ރިޕޯޓުރަށު ޓޫރިޒަމަށް ކުމުންދޫގެ ޕިކްނިކް އޭރިއާ: އިގްތިސާދު ރަނގަޅުވެ، އާމްދަނީ އިތުރުވެއްޖެ

ރަށު ޓޫރިޒަމަށް ކުމުންދޫގެ ޕިކްނިކް އޭރިއާ: އިގްތިސާދު ރަނގަޅުވެ، އާމްދަނީ އިތުރުވެއްޖެ

ކުޅުދުއްފުށި ފަދަ ކައިރި ރަށްރަށުން ވެސް އެ ތަނަށް މީހުން އަންނާތީ ކުމުންދޫގެ އިގްތިސާދު ވަނީ ކުރިއަރަން ފަށާފަ. ޕިކްނިކް އޭރިއާ ބޭނުން ކުރާ މީހުން އަތުން އަދި ފައިސާ ނުނެގި ނަމަވެސް ރަށުގެ ފިހާރަތަކާއި ޕިކަޕު ދުއްވާ މީހުންނަށް، ލޯކަލް ޓޫރިޒަމްގެ ފައިދާ މިހާރު ވެސް ފެނޭ.

ކުމުންދޫ ގޮނޑުދޮށުގައި ތައްޔާރުކޮށްފައިވާ ހިތްގައިމު މާހައުލު - ފޮޓޯ: މިރާޝް ނާޝިމް / އަދަދު
ކުމުންދޫ ގޮނޑުދޮށުގައި ތައްޔާރުކޮށްފައިވާ ހިތްގައިމު މާހައުލު - ފޮޓޯ: މިރާޝް ނާޝިމް / އަދަދު

އެއީ މުޅި ދުނިޔޭގައި އާލަމީ ބަލިމަޑުކަމެއް ފެތުރިގެން އިގްތިސޯދީ ހަރަކާތްތައް ހުއްޓާލި ދަނޑިވަޅެވެ. ރާއްޖޭގެ ރިސޯޓްތައް ވެސް ބަންދުކޮށް ނޯ-ޕޭ ލީވް ނޫނީ ޕޭ-ލީވްއަކަށް މުވައްޒަފުން ފޮނުވާލި ދުވަސްވަރެވެ. ރިސޯޓްތަކުގައި މަސައްކަތް ކުރަމުން ދިޔަ ގިނަ ޒުވާނުންތައް އަނބުރާ އުފަން ރަށަށް އައެވެ.

ރިސޯޓްތަކުގައި މަސައްކަތްކުރަން ބޭނުން ނަމަ، ހދ. އަތޮޅު ޒުވާނުން ދާންޖެހެނީ އުފަން ރަށާ މާ ދުރު ތަނަކަށެވެ. އެ އަތޮޅުގައި ރިސޯޓެއް ނެތީމަ އެވެ. އެކަމަކު ރިސޯޓްތައް ބަންދުކުރުމުން، ކުމުންދޫގެ ޒުވާނުން ވެސް އެނބުރި ރަށަށް އައީ އެވެ.

އެކަމަކު ރަށުގައި އާމްދަނީއެއް ހޯދަން ކުރާނެ މާ ގިނަ ކަމެއް ނެތެވެ. ރިސޯޓް ދިރިއުޅުމަށް ހޭނިފައި ތިބި ކުމުންދޫގެ ޒުވާނުން ދެން ކުރަން ފެށި ކަމަކީ ކުމުންދޫ ޒީނަތްތެރި ކުރުމެވެ. ގޮނޑުދޮށުގެ އެކި ސަރަހައްދުގައި އިށީނދެލައިގެން ތިބެވޭނެ ހިތްގައިމު މާހައުލުތަކެއް ގާއިމްކުރަން ފެށި އެވެ. ރަށު ކައުންސިލްގެ ވެސް އެހީތެރިކަން އޮވެގެން "ޕިކްނިކް އޭރިއާ" އެއް ވެސް އުފެއްދި އެވެ.

"އަޅުގަނޑުމެން ވަރަށް ބޭނުން ކުމުންދޫގައި ޓޫރިޒަމް ފަށަން، އެހެން ރަށްރަށުން ދިވެހިން ވެސް އަންނަން އޮތް ރަށަކަށް ކުމުންދޫ ހަދަން،" ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުހައްމަދު ވިދާޅުވި އެވެ.

