އަހަރެންގެ ހަށިގަނޑުގެ ގުނަވަންތައް އަހަރެންގެ އަމުރަށް ކިޔަމަންވާން ދެކޮޅު ހެދީ ކީއްވެގެން ހެއްޔެވެ؟ އަހަރެންގެ ހިތާއި ޟަމީރުގެ އަރާރުން އިހުނަށް ވުރެ ބޮޑުވާން ފެށީ ކީއްވެގެން ހެއްޔެވެ؟ ކުރަންޖެހޭ ކަންތައްތައް ފުނިޖެހި، ބަންޑުންވެ، އޭގެ ތެރޭ އަހަރެން ޣަރަގުވާއިރު ވެސް، އެއިން ކަމެއް ކުރަން ނުކުޅެދި، ހަމަ އެކަނި އެ ލިސްޓުގެ ދިގުކަމާމެދު ވިސްނެނީ ކީއްވެގެން ހެއްޔެވެ؟ އަޅާ ކޮންމެ ފިޔަވަޅަކާމެދު ވަށައިގެން ތިބޭ ހުރިހާ އެންމެން ނިޔާ ކަނޑައަޅާނޭކަމުގެ ކުށް ހީގެ ބާރުން ބަނދެވި، ހުރި ފިޔަވަޅުމަތީ ހުއްޓި ހުރެވެނީ ކީއްވެގެންހެއްޔެވެ؟
އަހަރެން ނޫނަސް އިންސާނުން އުޅެއެވެ. އަނބީން އުޅެއެވެ. މައިން އުޅެއެވެ. ރަޙުމަތްތެރިން އުޅެއެވެ. މުވައްޒަފުންނާއި ދަރިވަރުންވެސް އުޅެއެވެ. އެމީހުން، އެމީހުންގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް، ފެންނަ ފެނުމަށް "ހަމަހޭގައި ތިބެ" އަދާކުރެއެވެ. ލާ ކޮންމެ ނޭވާއަކާ މެދު ވިސްނުމަށް ވަގުތު ބޭކާރެއް ނުކުރެއެވެ. ދުނިޔޭގެ ހުރިހާ ޝިކާޔަތަކީ ތިމާ ކޮނޑުއަޅަން ޖެހޭ ބުރައެއް ކަމަށް ދެކިގެނެއް ނޫޅެއެވެ.
މިއީ އަނެއްކާ ބޮޑާ ކަމުގެ ވައްތަރަކީ ބާވައެވެ؟ އަހަރެންގެ ހިތުން، ދުނިޔެ އާއި އުއްމަތާއި ޤައުމުގެ އަދި އޮފީހާއި އާއިލާގެ ހުރިހާ މައްސަލައެއް ޙައްލުކުރުމުގެ މަސްއޫލިއްޔަތު އޮތީ އަހަރެންގެ ބޮލުގައިކަމަށް މި ބެލެވެނީ ތިމާ އަށް، މާ މުހިއްމު، މޮޅު މީހެއްގެ ގޮތުގައި ތިމާ ފެންނާތީ ބާވައެވެ؟ ނޫނެކެވެ. މިހުރިހާ ފިކުރެއް ކުރާ ހިނދުވެސް، އަހަރެންގެ ޤާބިލިއްޔަތު ނެތް މިންވަރު އަހަރެން އަބަދުމެ ހަނދާންހުރެއެވެ. އަހަރެންނަށް މިހުރިހާ ކަމެއްގައިވެސް ކުރިމަތިވަނީ ނާކާމިޔާބީއޭ ހިތަށް އަރައެވެ. ނާކާމިޔާބީ އާއި މާޔޫސީގެ އިހުސާސްތަކުން ސިކުނޑި ބަރާވެފައިވާ ޙާލު، ދުވަހީ ދިރިއުޅުމުގެ ކަންކަމުގައި އަހަރެންގެ ހަށިގަނޑު ހަރަކާތްތެރިވަނީ އަމިއްލަ ނަފުސުގެ އިޚުތިޔާރަކާ ނުލައެވެ.
