މާފަރު އެއާޕޯޓުގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ލަހެއްނުވެ ފަށައިގަނެވޭނެ ކަމުގެ ޔަގީންކަން އަބޫދާބީ ފަންޑް ފޯ ޑިވެވެލޮޕްމަންޓް (އޭޑީއެފްޑީ) އިން ދީފި އެވެ.
އޭޑީއެފްޑީން މި ޔަގީންކަން ދީފައި ވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، މިހާރު ޔުއޭއީއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އެ ފަންޑުގެ ޑިރެކްޓަ ޖެނެރަލް މުހައްމަދު ސާއިފް އަލް ސުވައިދީއާ ބައްދަލުކުރައްވާ ކުރިއަށްގެންދެވި މަޝްވަރާތަކުގެ ތެރެއިންނެވެ.
މި ބައްދަލު ކުރެއްވުމުގައި އޭޑީއެފްޑީގެ އެހީގައި ރާއްޖޭގައި ކުރިއަށްދާ މަޝްރޫއުތަކާ ގުޅޭގޮތުން ދެ ފަރާތުން މަޝްވަރާ ކުރެއްވި އެވެ. އެގޮތުން މާފަރުގެ އެއާޕޯޓުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރައްވަމުން ސާއިފް އަލް ސުވައިދީ ވަނީ މާފަރުގެ އެއާޕޯޓްގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ލަހެއްނުވެ ފަށައިގަނެވޭނޭ ކަމުގެ ޔަގީންކަން އަރުވާފަ އެވެ.
ފޮރިން މިނިސްޓްރީން ބުނީ މާފަރު އެއާޕޯޓުގެ މަސައްކަތްތައް ނިމުމުން އެ އެއާޕޯޓު ވެގެންދާނީ ރާއްޖެ އާއި ބޭރު ގައުމުތަކާއި، ގުޅުވައިދޭ ދޮރާއްޓަކަށް ކަމަށެވެ.
އެ ބައްދަލުކުރެއްވުމުގައި މިނިސްޓަރު ޝާހިދު ވަނީ އޭޑީއެފްޑީން ރާއްޖެއަށް މިހާތަނަށް ވެދީފައިވާ އެހީއަށާއި ރާއްޖޭގެ ތަރައްގީއަށް ޔޫއޭއީގެ ސަރުކާރުން ވެދެއްވާ އެހީތަކަށް ވެސް ޝުކުރު އަދާކުރައްވާފަ އެވެ.

ޝާހިދު ޔޫއޭއީއަށް ކުރައްވާ ރަސްމީ ދަތުރު ނިންމަވާލެއްވުމަށްފަހު ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މަންދޫބެއްގެ ގޮތުގައި އޮމާންއަށް ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެ އެވެ.












