ކްލަބް މޯލްޑިވްސް ކަޕްގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ) އާއި ކްލަބް ވެމްކޯ އިން މި ފަހަރުގެ މުބާރާތުގައި ކުޅުނު ދެ ވަނަ މެޗުތަކުން މޮޅުވިއިރު، އެލައިޑާއި ކްލަބް އެޗްޑީސީ އަދި އެސްޓީއޯ ރެކްރިއޭޝަން ކްލަބުން ރަނގަޅު މޮޅަކާ އެކު ފެށުން ވަރުގަދަކޮށްފި އެވެ.
ރޭ މީޑިއާނެޓް އަތުން އާރްއާރްސީ މޮޅުވީ 9-1 އިންނެވެ. ކްލަބް ވެމްކޯ އިން 2-0 އިން ފެން ކްލަބް ބަލިކުރިއިރު، އެލައިޑުން ވަނީ މުލިއާގޭ ރެކްރިއޭޝަން ކްލަބް ކޮޅަށް 13 ގޯލު ޖަަހައިފަ އެވެ. އިއްޔެ ހަވީރު، އެސްޓީއޯ އިން 4-0 އިން ކްލަބް އިމިގްރޭޝަން ބަލިކުރިއިރު، ދިވެހި ސިފައިންގެ ކްލަބް އަތުން އެޗްޑީސީ މޮޅުވީ 3-1 އިންނެވެ.
ފުރަތަމަ މެޗުން މާލެ ސިޓީ ކައުންސިލް އަތުން މޮޅުވި އާރްއާރްސީ ރޭ މީޑިއާނެޓް ބަލިކުރީ ފަސޭހަަކަމާ އެކު އެވެ. މި މެޗުގައި އާރްއާރްސީގެ އިބްރާހިމް އަސްވަދު (ގަބޭ) ހެޓްރިކެއް ހެދިއިރު، ހިސާމް ސަލީމް (ކޮކީ) ދެ ގޯލު ޖެހި އެވެ. އަނެއް ގޯލުތައް ޖެހީ އަލީ ހާފިޒް (ހާއްޕެ)، އާދަމް ނާސިހް، އިބްރާހިމް މައިޝާން އަދި އިބްރާހިމް ސިނާހު އެވެ. މީޑިއާނެޓްގެ ހަމައެކަނި ގޯލު ޖެހީ އަލީ ޝާޒް ހިލްމީ އެވެ.

ފެން ކްލަބްގެ ސޮލާ (ވ) ކައިރިން ވެމްކޯގެ މަހުދީ ބޯޅަ ހިފައިގެންދާން މަސައްކަތް ކުރަނީ.--- ފޮޓޯ: އަބްދުﷲ ޔަޝައު/ އަދަދު
އެމްޓީސީސީ އަތުން ފުރަތަމަ މެޗުން މޮޅުވި، ވެމްކޯ އިން ބޯ ވިއްސާރަ ތެރޭގައި ރޭ ފެން ކްލަބް ބަލިކުރިއިރު، ކޮންމެ ހާފަކު ވަނީ ގޯލެއް ޖަހައިފަ އެވެ. ފުރަތަމަ ހާފުގައި އަބްދުﷲ ޝައްފާން (ޝާކާ)ގެ ގޯލުން ވެމްކޯ ލީޑުނެގިއިރު، ދެ ވަނަ ހާފުގައި އެ ޓީމުގެ އަނެއް ލަނޑު ޖެހީ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އެވެ.
މުލިއާގޭ ރެކްރިއޭޝަން ކްލަބް ކޮޅަށް އެލައިޑުން ޖެހި 13 ގޯލުގެ ތެރެއިން ހުސެއިން އަލީ (އަޗޭ) ވަނީ ފަސް ގޯލު ޖަަހައިފަ އެވެ. ހަސަން ނަޒީމް ގާސިމް (ޗޯޓު) ހަތަރު ގޯލު ކާމިޔާބުކުރިއިރު، އަނެއް ލަނޑުތައް ޖެހީ މުހައްމަދު އިސާމް ދެ ގޯލާއި އަލީ އަމްޖަދާއި އަލީ ޖައުލާން އެވެ.
އިއްޔެ ހަވީރު އެޗްޑީސީން ދިވެހި ސިފައިންގެ ކްލަބް ބަލިކުރިއިރު، އެޗްޑީސީގެ ގޯލުތައް ޖެހީ ސާމިން މުހައްމަދު ނަސީރު، އަހުމަދު ސިޒާން (ސިއްޕެ) އަދި އަބްދުﷲ ޝާފިއު (ޝާއްޕެ) އެވެ. ސިފައިންގެ ޓީމުގެ ހަމައެކަނި ގޯލު ޖެހީ ދެ ވަނަ ހާފުގައި ހަސަން ފައްވާޒް އެވެ.

މުލިއާގެ ރެކްރިއޭޝަން ކްލަބް ކުޅުންތެރިއަކު ކައިރިން އެލައިޑްގެ ޗޯޓު ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: އަބްދުﷲ ޔަޝައު/ އަދަދު
މުބާރާތުގައި އެންމެ ކާމިޔާބު ޓީމު އެސްޓީއޯ އިން އިއްޔެ ހަވީރު ކުޅުނު މެޗުގައި އިމިގްރޭޝަން ކޮޅަށް ޖެހި ހަތަރު ގޯލުގެ ތެރެއިން ދެ ލަނޑު ޖެހީ އިސްމާއިލް އީސާ (މެސީ) އެވެ. އަނެއް ދެ ލަނޑު ކާމިޔާބުކުރީ ހަސަން މުހައްމަދު އާއި ހުޒައިފަތު ރަޝީދު (ހުޒޭ) އެވެ.
ރޭ ކުޅުނު މެޗުގައި އެމްއެމްއޭ ސޯޝަލް ކްލަބުން ވަނީ 6-4 ކްލަބް ޓީޓީއެސް ބަލިކޮށްފަ އެވެ. މި މެޗުގައި އެމްއެމްއޭގެ މުހައްމަދު އައްފާން ހެޓްރިކެއް ހެދިއިރު، އަނެއް ލަނޑުތައް ޖެހީ އިބްރާހިމް ސިމާހު ދެ ގޯލާއި އަހުމަދު ފާރިޝް އެވެ. ޓީޓީއެސްގެ ހަތަރު ލަނޑުގެ ތެރެއިން ތިން ގޯލު ޖަހައި، ޝިފާޒް އާދިލް ހެޓްރިކެއް ހެދިއިރު، އަނެއް ލަނޑު ޖެހީ އާދަމް ނަޝްވާން އެވެ.