ހދ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުކުރަން ފެށިދާނެ ކޮންސެޕްޓްތައް ހޯދުމަށް ޓުއަރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ކުމުންދުއަށް ކުރެއްވި ޒިޔާރަތުގައި އެ ރަށު ޒުވާނުން ކޮށްފައިވާ އެ މަސައްކަތްތައް ވަޒީރާއި ވަޒީރުގެ ވަފުދަށް ދައްކައިލި އެވެ.

މިނިސްޓަރު މައުސޫމްގެ ވަފުދު، ކުމުންދޫ ކައުންސިލްގެ ބޭފުޅުންނާ އެކު ރަށު ތެރޭގައި  - ފޮޓޯ: މިރާޝް ނާޝިމް | އަދަދު
މިނިސްޓަރު މައުސޫމްގެ ވަފުދު، ކުމުންދޫ ކައުންސިލްގެ ބޭފުޅުންނާ އެކު ރަށު ތެރޭގައި - ފޮޓޯ: މިރާޝް ނާޝިމް | އަދަދު

މިނިސްޓަރު މައުސޫމްގެ ވަފުދު، ކުމުންދޫ ކައުންސިލްގެ ބޭފުޅުންނާ އެކު ރަށު ތެރޭގައި - ފޮޓޯ: މިރާޝް ނާޝިމް | އަދަދު

"ކުމުންދޫގަ އަދި ޓުއަރިޒަމް ވިޔަފާރިއެއް، މާ ބޮޑު ހޮޓާތަކެއް، އެނދުތަކެއް ނެތޭ، އެކަމަކު ވެސް އެޑްވާންޓޭޖެއް މި ވަގުތަށް ވެސް އެބަ އޮތް، ކުޅުދުއްފުށީގެ މާރުކެޓް، ކުޅުދުއްފުށިން ލިބޭނެ ދިވެހި ޓުއަރިސްޓުން،" އަމީން އިތުރަށް ވިދާޅުވި އެވެ.

ކުމުންދޫގެ ޒުވާނުން އުފައްދާފައިވާ ބީޗު ސަރަހައްދަކީ އެ ރަށުގެ ޓުއަރިޒަމް މާސްޓަ ޕްލޭން އަދި ލޭންޑް ޔޫސް ޕްލޭންގައި ވެސް ޓުއަރިޒަމަށް ހާއްސަ ސަރަހައްދެއް ގޮތަށް ވަނީ ނިންމައިފަ އެވެ.

ހަފުތާ ބަންދުގަ އާއި، ސްކޫލް ބަންދު ދުވަސްވަރު ރައްޓެހިންނާއި އާއިލާއާއެކު ދަތުރަކު އައިސް މަޖާކޮށްލެވޭނެ ހުރިހާ ހިދުމަތެއްހެން ލިބޭނެ ގޮތަކަށް އެ ސަރަހައްދު ފަރުމާކޮށްފައިވެ އެވެ. ކެއްކޭ ގޮތަށް ބަދިގެއެއް އެ ތަނުގައި ހުރެ އެވެ. ބާބަކިއު އޭރިއާއެއް ހުރެ އެވެ. ފެންވަރައި، ފާހާނާ ކުރެވޭނެ އިންތިޒާމު ވެސް ހުރެ އެވެ.

ކުމުންދޫގެ ކުޅިއާ ވެސް މާ ދުރު ނޫން އެ ސަރަހައްދުގެ ރީތި ގޮނޑުދޮށާއި މޫދާއެކު މާހައުލު ވަރަށް ވެސް ހިތްގައިމެވެ. އެއީ "ވެހިސަރާ ބީޗު ސަރަަހައްދު" އެވެ.

ގާމަތީ ރަށަކަށް ވުމުން ގޮނޑުދޮށުގައި ދޮންވެއްޔަށް ވުރެ ގާ ގިނަ އެވެ. އެކަމަކު އެ ސަރަހައްދުގެ ހިތްފަސޭހަކަމާއި ހަމަހިމޭންކަމާއެކު އާއިލާއާއެކު ދަތުރެއްގެ މަޖާ ކުރެވޭނެ އިންތިޒާމު ނިކަން ފުރިހަމައަށް ހަމަޖައްސާފައި އޮތެވެ.