ކުދި ކުދި ކަންތައްތަކާ ގިސްލާ ރޮވެނީ އެހެންވެގެންނެވެ. އެއީ ލިޔުމުގައި "ޓައިޕޯ"އެއް އޮތުމުން ކަމަށް ވެސް ވެދާނެއެވެ. ކިޔުމުގައި ދޫ އޮޅުމުން ކަމަށްވެސް ވެދާނެއެވެ. ބޮލުގެ އިސްތަށިގަނޑުން ގޮށް ނުފިލައިގެންކަމުގައިވެސް ވެދާނެއެވެ. އެ ޙާލަތުގައި ގައިން ތާހިރުވުމަކީވެސް ބުރަ މަސައްކަތަކަށް ވެދެއެވެ. ފޯނަށް ޖަވާބުދޭން، މީހުންގެ ތެރެއަށް ނިކުމެ އުޅެން ފޫހިވެއެވެ. މަޖުބޫރުވެގެން ބަޔަކު ތެރޭ އުޅުނަސް، ތަމްސީލު އިސްޓޭޖެއްގައި މޫނުމަތި އަޅައިގެން ހުންނަ ޖޯކަރެކޭ މަށެކޭ ތަފާތެއް ނެތެވެ. ސުންގަޑިތަކަށް މަސައްކަތްތައް ނިންމަންޖެހެނީ މަރަށް ފުރާނަޔަށެވެ. އިސާހިތަކު ފެންވަރު އިމްތިހާނުތަކުން ފޭލިވެގެންދެއެވެ. ވަޒީފާގައްޔާއި ދިރިއުޅުމުގައިވެސްމެއެވެ. މިހެން ގަނަތެޅެނިކޮށް، ފިކުރުތައް މިނަށްވުރެ އިތުރުވެ، އޮޅުންބޮޅުން ގިނަވެ، ގޮތްހުސްވެ، އަތުންފައިން ގޯސްހެދޭ ހިސާބަށް ދެއެވެ.
މައްސަލައަކީ ދުނިޔޭގެ ލަދެވެ. ހައްތަހާވެސް އަމިއްލަ ނަފުސާނީ ޤާބިލިއްޔަތާމެދު ސުވާލު އުފައްދަން ނުކެރުމެވެ. އަހަރެން މިއޮށް "ގަދަ ގޮލާ" ނަފުސާނީ ވެދާނެއޭ ހިތަށް އަރުވަންވެސް ބޭނުން ނުވުމެވެ. އެއްކަލަ ކުލިނިކުގައި އިންނަ އެއްކަލަ ސައިކޭޓްރިސްޓަކީ އެއްކަލަ ކުއްޖާގެ ފަހަރިއަށް ވެފައިވާ ކުޑަ ކުޑަ ދިވެހިރާއްޖޭގައި، އެހީއަކަށް އެދިއްޖެނަމަ ފަޟީޙަތްވެ އަހަރެންގެ ހައިބަތާއި ޤަދަރަށް ހިރަފުސްބުރާފާނޭ ކަމަށް ކުރެވުނު ކުށްހީތަކެވެ.
އެހެންނަމަ ވެސް މި ފަދަ ކަންތައްތަކަކީ މަންމައެއްގެ ފިރުމުމުން، ބައްޕައެއްގެ ނަސޭހަތުން، ފިރިއެއްގެ ލޯބިން، ރަޙުމަތްތެރިއެއްގެ ކެތްތެރިކަމުން، ތިމާގެ ހިތުގައިވާ އީމާންތެރިކަމުން އަދި ތިބާއަށް ލިބިފައިވާ ހޭލުންތެރިކަމަކުން އެކަނި ޙައްލު ހޯދޭނޭ ކަންކަމެއް ނޫނެވެ. ކަމުގެ މާހިރުން، ތިމާއަށް ދިމާވެފައިވަނީ ނަފުސާނީ ކޮން މައްސަލައެއްތޯ ދެނެގަނެ، އެކަމަށް ފަރުމާކޮށްފައިވާ ތެރަޕިއުޓިކް އަދި ބޭސްވެރިކަމުގެ ފަރުވާ ދޭނޭ ފުރުޞަތު ތިމާ އަމިއްލައަށް ހޯދަން ޖެހެއެވެ.
އަދިވެސް، ކުރިން މި ބުނި ބައެއް އުނދަގޫތައް އަހަރެން ތަހައްމަލުކުރަމެވެ. އެހެންނަމަވެސް މާހިރުންގެ ފަންނީ ލަފާގެ މަތީން، އެކަންކަން އަހަރެންގެ ބާރުގެ ދަށަށް ގެންނަން ދަސްކޮށްފީމެވެ. މިއަދު އަހަރެން އަމިއްލަ ނަފުސަށް އިތުބާރު ކުރެވޭތޯ، އަނެއްކާ ވެސް މި މަސައްކަތްކުރަނީ ތެރަޕިއުޓިކް ފަރުވާ އާއި ވަރަށް ވަފާތެރި ދެތިން ގުޅަ ބޭހުގެ އެހީއާވެސް އެކީގައެވެ. ކުރީގެ އަހަރެން، މިހާ ހާމަކޮށް، މި ވާހަކަ ދައްކަން ޖެހިލުންވީހެވެ. ޑޮކްޓަރުންނާއި ތެރަޕިސްޓުންގެ ކައިރީގައިވެސް މެއެވެ. އެހެންނަމަވެސް، މިއަދު، މި ވާހަކަ ދައްކައިގެން މީހުން ކޮށްފާނޭ މަލާމާތަކަށް ވުރެ، އަހަރެންގެ ސިކުނޑީގެ ހަމަޖެހުމާއި ނަފުސުގެ ކޮންޓްރޯލް އަހަންނަށް ހާސްގުނަ މުހިއްމެވެ.








