ކްލަބް މޯލްޑިވްސް ކަޕްގައި ރޭ ޓީމު އެފްއެސްއެމް އާއި ކަސްޓަމްސް ރެކްރިއޭޝަން ކްލަބް އަދި ސްޓެލްކޯ ކްލަބުން މި ފަހަރުގެ މުބާރާތުގައި ފުރަތަމަ މޮޅު ހޯދިއިރު، ކްލަބް އެއާޕޯޓްސްއާ އެއްވަރުވެ، ޔުނައިޓެޑް ބީއެމްއެލް އަށް މުބާރާތުގައި ކުރިއަށް ދިއުމުގެ އަމިއްލަ ބާރު ގެއްލިއްޖެ އެެވެ.
ކަސްޓަމްސް އިން ރޭ ފަހަތުން އަރައި، ކްލަބް އާސަންދަ ބަލިކުރީ 3-2 އިންނެވެ. ސްޓެލްކޯ އިން ހޯމް އެފެއާޒް ކޮޅަށް 15 ގޯލު ޖަހައިގެން މޮޅުވިއިރު، ރާއްޖެ އޮންލައިން ކްލަބް އަތުން ޓީމު އެފްއެސްްއެމް މޮޅުވީ 5-2 އިންނެވެ. ރީޖަނަލް އެއާޕޯޓްސްގެ ކްލަބް އެއާޕޯޓްސް އާއި ބީއެމްއެލްގެ މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.
ބީއެމްއެލް އިން ފުރަތަމަ ހާފުގައި ލީޑުނަގަން އެ ޓީމުގެ އިބްރާހިމް ހަމްދާން ޖެހި ދެ ބޯޅަ ވެސް އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. އެ ޓީމަށް ލީޑުނަގައިދިނީ ބަދަލަކަށް ކުޅެން އެރި އިސްމާއިލް އަލީފް އިބްރާހިމް އެވެ. އޭރިއާ ރޮނގުމަތިން ލިބުނު ބޯޅަ އަލީފް ވަނީ ހަމަޖެހިލާފައި ގޯލަށް ފޮނުވާލައިފަ އެވެ. ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ހަތް މިނިޓް ތެރޭ ކްލަބް އެއާޕޯޓްސް އިން އެއްވަރުކުރީ ޔުނައިޓެޑް ބީއެމްއެލްގެ ފަހަތުން ހުސްވި ޖާގައެއްގެ ފައިދާނަގައި އަލީ ހުސެއިން ޖެހި ގޯލުންނެވެ.

ކްލަބް އެއާޕޯޓްސްގެ އަބްދުﷲ (ކ) ކައިރިން ބީއެމްއެލްގެ ހަމްދާން ބޯޅަ ހިފައިގެންދާން މަސައްކަތް ކުރަނީ.--- ފޮޓޯ: އަބްދުﷲ ޔަޝައު/ އަދަދު
މެޗުގެ އިތުރު ވަގުތުގެ ފުރަތަމަ މިނިޓްގައި ޔުނައިޓެޑް ބީއެމްއެލްގެ ހަމްދާން އެ ޓީމަށް ލީޑުނަގައިދިނެވެ. އެކަމަކު، އެ ލީޑުގައި އޮވެ މެޗު ނިންމައިނުލެވުނީ އަލުން މެޗު ފެށި ގޮތަށް ހާފުގެ މެދު ރޮނގުކައިރިން ކުރިއަށް ޖެހިލައި، ކްލަބް އެއާޕޯޓްސްގެ އަބޫބަކުރު ސިއްދީގު ޖެހި ގޯލުންނެވެ.
ގްރޫޕް އީގެ އެއް ވަނައިގައި އޮތީ ދެ މެޗުން ވެސް މޮޅުވެ ހަ ޕޮއިންޓާ އެކު، ދެ ވަނަ ބުުރު ޔަގީންކޮށްފައިވާ ޓީމު ފެނަކަ އެވެ. ދެ ވަނައިގައި އޮތް ރީޖަނަލް އެއާޕޯޓްސް އަށް ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ބީއެމްއެލް އަށް ވަނީ ދެ މެޗުން އެއް ޕޮއިންޓް ލިބިފަ އެވެ. ފުލުގައި އޮތް ސިވިލް ކޯޓަށް އަދި ޕޮއިންޓެއް ނުލިބެ އެެވެ.
