ކްލަބް މޯލްޑިވްސް ކަޕްގެ އަންހެން ޑިވިޝަން، 18/30 ފުޓްސަލް ފިއެސްޓާގައި އިއްޔެ ހަވީރު ފެނަކައިން އެންމެ ފަހުގެ ޗެމްޕިއަން އެމްޕީއެލް 3-2 އިން ބަލިކުރިއިރު، ކްލަބް ޔޫތު މިނިސްޓްރީ އަތުން ކްލަބް ވެމްކޯ އިން 23 ގޯލުގެ މޮޅެއް ހޯދައިފި އެވެ.
ފެނަކަ ވަނީ މި ފަހަރުގެ މުބާރާތުގެ ފުރަތަމަ މެޗުން 4-0 އިން ސިފައިން އަތުން ބަލިވެފަ އެވެ. އެކަމަކު، އިއްޔެ އެ ނަތީޖާ އިން އަރައިގަންނަން ފެނަކަ އިން ވަނީ މުހިންމު މޮޅެއް ހޯދައިފަ އެވެ. މެޗުގެ 13 ވަނަ މިނިޓްގައި ފެނަކަ ޓީމަށް ލީޑުނަގައިިދިނީ ރާނީ މުލްޔާ ސާރީ އޭރިއާތެރެއިން ޖެހި ގޯލުންނެވެ. އޭގެ ހަތް މިނިޓް ފަހުން ރާނީ ދިން ބޯޅައަކުން ފެނަކަ ޓީމުގެ ކެޕްޓަން، ޖިރަޕްރަޕާ ތުޕްސޫރީ ވަނީ އެ ޓީމުގެ ލީޑުފުޅާކޮށްދީފަ އެވެ.
ދެ ވަނަ ހާފުގައި ކުޅުން ރަނގަޅުކޮށް، އެމްޕީއެލް އިން ލަނޑެއް ޖެހޭތޯ ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 31 ވަނަ މިނިޓްގަ އެވެ. މި ލަނޑު ޖެހީ އޭރިއާތެރެއިން ލިބުނު ފުރުސަތަކުން ފަރާ އަހުމަދު އެވެ. ފެނަކަ އަށް އަލުން ދެ ގޯލުގެ ލީޑެއް ނަގައިދިނީ މެޗު ނިމެން ތިން މިނިޓަށް ވެފައި ވަނިކޮށް ޝަހުލާ ތައުފީގު އެވެ. އޭގެ ފަހުން އެމްޕީއެލްގެ ޖޫޒާން ޒަރީރު ކުޅެން އަރައި އެ ޓީމަށް ލަނޑެއް ޖަހައިދީ ފަރަގު ކުޑަކޮށްދިނެވެ.
މެޗުގެ ބާކީ ބައިގައި އެމްޕީއެލް އިން އިތުރު ގޯލެއް ޖަހައި އެއްވަރުކުރެވޭތޯ ބެލި ނަމަވެސް ފެނަކަ އިން ވަނީ ރަނގަޅަށް ޑިފެންސްކޮށްފަ އެވެ.
ފުރަތަމަ މެޗުގައި އެމްޕީއެލް އާއި އެއްވަރުވި ވެމްކޯ ފުރަތަމަ މޮޅު ހޯދިއިރު ޔޫތު މިނިސްޓްރީ ކޮޅަށް ވަނީ ލަނޑު ގޯންޏެއް އޮއްސާލައިފަ އެވެ. ވެމްކޯގެ ކެޕްޓަން، ޑަރިކާ އާއި ތިނަފޯން ކޮންމެ ކުޅުންތެރިއަކު ވަނީ ހަތް ގޯލު ޖަހައިފަ އެވެ. އަނެއް ލަނޑުތައް ޖެހީ، އައިމިނަތު ފަޒްލާ ފަސް ގޯލާއި ފާތިމަތު މާޒިނާ ދެ ގޯލާއި އައިމިނަތު އަރީޝާ އަދި އާކިފާ އަބްދުﷲ އެއް ގޯލެވެ.












