ކްރިކެޓްގެ އެންމެ ފޯރިގަދަ ފޯމެޓު ކަމަށްވާ 20 އޯވަރަށް ކުޅޭ އައިސީސީ ޓީ20 ވޯލްޑް ކަޕް އޮކްޓޫބަރު 16 ވަނަ ދުވަހު ފަށާނެ އެވެ. މީޑިއާނެޓުގެ ކަސްޓަމަރުންނަށް މި މުބާރާތުގެ ހުރިހާ މެޗެއް ސްޓާ ސްޕޯޓްސް 1 އަދި ސްޓާ ސްޕޯޓްސް 2 މެދުވެރިކޮށް ފެންނާނެ އެވެ. ކުރިކެޓުގެ އެންމެ ހުނަރުވެރި ކުޅުންތެރިންނާއި ވަރުގަދަ ގައުމުތަށް މި މުބާރާތަށް ކުރިމަތިލާއިރު، މި މުބާރާތް ވެގެންދާނީ އާ ގައުމުތަކާއި ޒުވާން ކުޅުންތެރިން ކުރިކެޓުގެ ދުނިޔޭގައި ވިދާލުމަށް ލިބިގެންދާނެ ރަނުގެ ފުރުސަތަކަށެވެ. މި މުބާރާތް މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ އޮސްޓްރޭލިއާ ގައެވެ.
ތާރީހުގެ ތެރެއިން ޓީ20 ވޯލްޑްކަޕް
މި އަހަރުގެ މި މުބާރާތަކީ ޓީ20 ފޯމެޓް ތައާރަފް ކުރި ފަހުން ކުޅޭ އަށް ވަނަ ވޯލްޑު ކަޕެވެ. 2007 ވަނަ އަހަރު ބޭއްވުނު އެންމެ ފުރަތަމަ ޓީ20 ވޯލްޑު ކަޕު ކާމިޔާބުކުރީ ފައިނަލުގައި ޕާކިސްތާނާއި ވާދަކޮށް އިންޑިއާ އިންނެވެ. މި މުބާރާތުގެ އެންމެ ކާމިޔާބު ގައުމެއް ގޮތުގައި ފާހަގަކޮށްލެވެނީ 2012 އަދި 2016 ވަނަ އަހަރު ޗެމްޕިއަންކަން ހޯދި ވެސްޓް އިންޑީޒް އެވެ. މި މުބާރާތަށް ގައުމުތަކުން ކުރިމަތިލާއިރު އެންމެ ފަހުން 2021 ވަނަ އަހަރު ބޭއްވި ޓީ20 ވޯލްޑް ކަޕްގެ ޗެމްޕިއަނުންނަކީ މި އަހަރުގެ މުބާރާތް ބާއްވާ ގައުމު އޮސްޓްރޭލިއާ އެވެ. މި އަހަރުގެ މުބާރާތުގައި ޖުމްލަ 16 ޓީމު ވާދަކުރާނެ އެވެ. ގުރޫޕު ސްޓޭޖުގައި އަށް ޓީމު ދެ ގްރޫޕެއްގައި ވާދަ ކުރާނެ އެވެ. ކޮންމެ ގްރޫޕަކުން އެންމެ ކުރި ހޯދާ ދެ ޓީމު މުބާރާތުގެ ސުޕާ 12 ގެ ގުރޫޕު ސްޓޭޖަށް ކޮލިފައިވާނެ އެވެ. އެއާއެކު ސުޕާ 12 ގެ ދެ ގުރޫޕުން އެންމެ ކުރި ހޯދާ ޓީމުތައް މުބާރާތުގެ ތައްޓަށް ވާދަކުރާނެ އެވެ.
