ލޮސް އެންޖެލެސް، އެމެރިކާ (އޮކްޓޯބަރު 11) - ދަ ބީޓްލްސް ބޭންޑުގެ ހަތަރު މެމްބަރުން 1966 ވަނަ އަހަރު ޑޫޑްލް ކުރި މޭޒުމަތީގައި އަޅާ ފޮތިގަނޑެއް މީހަކު ވަގަށް ނެގިތާ 50 އަހަރު ފަހުން ފެނިއްޖެ އެވެ.
ބޭންޑުގެ މެމްބަރުން އެ ފޮތިގަނޑުގައި ކުރެހީ ސޭން ފްރެންސިސްކޯގައި ޝޯއެއް ދިނުމުގެ ކުރިން ރޭގަަނޑު ކާން ތިބި ވަގުތުގަ އެވެ. އެއީ ޓިކެޓު ވިއްކައިގެން އެ ބޭންޑުން ދިން އެންމެ ފަހު ހުށަަހެޅުމެވެ.
ބޭންޑުގެ މެމްބަރުންނަށް ކެއުން ފޯރުކޮށްދިނީ ޖޯ ވިލާޑީ ނަމަކަށް ކިޔާ މީހެކެވެ. އޭނާ މޭޒުމަތީގައި އެޅި ފޮތިގަނޑުގައި ޖޯން ލެނަން، ޕައުލް މެކްކާޓްނީ، ޖޯޖް ހެރިސަން އާއި ރިންގޯ ސްޓާ ކުރެހި އެވެ.
އޭގެ އިތުރުން އެ މީހުންނާ އެކު ކާން މޭޒު ކައިރީގައި އިން ފޯކް ލަވަކިޔުންތެރިޔާ ޖޮއާން ބައެޒް ވެސް އެ ފޮތިގަނޑުގައި ޑޫޑްލް ކުރުމުގައި ބައިވެރިވި އެވެ.

ބޭންޑުގެ މެމްބަރުން ފޮތިގަނޑުގައި ކުރަހާފައި.

ހުދު ކުލައިގެ ފޮތިގަނޑު ދޮވުމުގެ ބަދަލުގައި ޖޯ ވިލާޑީ ނިންމީ ރެސްޓޯރެންޓުގެ ބިއްލޫރިގަނޑު ކައިރީގައި އޭތީ ދައްކަން ބެހެއްޓުމަށެވެ. އެކަމަކު ހަފުތާއެއް ނުވަނީސް އެ ފޮތިގަނޑު ވަގަށް ނެގި އެވެ.
ގެއްލުނުތާ 50 އަހަރަށް ވުރެ ގިނަ ދުވަސް ފަހު ވިލާޑީގެ ކާފަ ދަރިފުޅަށް 2021 ވަނަ އަހަަރު މީހަކު ގުޅައި އެ ފޮތިގަނޑުގެ ވާހަކަ ބުންޏެވެ.
"އެއީ އަންހެން މީހެއް... އޭނާ އެހީ އަހަރުމެންގެ އާއިލާގެ ކޭޓަރިން ވިޔަފާރިއެއް ސޭން ފްރެންސިސްކޯގައި ހިންގާތޯ،" އޭނާ އޭއެފްޕީއަށް ބުންޏެވެ.
"މި ހުރިހާ އަހަރެއް ވޭތުވެދިޔައިރު، އެ ފޮތިގަނޑު އޮތީ އޭނާގެ ބޭބެގެ އަތުގައި."
ވިލާޑީ ބުނީ އެ ފިރިހެން މީހާއަށް ފޮތިގަނޑު ލިބުނީ ފައިސާގެ ބަދަލުގައި ދަރަންޏެއް އަަދާކުރި މީހެއްގެ އަތުން ކަމަށެވެ. މިހާރު އެ ފޮތިގަނޑު ވަނީ ވިލާޑީއާ ހަވާލުކޮށްފަ އެވެ.
އޭނާ ނިންމީ ބިޑަށް ހުޅުވާލައިގެން އޭތި ވިއްކާލުމަށެވެ. އެގޮތުން އެ ފޮތިގަނޑު 25،000 ޑޮލަރަށް ވިއްކާލެވޭނެ ކަމަށް ބެލެވެ އެވެ.