ކުމުންދޫ ޕިކްނިކް އޭރިއާގައި ތަރައްގީކޮށްފައިވާ ބަދިގެ - ފޮޓޯ: މިރާޝް ނާޝިމް / އަދަދު
ކުމުންދޫ ޕިކްނިކް އޭރިއާގައި ތަރައްގީކޮށްފައިވާ ބަދިގެ - ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ކުމުންދޫ ޕިކްނިކް އޭރިއާގައި ތަރައްގީކޮށްފައިވާ ބަދިގެ - ފޮޓޯ: މިރާޝް ނާޝިމް / އަދަދު

"މި ތަން ހެދި ދުވަސްކޮޅާ ދިމާކޮށް އަދި ވަރަށް ގިނަ މީހުން އައި، ކުޅުދުއްފުށްޓާއި ކައިރި ރަށްރަށުން ވެސް. އޭރު ކޮންމެ ދުވަހަކު ފަންސާސް ފަސްދޮޅަސް މީހުން އައިސް އުޅުނު، މިހާރު އޭރަށް ވުރެ މަދަސް، ހުކުރު ހޮނިހިރު މީހުން އަންނާނެ، ސްކޫލް ބަންދުވާއިރަށް އަދި ނިކަން ގިނައިން އާދޭ،" ސައިޓްގައި ދަތުރުގެ ބައިވެރިން ތިބި ވަގުތެއްގައި ކައުންސިލްގެ އެސިސްޓެންޓް ޑިރެކްޓަރު އަލީ އަބްދުލް ވާހިދު ވިދާޅުވި އެވެ.

ޕިކްނިކް އޭރިއާ ބޭނުންކުރާ މީހުން އަތުން އަދި ފީއެއް ނުނަގަ އެވެ. އެ ތަނަކީ ކޮންމެ މީހަކަށް ވެސް ބޭނުންކުރަން ދޫކޮށްލާފައި އޮތް ސަރަހައްދެކެވެ. އެކަމަކު ވެސް އެ އޭރިއާ ބޭނުންކުރަން ކުޅުދުއްފުއްޓާއި އެހެން ރަށްރަށުން މީހުން އައުމުން، ރަށަށް އެހެން ގޮތްގޮތުން އާމްދަނީ ލިބެ އެވެ. އެއީ ވެސް ރަށުގައި ފަތުރުވެރިކަމެއް ހިނގައިކަމުގެ އިހުސާސް ލިބިދޭ ކަމެއް ގޮތުގައި ކައުންސިލުން ސިފަކުރެ އެވެ.

"ބަނދަރާއި މި ތަނާ ވަރަށް ދުރުވާނެ، ރަށަށް އަންނަ މީހުން މި ތަނަށް އާންމުކޮށް އަންނާނީ ރަށު ޕިކަޕްގަ، ޕިކަޕް ދުއްވާ ކޮންމެ މީހަކަށް އެއީ އިތުރު އާމްދަނީއެއް، ރަށު ފިހާރަތަކުން ވެސް އެބަ ވިޔަފާރިކުރޭ، އެއީ ވެސް ހަމަ ރަށަށް ލިބިދޭ ކުރިއެރުންތަކެއް،" ކައުންސިލްގެ ރައީސް އަމީން ވިދާޅުވި އެވެ.

ކުމުންދޫ ގޮނޑޮދޮށްތަކުގައި ހަދާފައިވާ ހިތްގައިމު މާހައުލެއް - ފޮޓޯ: މިރާޝް ނަޝީމް / އަދަދު
ކުމުންދޫ ގޮނޑޮދޮށްތަކުގައި ހަދާފައިވާ ހިތްގައިމު މާހައުލެއް - ފޮޓޯ: މިރާޝް ނަޝީމް / އަދަދު

ކުމުންދޫ ގޮނޑޮދޮށްތަކުގައި ހަދާފައިވާ ހިތްގައިމު މާހައުލެއް - ފޮޓޯ: މިރާޝް ނަޝީމް / އަދަދު

ކައުންސިލްގެ ރައީސް އަމީން ވިދާޅުވި ގޮތުގައި އެ ތަނަށް މިހާރު މާރާމާތުތަކެއް ބޭނުންވެ އެވެ. އަދި ހިދުމަތްތައް އިތުރަށް ފަހިކޮށް މޮޅު ހިޔާލުތައް އެކުލަވާލަން ވެސް ވިސްނާފައިވެ އެވެ. ކޮންމެ އަހަރަކު ކައުންސިލުން ފާސްކުރާ ބަޖެޓްގައި އެ ސަރަހައްދަށް އިސްކަމެއް ދޭނެ ކަމަށް އޭނަ ވިދާޅުވި އެވެ.