މުބާރާތުގެ ގްރޫޕްތަކާއި ޓީމުތައް
ގްރޫޕް ސްޓޭޖް – ގްރޫޕް އޭ
ގްރޫޕް އޭ ގެ އެންމެ ވަރުގަދަ ޓީމުތަކުގެ ގޮތުގައި ފާހަގަކޮށްލެވެނީ ކުރިކެޓުގެ ގަދަ ބާރު ސްރީ ލަންކާ އެވެ. 2014 ވަނަ އަހަރު ސްރީ ލަންކާއިން ވަނީ މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފަ އެވެ. އަދި އޭގެ ކުރިން 2012 އަދި 2009 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލުގައި ވަނީ ވާދަކޮށްފަ އެވެ. މި ގްރޫޕުގައި ދެން ހިމެނެނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)، ނެދަލޭންޑްސް އަދި ނަމީބިއާ އެވެ. މިއީ ނަމީބިއާ އަދި ޔޫއޭއީގެ ދެވަނަ ޓީ20 ވޯލްޑުކަޕް ފެނިލުމެވެ. ނަމީބިއާ 2021 ވަނަ އަހަރު ސުޕާ 12 އަށް ކޮލިފައި ވީއިރު ނެދަލޭންޑްސް ވަނީ 2014 ވަނަ އަހަރު ސުޕާ 10 އަށް ކޮލިފައިވެފަ އެވެ. ޓީ20 ރޭންކިންގައި ފަހަކަށް އައިސްވަނީ ނަމީބިއާ ވަނީ ކުރިއެރުންތަކެއް ހޯދާފަ އެވެ. އެގޮތުން ޔޫއޭއީ އަދި ނެދަލޭންޑްސްއަށް ވުރެން މަތިން ނަމީބިއާ މިހާރު އޮތީ ދުނިޔޭގެ ރޭންކިން 13 ވަނައިގަ އެވެ.
ގްރޫޕް ސްޓޭޖް – ގްރޫޕް ބީ
މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ވެސްޓު އިންޑީޒްއަށް ސުޕާ 12 އިން ޖާގަ ނުލިބި މިފަހަރު ޖެހޭނީ ފުރަތަމަ ގުރޫޕް ސްޓޭޖް ގިރާ ކުރާށެވެ. ޖޭސަން ހޯލްޑާ އަދި އެވިން ލުވިސް ފަދަ މަޝްހޫރު ކުޅުންތެރިން ހިމެނޭ ވެސްޓް އިންޑީޒް ޓީމަކީ މި ގްރޫޕުގެ ފޭވަރިޓުން ކަމުގައި ޝައްކެއްނެތެވެ. މި ގްރޫޕުގައި ދެން ހިމެނޭ ޓީމު ތަކަކީ އަޔަލެންޑު، ސްކޮޓްލެންޑު އަދި ޒިމްބާބްވޭ އެވެ. ތާރީހުގެ ތެރެއިން ޒިމްބާބްވޭ އަކީވެސް ކުރިކެޓުގެ ދުނިޔޭގައި ވަރުގަދަ ނަމެކެވެ. މިވަގުތު ދުނިޔޭގެ ރޭންކިންގެ 11 ވަނައިގައި އޮތް ޒިމްބާބްވޭ މި މުބާރާތަށް ކުރިމަތިލާނީ ސުޕާ 12 އަށް ކޮލިފައިވުމުގެ އަޒުމުގަ އެވެ. ނަމަވެސް މި ގްރޫޕުގައި އޮތް އަޔަލެންޑަކީ އަބަދުވެސް ސަޕްރައިޒް ކުޅުމެއް ދައްކާ ޓީމެކެވެ. މީގެ ކުރިން އަޔަލެންޑުން ވަނީ މި މުބާރާތުގެ ސުޕާ 8 އިން ވެސް ޖާގަ ހޯދާފަ އެވެ.
