ކްލަބް މޯލްޑިވްސް ކަޕްގެ އަންހެން ޑިވިޝަން، 18/30 ފުޓްސަލް ފިއެސްޓާގައި އިއްޔެ ހަވީރު ފަހަތުން އަރައި 5-1 އިން ދިވެހި ސިފައިންގެ ކްލަބް ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އެމްޕީއެލް އިން މި ފަަހަރުގެ މުބާރާތުގެ ފުރަތަމަ މޮޅު ހޯދިއިރު، ޓީމު ފެނަކަ އިން 17-1 އިން ކްލަބް ޔޫތު މިނިސްޓްރީ ބަލިކޮށް އެއް ވަނަ އަށް ޖެހިލައިފި އެވެ.
އިއްޔެގެ މެޗުތަކަށް ފަހު ފަސް ޓީމު ވާދަކުރާ ލީގު ބުރުގެ އެއް ވަނައިގައި ފެނަކަ އޮތީ ހަތަރު މެޗުން ނުވަ ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތީ ތިން މެޗުން ހަ ޕޮއިންޓާ އެކު ސިފައިންނެވެ. ތިން ވަނައިގައި އޮތް ކްލަބް ވެމްކޯ އާއި ހަތަރެއްގައި އޮތް އެމްޕީއެލް އަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ކުޅުނު ތިން މެޗުން ވެސް ބޮޑު ތަފާތަކުން ބަލިވި ޔޫތު މިނިސްޓްރީ ވަނީ ކަޓައިފަ އެވެ.
ސިފައިންގެ ޓީމުން އިއްޔެ ހަވީރު ކުޅުނު މެޗުގައި އެމްޕީއެލް ކައިރިން ލީޑުނެގީ އެ ޓީމުގެ ބަންގްލަދޭޝް ކުޅުންތެރިޔާ މަތުސުޝިމާ ސުމައްޔާ ޖެހި ގޯލުންނެވެ. ސިފައިންގެ ޓީމުގެ ބަންގްލަދޭޝް އަނެއް ކުޅުންތެރިޔާ، ސަބީނާ ހަތުން ޖެހި ބޯޅައެއް އެމްޕީއެލްގެ ކީޕަރު ސަސިޕްރަޕާ ސުކްސެން އަތުގައި ޖެހިފައި ނުކުތް ވަގުތު ސުމައްޔާ ވަނީ ރީބައުންސް ބޯޅަ ގޯލަށް ވައްދާލައިފަ އެވެ.

މިނިސްޓްރީ ޓީމުގެ ސަދާ (ވ) ކައިރިން ފެނަކަ ޓީމުގެ ރާނީ ބޯޅަ ހިފައިގެން ދަނީ.-- ފޮޓޯ: އިމޭޖަސް.އެމްވީ
ދެ ވަނަ ހާފް ފެށިއިރު، ސިފައިން ނުކުތީ ސަބީނާ އާއި ސުމައްޔާ ބެންޗުގައި ބައިންދައިގެންނެވެ. އޭގެ ފައިދާ އެމްޕީއެލް އިން ނެގި އެވެ. އެ ޓީމުން ދެ ވަނަ ހާފު ފަށައިގެން ތިން ވަނަ މިނިޓްގައި އެއްވަރުކުރީ މިސް ނަތާމޯން ޖެހި ގޯލުންނެވެ. އެ ޓީމުން ލީޑުނެގީ ކެޕްޓަން ފާތިމަތު ސާލިޔާ ޖެހި ގޯލުންނެވެ. ސާލިޔާ ޖެހި ބޯޅަ ގޯލަށް ވަނީ ސިފައިންގެ މައީޝާ އަބްދުލް ހަންނާން ފައިގައި ޖެހިފަ އެވެ. އޭގެ ފަހުން، އެމްޕީއެލްގެ ނަތާމޯން އިތުރު ތިން ގޯލު ޖަހައި، އެމްޕީއެލް މޮޅުކޮށްދިނެވެ.
ޔޫތު މިނިސްޓްރީ ކޮޅަށް ފެނަކަ ޓީމުގެ ގޯލުތައް ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާ، ރާނީ މުލްޔަސާރީ ހަ ގޯލާއި އެ ޓީމުގެ ޖިރަޕްރަޕާ ތުޕްސޫރީ ފަސް ގޯލުގެ އިތުރުން ޝަހުލާ ތައުފީގު ހެޓްރިކަކާއި މަރިޔަމް ނޫރާ، އައިޝަތު ސަމާ އަދި މަރިޔަމް ވިޝާޔާ ވިލްދާން އެވެ. މިނިސްޓްރީގެ ހަމައެކަނި ގޯލު ޖެހީ މަރިޔަމް އަހުމަދު އެވެ.
މި ފަހަރުގެ 18/30 ފުޓްސަލް ފިއެސްޓާ ލީގު ބުރެއް ގޮތަށް ކުރިއަށްދާއިރު، އެ ބުރު ނިމުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމެއް ސެމީ އަށް ދާނެ އެވެ. ސެމީގައި ކުޅޭނީ ލީގު ބުރުގެ އެއް ވަނަ އާއި ހަތަރު ވަނައިގެ މެޗުގަޔާއި ދެ ވަނަ އާއި ތިން ވަނައިގެ މެދުގަ އެވެ.