މެޑިކަލް، އީކޯ، ރިސާޗު ޓޫރިޒަމް؛ ކުމުންދޫގެ ތަސައްވުރެއް އެބަ އޮތް!

ކުމުންދޫގެ ކުޅި ސަރަހައްދުގައި ވެސް ނޭޗާ ޕާކެއް އޮތީ ތައްޔާރުކޮށްފަ އެވެ. "ވެރިސަރާ" ޕާކަކީ ކުމުންދޫގެ ރިވައިވަލް އިނިޝިއޭޓިވް (ކުރެވި ޖަމިއްޔާ) އާއި އެ ޖަމިއްޔާގެ ދަށުން އުފެދިފައިވާ ޒީރު ސްޕޯޓްސް ކްލަބުން އެ ރަށުގައި ތަރައްގީ ކުރި ތަނެކެވެ. ހަމަ ކުމުންދޫ ޒުވާނުންގެ ފުރިހަމަ މަސައްކަތެކެވެ.

ނަމަވެސް މި އަހަރުގެ ޖޫން މަހުގެ ތެރޭގައި ބަޔަކު ވަނީ ނޭޗާ ޕާކް ރޯކޮށްލައިފަ އެވެ. ކުމުންދޫގެ ޓޫރިޒަމަށް މުހިންމު އެ ބިނާ ރޯކޮށް ބޭނުން ނުކުރެވޭ ވަރު ކޮށްފައި އޮތަސް ކުމުންދޫގެ ޖަމިއްޔާ ދުލެއް ނުދެ އެވެ. އެ ތަން އަދި އިތުރަށް ތަރައްގީ ކުރަން ޔޫއެންޑީޕީގެ ޕްރޮޖެކްޓެއް ވެސް އޮތީ ހަމަޖެހިފަ އެވެ.

ކުމުންދޫ ކުޅީގައި ތައްޔާރުކޮށްފައިވާ ނޭޗާ ޕާކް - ފޮޓޯ: މީރާޝް ނާޝިމް | އަދަދު
ކުމުންދޫ ކުޅީގައި ތައްޔާރުކޮށްފައިވާ ނޭޗާ ޕާކް - ފޮޓޯ: މީރާޝް ނާޝިމް | އަދަދު

ކުމުންދޫ ކުޅީގައި ތައްޔާރުކޮށްފައިވާ ނޭޗާ ޕާކް - ފޮޓޯ: މީރާޝް ނާޝިމް | އަދަދު

ކުރެވި ޖަމިއްޔާގެ ރައީސް އަލީ ހުސައިން ވިދާޅުވީ ޔޫއެންޑީޕީއާއެކު ވަރަށް އަވަހަށް އެ ޕްރޮޖެކްޓްގެ މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) ގައި ސޮއިކުރާނެ އެވެ. ސޮއިކުރުމާއެކު މަސައްކަތް ކުރިއަށް ދާނެ އެވެ.

އެއީ ޖުމުލަ 30،000 ޑޮލަރުގެ ޕްރޮޖެކްޓެކެވެ. ޕްރޮޖެކްޓްގެ ބޭނުމަކީ ކުމުންދޫގައި އިކޯ ޓޫރިޒަމްގެ ވިޔަފާރި ފެށުމެވެ.

ހާލުފޮޅި، މަށިމާލި، މަށި ކުޅި؛ ސަގާފީ ޓޫރިޒަމްގެ ކޮންސެޕްޓް
ހާލުފޮޅި، މަށިމާލި، މަށި ކުޅި؛ ސަގާފީ ޓޫރިޒަމްގެ ކޮންސެޕްޓް

ހާލުފޮޅި، މަށިމާލި، މަށި ކުޅި؛ ސަގާފީ ޓޫރިޒަމްގެ ކޮންސެޕްޓް

ކުމުންދޫ ކައުންސިލްގެ އުންމީދަކީ ވެސް ނޭޗާ ޕާކަކާއެކު ކުމުންދޫގައި އިކޯ ޓޫރިޒަމްގެ ހަރަކާތްތަކެއް ހިނގުމެވެ. ދުނިޔޭގެ އެކި ޔުނިވާސިޓީތަކުގެ ދިރާސާތަކަށް ކުމުންދޫގެ ކަނޑޫފާ ބޭނުންކުރެވޭނެ ކަމަށް ކައުންސިލުން ދެކެ އެވެ.