މުބާރާތުގެ ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ބީއެމްއެެލް އަށް އަނެއް ބުރުގެ ފުރުސަތު އޮތީ މި ގްރޫޕްގެ ފަހު މެޗުން ފެނަކައިން ކްލަބް އެއާޕޯޓްސް ބަލިކޮށް، ބީއެމްއެލް އިން ރަނގަޅު ގޯލުގެ ތަފާތަކުން ސިވިލް ކޯޓުގެ މައްޗަށް ކުރިހޯދައިގެންނެވެ. ބީއެމްއެލް އިން ސިވިލް ކޯޓު ބަލިކުރިޔަސް، ފެނަކަ އާއި އެއްވަރުކޮށްލައިގެން ވެސް ކްލަބް އެއާޕޯޓްސް އަށް އަނެއް ބުރަށް ދެވޭނެ އެވެ.
ގްރޫޕް އީގައި ސްޓެލްކޯ އިން ރޭ ހޯމް އެފެއާޒް ކޮޅަށް 15 ގޯލު ޖެހިއިރު، އެ ޓީމުގެ ތަރި އަކީ ފަސް ގޯލު ޖަހައި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އިބްރާހިމް ރިމާހު (ރިމޭ) އެވެ. ޖުމައިލް ޖަމީލް (ޖުމްބެ)، ގައިސާން އަބޫބަކުރު މާހިރު އަދި ޝުއައިދު ސައީދު ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ޖެހިއިރު، އަލީ މާއިސް (މައްޓު)، ހުސެއިން ސިފާއު ޔޫސުފް (ކުރޯ)، މުއާޒް އަލީ އަދި ޔާސިރު ރަގީބު (ޔާއްޓޭ) ވެސް ވަނީ ގޯލު ޖަހައިފަ އެވެ.

ރާއްޖެ އޮންލައިން ކޮޅަށް ގޯލެއް ޖެހުމަށް ފަހު އެފްއެސްއެމް ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އަބްދުﷲ ޔަޝައު/ އަދަދު
މި ގްރޫޕްގެ އަނެއް މެޗުން އެފްއެސްއެމް އިން ރާއްޖެ އޮންލައިން ބަލިކުރިއިރު، ގޯލުތައް ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާ މުހައްމަދު ތޯހިރު ދެ ގޯލާއި އަހުމަދު ވިޖުދާން (ވިޖޫ)، އަބްދުﷲ ޒިޔާން އަދި މުހައްމަދު ޖުމާން ގޯލެކެވެ. ރާއްޖެ އޮންލައިންގެ ގޯލުތައް ޖެހީ އަބްދުﷲ މުއާޒް (އޮޓޯ) އާއި ނާސިފް ހުސެއިން އެވެ.
ގްރޫޕް އީގެ އެއް ވަނައިގައި އޮތް ސްޓެލްކޯ އާއި ދެ ވަނައިގައި އޮތް އެފްއެސްއެމް އަށް ދެ މެޗުން ލިބުނީ ހަތަރު ޕޮއިންޓެވެ. ތިން ވަނައިގައި އޮތް ރާއްޖެ އޮންލައިން އަށް ދެ މެޗުން ތިން ޕޮއިންޓް ލިބުނުއިރު، ދެ މެޗުން ވެސް ބަލިވެ، ހޯމް އެފެއާޒް ފުލުގައި އޮތީ ޕޮއިންޓެއް ވެސް ނުލިބި އެވެ.
އާސަންދަ ޓީމުން ރޭ މެޗުގެ ދެ ވަނަ މިނިޓްގައި އަލީ ހަމްދާން (އައްޔަ)ގެ ގޯލުން ލީޑުނަގާފައިވަނިކޮށް، އަހުމަދު ޝަމާލް ވަނީ ކަސްޓަމްސް އަށް އެއްވަރުކޮށްދީފަ އެވެ. އައްޔަ ދެ ވަނަ ގޯލެއް ޖަހައި، އާސަންދަ އަށް ދެ ވަނަ ފަހަރަށް ލީޑުނަަގައިދިން ނަމަވެސް މެޗުގެ ފަހުކޮޅުގައި ޝަމާލް ވަނީ އިތުރު ދެ ގޯލު ޖަހައި، ކަސްޓަމްސް އަށް މުހިންމު މޮޅެއް ހޯދައިދީފަ އެވެ.
ގްރޫޕް އެފްގެ އެއް ވަނައިގައި އޮތީ ދެ މެޗުން ވެސް މޮޅުވެ ހަ ޕޮއިންޓް ހޯދާފައިވާ އެމްޕީއެލް އެވެ. އެ ޓީމު ވަނީ އަނެއް ބުރަށް ދަތުރުކޮށްފަ އެވެ. ދެ ވަނައިގައި އޮތީ ދެ މެޗުން ތިން ޕޮއިންޓް ހޯދި ކަސްޓަމްސް އެވެ. ތިން ވަނައިގައި އޮތް އާސަންދަ އާއި ހަތަރެއްގައި އޮތް ޔޫތު މިނިސްޓްރީ އަށް ދެ މެޗުން ލިބުނީ އެއް ޕޮއިންޓެވެ.