ސުޕާ 12 – ގްރޫޕް 1
މުބާރާތް ބާއްވާ ގައުމު އަދި ތަށި ދިފާއުކުރަން ނިކުންނަ އޮސްޓްރޭލިއާ ޓީމު ހިމެނެނީ މި ގުރޫޕުގަ އެވެ. އޮސްޓްރޭލިއާ އާއި ވާދަކުރާނެ އެންމެ ވަރުގަދަ ޓީމެއްކަމަށް މި ގްރޫޕުން ލަފާކުރެވެނީ ދުނިޔޭގެ ރޭންކިން ދެވަނައިގައި އޮތް މިފަހުން މޮޅު ކުޅުމެއް ދައްކަމުން އަންނަ އިންގުލެންޑެވެ. އިންގުލެންޑުން ވަނީ 2010 ވަނަ އަހަރު މި މުބާރާތް ކާމިޔާބު ކޮށްފަ އެވެ. މި ގުރޫޕުގައި ދެން ހިމެނެނީ މޮޅު ކުޅުންތެރިންތަކެއް ހިމެނޭ ނިއުޒިލެންޑު އަދި އަހަރަކަށްފަހު އަހަރެއް ކުރިކެޓުގައި ކުރިއެރުންތަކެއް ހާސިލްކުރަމުން އަންނަ އަފްގާނިސްތާނުގެ ޓީމެވެ. މި ގްރޫޕުން ފެނިގެންދާނެ ނަން މަޝްހޫރު ކުޅުންތެރިންގެ ތެރޭގައި އޮސްޓްރޭލިއާގެ ގްލެން މެކްސްވެލް، ނިއުޒީލެންޑްގެ ކޭން ވިލިއަމްސަން، އިންގްލެންޑްގެ ޖޮސް ބަޓްލާ އަދި އަފްގާނިސްތާންގެ ރަޝީދު ހާން ފާހަގަކޮށްލެވެ އެވެ.
ސުޕާ 12 – ގްރޫޕް 2
ދުނިޔޭގެ ރޭންކިން އެއްވަނަ ޓީމު އިންޑިއާއަކީ މި ގުރޫޕުގެ އިތުރުން މި މުބާރާތުގެވެސް ފޭވަރިޓުންނެވެ. ވިރާޓް ކޯލީ އަދި ކޭ އެލް ރާހުލް ފަދަ ޓީ20 ފޯމެޓުގައި ތަޖުރިބާކާރު، އައިޕީއެލްގައި މޮޅު ކުޅުމެއް ދައްކަމުންދާ މި ކުޅުންތެރިން މި މުބާރާތުގައި މޮޅު ކުޅުމެއް ދައްކާނެކަން ޔަގީނެވެ. މި މުބާރާތް އެންމެ ފުރަތަމަ ބޭއްވި އަހަރުގެ ޗެމްޕިއަން އިންޑިއާ އާއި އެންމެ ވާދަ ކުރާނީ އަވައްޓެރި ގައުމު ޕާކިސްތާނެވެ. އިންޑިއާ އަދި ޕާކިސްތާނު ބައްދަލުކުރާ މެޗަކީ މުބާރާތުގެ އެންމެ ފޯރިގަދަ މެޗަށްވާނެ އެވެ. ކުރިކެޓު އަދި ސިޔާސީ ކޯޅުމާހެދި މި ދެ ޓީމު ބައްދަލުކުރާ މެޗު އަބަދުވެސް ހާއްސަވެގެން ދެއެވެ. މި ގްރޫޕުގައި ދެން އޮތީ ބަންގްލަދޭޝް އަދި ސައުތު އެފްރިކާ އެވެ. ސައުތު އެފްރިކާގެ މޮޅު ބެޓްސްމަން ޑޭވިޑް މިލާ އަދި ބަންގްލަދޭޝްގެ ޝަކީބު އަލް ހަސަންގެ މޮޅުކުޅުން މި މުބާރާތުގައި ފެނިގެންދާނެއެވެ. ޕާކިސްތާނުގެ ބަބަރު އާޒަމް އަކީ ފަހަކަށް އައިސް އާދަޔާ ހިލާފު މޮޅު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިއެއްކަން ވެސް ފާހަގަކޮށްލެ އެވެ.
ކުރިކެޓުގެ ހުނަރުން ފުރިގެންވާ ކުޅުންތެރިން އުކަމުންދާ ބާރު ބޯޅަތަކާއި ދަނޑުން ބޭރަށް ބެޓުން ޖަހާލާ ބޯޅަތަކާއި ހިފާ ޗާލު ކެޗުތައް މީޑިއާނެޓުގެ ކަސްޓަމަރުންނަށް ޓީވީ އަދި އެމް.އެސް ޑިޖިޓަލް އެޕްލިކޭޝަން މެދުވެރިކޮށް ބަލާލެވޭނެ އެވެ.










