބުރުގެ ފަހު ދެ ޖާގަ ކަށަވަރުކޮށްފި އެވެ.
ގްރޫޕް ޖީގައި ކްލަބް އެޗްޑީސީން ރޭ 5-2 އިން ކްލަބް ޓީޓީއެސް ބަލިކުރިއިރު، އެ ގްރޫޕްގެ އަނެއް މެޗުގައި ސިފައިން ވަނީ 6-2 އިން އެމްއެމްއޭ ސޯޝަލް ކްލަބް ބަލިކޮށްފަ އެވެ. އެޗްޑީސީ އެއް ވަނަ ދިޔައިީ ތިން މެޗުން ވެސް މޮޅުވެ، ނުވަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ސިފައިންގެ ޓީމަށް ތިން މެޗުން ހަ ޕޮއިންޓް ލިބުނުއިރު، ތިން ވަނައިގައި ނިންމާލި އެމްއެމްއޭ އަށް ތިން ޕޮއިންޓް ލިބުނެވެ. މުޅިން އަލަށް މުބާރާތުގައި ވާދަކުރި ޓީޓީއެސް ފުރަތަމަ މުބާރާތް ނިންމާލީ ޕޮއިންޓެއް ނުލިބި އެވެ.

މުލިއާގެ އާއި އެސްޓީއޯ ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ގްރޫޕް އެޗްގައި ރޭ އެސްޓީއޯ އިން ވަނީ މުލިއާގޭ ރެކްރިއޭޝަން ކްލަބް 10-0 އިން ބަލިކޮށް، ތިން މެޗުން ވެސް މޮޅުވެ ނުވަ ޕޮއިންޓާ އެކު ގްރޫޕްގެ އެއް ވަނަ ހޯދައިފަ އެވެ. ދެ ވަނަ އަށް ދިޔައީ ރޭ ކްލަބް އިމިގްރޭޝަން އަތުން 2-0 އިން މޮޅުވި، ޓީމު އެލައިޑް އެވެ. އެލައިޑަށް ތިން މެޗުން ހަ ޕޮއިންޓް ލިބުނުއިރު، އިމިގްރޭޝަން ތިން ވަނަ އަށް ދިޔައީ ތިން މެޗުން ތިން ޕޮއިންޓާ އެކު އެވެ. ފުލުގައި ނިންމި މުލިއާގެ އަށް ޕޮއިންޓެއް ވެސް ނުލިބެ އެވެ.
އެޗްޑީސީން ރޭގެ މެޗުގައި ބަދަލުތަކެއް ގެނެސްގެން ކުޅުނުއިރު، އެ ޓީމުގެ އަބްދުﷲ ޝާފިއު (ޝާއްޕެ) ވަނީ މެޗު ފެށިއިރު، ބެންޗުގައި އިން ނަމަވެސް ފަހުން އަރައި ހެޓްރިކެއް ހަދައިފަ އެެވެ. އެޗްޑީސީގެ އަނެއް ދެ ގޯލު ޖެހީ ރޭ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު، އަހުމަދު ސިޒާން (ސިއްޕެ) އާއި އަބްދުﷲ ވިސާމް އެވެ.
ރޭ ޓީޓީއެސްގެ ކީޕަރު މުހައްމަދު ރުޝްދާން އޭރިއާބޭރުން ބޯޅައިގައި އަލްލުމުން ވަނީ ސީދާ ރަތް ކާޑެއް ދައްކައިފަ އެވެ. ރުޝްދާނަށް ރަތް ކާޑު ދެއްކުމުން ގޯލަށް އެރީ ޓީޓީއެސްގެ އެޓޭކުގައި ކުޅެމުން އައި، ޝިފާޒް އާދިލް އެވެ. ޝިފާޒް ރަނގަޅު ބޯޅަތަކެއް ހުއްޓުވިއިރު، އޭނާގެ ހިއްސާއާ އެކު ޓީޓީއެސް އިން ދެ ގޯލު ޖެހި އެވެ. މި ލަނޑުތައް ޖެހީ އަބްދުﷲ ފައިސަލް އާއި ހުސެއިން ނާއިމް އެވެ.
ސިފައިންގެ ޓީމުން ރޭ ގޯލުތައް ޖެހީ އަލީ ޝިމާހް، މުހައްމަދު އަލާއު އަދި އިބްރާހިމް އަހުމަދު ކޮންމެ ކުޅުންތެރިއަކު ދެ ގޯލެވެ. އެމްއެމްއޭގެ ގޯލުތައް ޖެހީ އަހުމަދު ފާރިޝް އާއި އިބްރާހިމް ސައިފު އެވެ.
އެސްޓީއޯ އިން ވީހާވެސް ގިނަ ކުޅުންތެރިންތަކަކަށް ފުރުސަތު ދީގެން ރޭގެ މެޗުގައި ކުޅުނުއިރު، އެ ޓީމުން ވަނީ މުލިއާގެ ކޮޅަށް ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ހޯދައި 10 ގޯލު ޖަަހައިފަ އެެވެ. އެސްޓީއޯ ޓީމުގެ އިސްމާއިލް އީސާ (މެސީ)، ހަސަން މުހައްމަދާއި އަހުމަދު ޒިފާން އިބްރާހިމް ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ޖެހި އެވެ. އަނެއް ގޯލުތައް ޖެހީ ހުޒައިފަތު ރަޝީރު (ހުޒޭ)، އަލީ އިފާޒް، އިޔާން އަހުމަދު ރަޝީރު އަދި މުހައްމަދު ސަނީމް އެވެ.
މޮޅު ކުޅުމެއް ދެއްކި އެލައިޑުން އިމިގްރޭޝަން ކޮޅަށް ލީޑުނެގީ ފުރަތަމަ ހާފުގެ ފަހުކޮޅުގައި އިބްރާހިމް ހާމިދު ޖެހި ގޯލުންނެވެ. ދެ ވަނަ ހާފުގައި އިމިގްރޭޝަން ގޯލެއް ޖަހަން ކުރިއަށް ޖެހިލި ވަގުތުގައި އެލައިޑްގެ ދެ ވަނަ ގޯލު ޖެހީ ހުސެއިން އަލީ (އަޗޭ) ހުސްކޮށްލާފައި ދިން ބޯޅައަކުން މުހައްމަދު އިސާމް އެވެ.
ކްލަބް މޯލްޑިވްސްގެ ގަދަ 16 ބުރުގެ ގުރުުއަތުލުން އޮންނާނީ މިއަދު ހަވީރު 17:00 ގައި އެޗްޑީސީ ހޯލުގަ އެވެ.