ކުމުންދޫގައި ބޭނުން ނުކޮށް އޮތް ބިމުގެ ސަރަހައްދު ވެސް ބޮޑެވެ. އެ ބިންތަކުގައި ވޯޓާ ތީމް ޕާކަކާއި، ނޭޗާ ޕާކްތަކެއްގެ އިތުރަށް މެޑިކަލް ޓޫރިޒަމެއް ފެށުމަށް އެ ބިންތައް ބޭނުން ކުރެވިދާނެ ކަމަށް ކައުންސިލުން ދެކެ އެވެ.

ކުމުންދޫ ކައުންސިލްގެ ޕްލޭން މިނިސްޓަރު މައުސޫމް ބައްލަވާލައްވަނީ - ފޮޓޯ: މީރާޝް ނާޝިމް | އަދަދު
ކުމުންދޫ ކައުންސިލްގެ ޕްލޭން މިނިސްޓަރު މައުސޫމް ބައްލަވާލައްވަނީ - ފޮޓޯ: މީރާޝް ނާޝިމް | އަދަދު

ކުމުންދޫ ކައުންސިލްގެ ޕްލޭން މިނިސްޓަރު މައުސޫމް ބައްލަވާލައްވަނީ - ފޮޓޯ: މީރާޝް ނާޝިމް | އަދަދު

ކައުންސިލުން ވަނީ އެ ތަސައްވުރު ދައްކުވައިދޭ ވީޑިއޯއެއް ވެސް ތައްޔާރުކޮށްފަ އެވެ. މިނިސްޓަރު މައުސޫމްގެ ވަފުދަށް ކައުންސިލުން އެ ވީޑިއޯ ދައްކާލި އެވެ. ކައުންސިލްގެ ވިސްނުމަކީ "ނަލަފެހި" ކުމުންދޫގެ ރީތިކަން ވިއްކައިގެން ރައްޔިތުން ފުދުންތެރި ކުރުމެވެ.

ނަމަވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހދ. އަތޮޅަށް ޓުއަރިސްޓުން ގެނައުން ހަރަދު ބޮޑެވެ. ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއަށް ފަހު އެ މައްސަލަ ހައްލުވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެއާޕޯޓްގެ ބައިނަލްއަގްވާމީ ދަތުރުތައް ފެށެންވާއިރަށް މި އަތޮޅަށް އަންނަ ޓުއަރިސްޓުން ތިބޭނެ ތަންތަން، އެނދުތައް ވެސް ހުންނަން ޖެހޭ، އެ މަސައްކަތް ފަހިކުރަން ވެގެން އަޅުގަނޑުމެން އައިސް މި ތިބީ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރުގެ ވަފުދު ކުމުންދުއަށް ކުރި ދަތުރުގައި، އެ ރަށު ޒުވާނުން ކޮށްފައިވާ މަސައްކަތްތައް ފެނިފައި ލޯކަލް ޓުއަރިޒަމަށް ކުމުންދޫގައި އޮތް ޝައުގު ގަބޫލުކުރި އެވެ.

މުހައްމަދު އުޝާމް

ޖާނަލިސްޓް

މުހައްމަދު އުޝާމް އަކީ ސިޔާސީ އަދި ޝަރުއީ ދާއިރާ ފުޅާ ދާއިރާއެއްގައި ކަވަރުކުރާ ނޫސްވެރިއެކެވެ. މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ އެވޯޑުގައި ސިޔާސީ ދާއިރާގެ އިނާމަށް ދެ ފަހަރު ނޯމިނޭޓުވެފައިވެ އެވެ. ވީ މީޑިއާގެ އިންޓާންޝިޕަކުން ނޫސްވެރިކަމުގެ ކެރިއާ ފެށި އުޝާމް މީގެ ކުރިން ވަނީ "އަވަސް" އަދި "ވަގުތު" ނޫހުގައި ވެސް މަސައްކަތް ކޮށްފަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox