ކްލަބް މޯލްޑިވްސް ކަޕްގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ، މުބާރާތުގެ އެންމެ ކާމިޔާބު ޓީމު އެސްޓީއޯ ރެކްރިއޭޝަން ކްލަބާއި މި ފަހަރުގެ މުބާރާތަށް އެންމެ ރަނގަޅަށް ތައްޔާރުވި އެއް ޓީމު، ކްލަބް އެޗްޑީސީ ބާކީ މެޗެއް އޮއްވައި މުބާރާތުގެ ދެ ވަނަ ބުރުން ފުރުސަތު ހޯދައިފި އެވެ.
ގްރޫޕް އެޗްގައި ފުރަތަމަ މެޗުން އެސްޓީއޯ އިން ވަނީ ކްލަބް އިމިގްރޭޝަން ބަލިކޮށްފަ އެވެ. ރޭ އެސްޓީއޯ އިން އެލައިޑް އަތުން މޮޅުވީ 3-1 އިންނެވެ. މި ގްރޫޕްގެ އަނެއް މެޗުން އިމިގްރޭޝަނުން ވަނީ މުލިއާގޭ ރެކްރިއޭޝަން ކްލަބް 6-1 އިން ބަލިކޮށްފަ އެވެ.
ގްރޫޕް ޖީގައި ރޭ އެޗްޑީސީން އެމްއެމްއޭ ސޯޝަލް ކްލަބް ބަލިކުރީ 10-2 އިންނެވެ. މި ގްރޫޕްގެ އަނެއް މެޗުން ދިވެހި ސިފައިންގެ ކްލަބް ވަނީ 6-4 ކްލަބް ޓީޓީއެސް ބަލިކޮށް، މި ފަހަރުގެ މުބާރާތުގައި ފުރަތަމަ މޮޅު ހޯދައިފަ އެވެ.

ކްލަބް ޓީޓީއެސްގެ ޝިފާޒް (ވ) އަތުން ބޯޅަ ހޯދަން ސިފައިންގެ ފަވާޒް މަސައްކަތް ކުރަނީ.-- ފޮޓޯ: އަބްދުﷲ ޔަޝައު/ އަދަދު
އެސްޓީއޯ ވަނީ ފުރަތަމަ މެޗުން އިމިގްރޭޝަން ބަލިކޮށްފަ އެވެ. އެސްޓީއޯ އިން ދެ ވަނަ މެޗުން އެލައިޑް އަތުން މޮޅުވެ، ގަދަ ދެ ޓީމުގެ ތެރެއިން ޖާގަ ޔަގީންކޮށް މި ވަނީ ދެ ވަނަ ބުރުން ފުރުސަތު ހޯދައިފަ އެވެ.
އިމިގްރޭޝަނުން ރޭ މުލިއާގެ ބަލިކޮށް ފުރަތަމަ މޮޅު ހޯދި އެވެ. ދެ ވަނައިގައި އޮތް އެލައިޑާއި ތިން ވަނައިގައި އޮތް އިމިގްރޭޝަނަށް ތިން ޕޮއިންޓް ލިބިފައިވާއިރު، މި ގްރޫޕުން ދެ ވަނަ ބުުރުގެ އަނެއް ޖާގަ އަށް ވާދަކުރަނީ މި ދެ ޓީމެވެ. ފުރަތަމަ ދެ މެޗުން ބަލިވި މުލިއާގެ ވަނީ ކަޓައިފަ އެވެ.
ގްރޫޕް އެޗްގެ އެއް ވަނައިގައި އެޗްޑީސީ އޮތީ ދެ މެޗުން ހަ ޕޮއިންޓް ހޯދައިގެންނެވެ. އެ ޓީމަށް ދެން އެ ގްރޫޕްގެ ގަދަ ދެ ޓީމުގެ ތެރެއިން ޖާގަ ގެއްލޭނެ ގޮތެއް ނެތްއިރު، ދެ ވަނަ ބުރުން ވަނީ ޖާގަ ޔަގީންވެފަ އެވެ.
މި ގްރޫޕްގެ ދެ ވަނައިގައި އޮތް ސިފައިންނާއި ތިން ވަނައިގައި އޮތް އެމްއެމްއޭ އަށް ދެ މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު، ދެ މެޗު ކުޅުނުއިރު ޕޮއިންޓެއް ނުލިބި ފުލުގައި އޮތް ކްލަބް ޓީޓީއެސް ވަނީ ކަޓައިފަ އެވެ.

އެމްއެމްއޭ އާއި އެޗްޑީސީ ކުޅުނު މެޗުގެ ތެރެއިން..-- ފޮޓޯ: އަބްދުﷲ ޔަޝައު/ އަދަދު
އެސްޓީއޯ އިން ރޭ އިނާން އަހުމަދުގެ ގޯލުން ކުރިހޯދައި، އިސްމާއިލް އީސަ (މެސީ) ޖެހި ލަނޑުން ލީޑުފުޅާކުރި އެވެ. އެލައިޑްގެ ހަސަން ނަޒީމް ގާސިމް (ޗޯޓު) އެ ޓީމަަށް ގޯލެއް ޖަހައިދީ އުންމީދެއް ހޯދައިދިން ނަމަވެސް އީސަ ވަނީ އިތުރު ގޯލެއް ޖަހައި މެޗުގެ ތިން ޕޮއިންޓް އެސްޓީއޯ އަށް ޔަގީންކޮށްފަ އެވެ.
އިމިގްރޭޝަން ޓީމުން ރޭ މުލިއާގެ ކޮޅަށް ގޯލުތައް ޖެހީ ޝާމިލް ރަޝީދު ދެ ގޯލާއި ކައިސަން ބިން ހިސާން، މުހައްމަދު ރިފްޝާން، އަހުމަދު ފައްރާހު (ފައްރަ) އަދި ހުސެއިން ނިޔާޒް އެވެ. މެޗުގެ ފަހު މިނިޓްގައި މުލިއާގެ ޓީމަށް ހަމައެކަނި ގޯލު ޖަހައިދިނީ އާދަމް ރިޝާދު އެވެ.

މުލިއާގޭ ކުޅުންތެރިއަކު ކައިރިން އިމިގްރޭޝަންގެ ފައްރަ ބޯޅަ ހޯދަން މަސައްކަތް ކުރަނީ.--- ފޮޓޯ: އަބްދުﷲ ޔަޝައު/ އަދަދު
އެޗްޑީސީން ރޭ އެމްއެމްއޭ ކޮޅަށް ޖެހި 10 ގޯލުގެ ތެރެއިން ހަތަރު ލަނޑު ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާ، ނާއިޒު ހަސަން (ދާދު) އެވެ. އަނެއް ގޯލުތައް ޖެހީ އަބްދުﷲ ވިސާމް، އަހުމަދު ސިޒާން (ސިއްޕެ)، އަބްދުﷲ ޝާފިއު (ޝާއްޕެ)، ޔާމިން މުހައްމަދު އެވެ. އެމްއެމްއޭގެ ލަނޑުތައް ޖެހީ އިބްރާހިމް ސައިފް އާއި މުހައްމަދު ފައިޒަމް އެވެ.
ސިފައިންގެ ޓީމުން ރޭ ޓީޓީއެސް ބަލިކުރިއިރު، ސިފައިންގެ މުހައްމަދު އަލާއު ވަނީ ހެޓްރިކެއް ހަދައިފަ އެވެ. އަނެއްް ގޯލުތައް ޖެހީ ހަސަން ފައްވާޒް ދެ ގޯލާއި ޝައިހާން ޖަލީލް ގޯލެކެވެ. ޓީޓީއެސްގެ ޝިފާޒް އާދިލް (ތުއްތު) ވަނީ ހެޓްރިކެއް ހަދައިފަ އެވެ.












