ކްލަބް މޯލްޑިވްސް ކަޕްގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ، ފުރިހަމަ ރެކޯޑަކާ އެކު، އެންމެ ފަހުގެ ޗެމްޕިއަން، ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ) އާއި ވަރުގަދަ ސްކޮޑެއް އޮތް، ކްލަބް ވެމްކޯ ދެ ވަނަ ބުރަށް ދިޔައިރު، ޓީމު އެމްޓީސީސީއާ ފަހު ވަގުތު 1-1 އިން އެއްވަރުކޮށް ފެން ކްލަބް ވެސް ދެ ވަނަ ބުރަށް ދަތުރުކޮށްފި އެވެ.
ގްރޫޕް އޭގައި ރޭ ވެމްކޯ އިން ވަނީ 8-0 އިން މިފްކޯ ރެކްރިއޭޝަން ކްލަބް ބަލިކޮށްފަ އެވެ. އެ ގްރޫޕްގެ އަނެއް މެޗު ފޯރިގަދަ ކުރިމަތިލުމަކަށް ފަހު ނިމުނީ އެމްޓީސީސީ އާއި ފެން ކްލަބް އެއްވަރު ވެގެންނެވެ. ގްރޫޕް ބީގައި ރޭ އާރްއާރްސީން ވަނީ 2-0 އިން މޯލްޑިވިއަން ބަލިކޮށްފަ އެވެ. އެ ގްރޫޕްގެ އަނެއް މެޗުން މީޑިއާނެޓްގެ މައްޗަށް ސިޓީ ކައުންސިލް ކުރިހޯދީ 3-0 އިންނެވެ.
މޮޅުވާން މަޖުބޫރު މެޗެއްގައި އެމްޓީސީސީން ލީޑުނެގީ 10 ވަނަ މިނިޓްގައި ފާރޫގު އިސްމާއިލް ޖެހި ގޯލުންނެވެ. ފެން ކްލަބުން އެއްވަރުކުރަން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ ފަހު ވަގުތުގަ އެވެ. މި ގޯލު އެ ޓީމަށް ޖަހައިދިނީ ނާއިފް ޝަފީގު (ސީއާރް3) އެވެ. ފެން ކްލަބުން އެއްވަރުކުރުމުގެ ކުރިން އެމްޓީސީސީގެ ކީޕަރު އަލީ ސުޖާއު އާއި ފެން ކްލަބްގެ ރައްޒާން ޖައުފަރަށް ވަނީ ރަތް ކާޑު ދައްކައިފަ އެެވެ. އަލީ ސުޖާއު އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދެއްކިއިރު، ރައްޒާނަށް ދެއްކީ ސީދާ ރަތެކެވެ.

އެމްޓީސީސީ ކުޅުންތެރިއަކު ކައިރިން ފެން ކްލަބްގެ ސީއާރް3 ބޯޅަ ހިފައިގެންދާން މަސައްކަތް ކުރަނީ.--- ފޮޓޯ: އިމޭޖަސް،އެމްވީ
މިފްކޯ އަތުން ފަސޭހައިން ވެމްކޯ މޮޅުވިއިރު، ގޯލުތައް ޖެހީ އަލީ ޝިޔާހު (ސިޔަޅޭ) އާއި އައިހަމް އަހުމަދު (އައިހު) އަދި އީރާންގެ އަލީ ހޮދަދާދީ ކޮންމެ ކުޅުންތެރިއަކު ދެ ގޯލާއި އިސްމާއިލް ވަޖީހު (ވައްޖެ) އަދި އަބްދުﷲ ޝައްފާން (ޝާކާ) ގޯލެކެވެ.
ގްރޫޕް އޭގެ އެއް ވަނަ ވެމްކޯ އިން ހޯދީ ތިން މެޗުން ނުވަ ޕޮއިންޓާ އެކު އެވެ. ދެ ވަނަ އަށް ދިޔަ ފެން ކްލަބާއި ތިން ވަނަ ހޯދި އެމްޓީސީސީ އަށް ތިން މެޗުން ހަތަރު ޕޮއިންޓް ލިބުނުއިރު، މިފްކޯ ނިންމާލީ ޕޮއިންޓެއް ވެސް ނުލިބި އެވެ.
އާރްއާރްސީ އާއި މޯލްޑިވިއަންގެ ކުރިމަތިލުން ފޯރިގަދަކޮށް ފެނުނުއިރު، އާރްއާރްސީގެ ދެ ގޯލު ވެސް ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާ، އަލީ ހާފިޒް (ހާއްޕެ) އެވެ. ފުރަތަމަ ހާފުގައި އަރިމަތިން ހިފައިގެން ގޮސް ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިގެން ހާއްޕެ ވަނީ އާރްއާރްސީ އަށް ލީޑުނަގައިދީފަ އެވެ. ދެ ވަނަ ހާފުގައި ހާއްޕެ ދެ ވަނަ ގޯލު ޖެހީ ހިލޭ ޖެހުމަކުން ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ.
މި މެޗުގައި މޯލްޑިވިއަން އިން ފޮނުވާލި ނުރައްކާތެރި ހަމަލާތަކެއް ހުއްޓުވުމުގައި އާރްއާރްސީގެ ކީޕަރު މުހައްމަދު ޒުހަލް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ބަދަލަކަށް ކުޅެން އަރައި އާރްއާރްސީގެ އާދަމް ނާސިހު (އާދަންނާ) އަށް ވެސް ގޯލެއް ޖަހަން ހުސް ފުރުސަތެއް ލިބުނެވެ.
މީޑިއާނެޓް އަތުން ސިޓީ ކައުންސިލް މޮޅުވި މެޗުގައި ގޯލުތައް ޖެހީ އިބްރާހިމް ޝަހުދާއި މުހައްމަދު ނާއިމް ދެ ގޯލެވެ.
އާރްއާރްސީ ގްރޫޕް ބީގެ އެއް ވަނަ ހޯދީ ތިން މެޗުން ނުވަ ޕޮއިންޓާ އެކު އެވެ. ދެ ވަނަ އަށް ދިޔަ މޯލްޑިވިއަން އަށް ތިން މެޗުން ހަ ޕޮއިންޓް ލިބުނުއިރު، ތިން ވަނަ އަށް ދިޔަ ސިޓީ ކައުންސިލަށް ތިން މެޗުން ތިން ޕޮއިންޓް ލިބުނެވެ. ފުލުގައި ނިންމާލި މީޑިއާނެޓަށް ޕޮއިންޓެއް ނުލިބެ އެވެ.












