ޔުނައިޓެޑުން ޓޮޓެންހަމް ބަލިކުރިިއިރު، ނޫނޭޒް ލިވަޕޫލް މޮޅުކޮށްދީފި

Oct 20, 2022, 2:58 AM
؛ލަނޑު ޖެހުމަށް ފަހު ޔުނައިޓެޑްގެ ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

؛ލަނޑު ޖެހުމަށް ފަހު ޔުނައިޓެޑްގެ ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

މެންޗެސްޓާ (އޮކްޓޫބަރު 20) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑުން 2-0 އިން ޓޮޓެންހަމް ހޮޓްސްޕާސް ބަލިކުރިއިރު، ޑާވިން ނޫނޭޒްގެ ގޯލުން ލިވަޕޫލުން 1-0 އިން ވެސްޓް ހޭމް ޔުނައިޓެޑް އަތުން މޮޅުވެއްޖެ އެވެ.

ލީގުގައި ރޭ ޗެލްސީ ކުޅުނު މެޗުން ރަށުންބޭރުގައި ވަނީ ބްރެންޓްފޯޑާ ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެފަ އެވެ. އަދި ނިއުކާސަލް ޔުނައިޓެޑުން ވަނީ 1-0 އިން އެވަޓަންގެ މައްޗަށް ކުރިހޯދައިފަ އެވެ.

ލީގުގެ އެއް ވަނައިގައި އޮތް އާސެނަލާއި މެންޗެސްޓާ ސިޓީ މި ބުރުގައި ނުކުޅެ އެވެ. އާސެނަލަށް 10 މެޗުން 27 ޕޮއިންޓް ލިބިފައިވާއިރު، ސިޓީ އަށް 10 މެޗުން ވަނީ 23 ޕޮއިިންޓް ލިބިފަ އެވެ. ރޭ ޔުނައިޓެޑް އަތުން މޮޅުވެގެން ދެ ވަނަ އަށް އެރެން އޮތް ޓޮޓެންހަމް ތިން ވަނައިގައި އޮތީ 11 މެޗުން 23 ޕޮއިންޓް ހޯދައިގެންނެވެ. ހަތަރު ވަނައިގައި ޗެލްސީ އޮތީ 10 މެޗުން 20 ޕޮއިންޓާ އެކު އެވެ.

ފަސް ވަނައިގައި އޮތް ޔުނައިޓެޑަށް 10 މެޗުން 19 ޕޮއިންޓް ލިބިފައިވާއިރު، ހަ ވަނައިގައި ނިއުކާސަލް އޮތީ 11 މެޗުން 18 ޕޮއިންޓާ އެކު އެވެ. ލީގުގައި މި ފަހަރު ފުރަތަމަ ފަހަރަށް ޖެހިޖެހިގެން ދެ މެޗުން މޮޅުވި ލިވަޕޫލް ހަތް ވަނައިގައި އޮތީ 10 މެޗުން 16 ޕޮއިންޓް ހަމަކޮށްގެންނެވެ.

ރޭގެ މެޗުގައި ލިވަޕޫލްގެ ހަމައެކަނި ގޯލު ޖެހީ 22 ވަނަ މިނިޓްގައި ނޫނޭޒް އެވެ. މިއީ ކޮސްޓާސް ސިމިކާސް ނެގި ހުރަހަކުން ނޫނޭޒް ބޮލުން ޖެހި ގޯލެކެވެ. ނޫނޭޒް އިތުރު ގޯލެއް ޖަހަން ފޮނުވާލި އެއް ހަމަލާ ދަނޑިއަށް އަމާޒުވިއިރު، އަނެއް ޝޮޓް ވެސްޓް ހޭމް ކީޕަރު ލޫކަސް ފަބިއާންސްކީ ވަނީ މަތަކޮށްފަ އެވެ. ލިވަޕޫލްގެ މުހައްމަދު ސަލާހަށް ގޯލު ޖަހަން ލިބުނު ފުރުސަތުތަކުގައި ޖެހި ބޯޅަތައް ގޯލާ ސީދާނުވެ އެވެ.

ވެސްޓް ހޭމްގެ ކީޕަރު ފަބިއާންސްކީ (ކ) ކައިރިން ލިވަޕޫލްގެ ނޫނޭޒް ބޯޅަ ހޯދަން މަސައްކަތް ކުރަނީ.-- ފޮޓޯ: އޭއެފްޕީ

ވެސްޓް ހޭމް އަށް އެއްވަރުކޮށްދޭން އެ ޓީމުގެ ޖެރޮޑް ބޮވެން ޖެހި ޕެނަލްޓީ ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ ވަނީ މަތަކޮށްފަ އެވެ. މިއީ ބޮވެން އަށް ލިވަޕޫލްގެ ޖޯ ގޯމޭޒް ކުރި ފައުލަކަށް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލައިފައި ދިން ޕެނަލްޓީ އެކެވެ.

ޔުނައިޓެޑުން ރޭ ޓޮޓެންހަމް ކޮޅަށް ދެ ގޯލު ވެސް ޖެހީ ދެ ވަނަ ހާފުގަ އެވެ. ފުރަތަމަ ހާފުގައި ޔުނައިޓެޑްގެ ފްރެޑް އާއި މާކަސް ރެޝްފޯޑް ފޮނުވާލި ހަމަލާތައް ޓޮޓެންހަމްގެ ކީޕަރު ހޫގޯ ލޮރީސް މަތަކުރި އެވެ. އެކަމަކު، ދެ ވަނަ ހާފު ފެށިގެން ކުޑައިރުކޮޅެއްގެ ތެރޭގައި ޔުނައިޓެޑުން ލީޑުނެގީ ފްރެޑް ޖެހި ގޯލަކުންނެވެ. އޭރިއާބޭރުން ފްރެޑް ޖެހި ބޯޅަ ގޯލަށް ވަނީ ޓޮޓެންހަމްގެ ކުޅުންތެރިއަކު ފައިގައި ޖެހިފަ އެވެ.

ޓޮޓެންހަމް އިން ނަތީޖާ ހަމަހަމަކުރަން ކުރިއަށް އަރައި ތިބި ވަގުތެއްގައި ޔުނައިޓެޑުން ކުރި އަވަސް އެޓޭކެއްގައި އެ ޓީމުގެ ދެ ވަނަ ގޯލު ޖެހީ ބްރޫނޯ ފެނާންޑޭސް އެވެ. ފެނާންޑޭސް އޭރިއާތެރެއިން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ކަނަށެވެ.

މިދިޔަ ސީޒަނުގައި ޔުނައިޓެޑުން ޓޮޓެންހަމް ބަލިކުރީ ކްރިސްޓިއާނޯ ރޮނާލްޑޯގެ ހެޓްރިކުންނެވެ. ރޭގެ މެޗުގައި ރޮނާލްޑޯ އިނީ ބެންޗުގަ އެވެ. އަދި މެޗުގެ 89 ވަނަ މިނިޓްގައި ޔުނައިޓެޑުން ކްރިސްޓިއަން އެރިކްސަން އާއި އެންތަނީ އެލަންގާ ކުޅެން އެރުވި ވަގުތު، ރޮނާލްޑޯ ވަނީ ދަނޑުން ގޮސްފަ އެވެ. މެޗަށް ފަހު، ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް ބުނީ މެޗު ނުނިމެނިސް ދިޔަ ސަބަބު އޮޅުންފިލުވަން ރޮނާލްޑޯއާ ވާހަކަ ދައްކާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox