ދައްކާނީ ކޮން ޑޮކްޓަރަކަށް؟

އޭޑީކޭ ހޮސްޕިޓަލްގައި މީހެއްގެ ހެލްތު ޗެކަޕް ހަދަނީ. -- ފޮޓޯ: އޭޑީކޭ

އޭޑީކޭ ހޮސްޕިޓަލްގައި މީހެއްގެ ހެލްތު ޗެކަޕް ހަދަނީ. -- ފޮޓޯ: އޭޑީކޭ

ވަރަށް ގިނަ މީހުންގެ ހިތުގައި އުފެދޭ ސުވާލެކެވެ. އަހަރެން ދައްކަން ޖެހޭނީ ނުވަތަ ދައްކާނީ ކޮން ޑޮކްޓަރަކަށް ހެއްޔެވެ؟

މި ސުވާލުގެ ޖަވާބު ބިނާ ވެގެން ދަނީ އެ މީހެއްގެ ގައިގައި ހުރި ބައްޔެއް ނުވަތަ ސިއްހީ މައްސަލަތަކުގެ ބާވަތުގެ މައްޗަށެވެ. ތެދެކެވެ. ލޮލުގެ މައްސަލައެއްގައި ނަމަ ދާން ޖެހޭނީ ލޮލުގެ ޑޮކްޓަރެއްގެ ގާތަށެވެ. ކަށީގެ މައްސަލަތަކުގައި ކަށީގެ ހާއްސަ ޑޮކްޓަރެއް ގާތަށެވެ. ހިތުގެ ބަލީގެ ކަންކަމުގައި ހިތުގެ ޑޮކްޓަރެއް ގާތަށެވެ. ހަމަ އެހެންމެ ބަލިވެ އިނދެފިނަމަ އަންހެނުންގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރެއްގެ ގާތަށެވެ.

ކަން އޮތީ މިގޮތަށެވެ. އެހެން ނަމަވެސް އޮޅިގެން ނުވަތަ ނޭނގި ނަމަވެސް ދައްކަން ނުޖެހޭ ޑޮކްޓަރަށް ނުވަތަ އެކަމުގެ ފަރުވާ ކުރަން އެންމެ ލާއިގު ނޫން ޑޮކްޓަރަށް ދެއްކޭ ފަހަރު އާދެ އެވެ. މީގެ ސަބަބުން ބައެއްފަހަރު ކިއޫގައި އެތައް އިރަކު މަޑުކުރުމަށް ފަހު ދެއްކުނު ޑޮކްޓަރުގެ ލަފާގެ މަތިން އެކަމުގެ އަސްލު ޑޮކްޓަރަށް ދައްކަން އަނެއްކާ ވެސް އެހެން ނަންބަރެއް ނަގަން ޖެހެ އެވެ. މިފަދަ ކަންކަން ތަކުރާރުވާތީވެ، ކޮންމެ ވެސް އެއްޗެއް ދަންނަވާލެވޭތޯ ބަލާނަމެވެ.

Advertisement

ނާރު/ލޭހޮޅިތަކުގެ މައްސަލަ

ނާރަކީ އިނގިރޭސި ބަހުން ނަމަ ނާވް އެވެ. ނާރުގެ ތިން ބާވަތެއް ހުރެ އެވެ. އިހުސާސް ކުރުވާ ނާރާއި ހަރަކާތް ކުރުވާ ނާރާއި މި ދެބައި އެކުލެވޭ މަސްހުނި ނާރެވެ. ނާރަކީ ސިކުނޑި އަދި ސްޕައިނަލް ކޯޑާއި ހަރަކާތް ކުރުވާ ގުނަވަންތަކާމެދު ހިނގާ ހަރަކާތްތައް ދައުރުކޮށްދޭ ކަރަންޓް ނަރުފަދަ އެއްޗެކެވެ. އޭގެ އެތެރެ ހޮއެކޮށް ނުހުރެ އެވެ.

ލޭ ހޮޅިތަކަކީ އޭގެ އެތެރެ ހޮއިކޮށް ހުންނަ ލޭ ދަތުރުކުރާ ހޮޅިތަކެކެވެ. އޭގައި ދެ ވައްތަރެއް ހުރެ އެވެ. ހިތުން ހަށިގަނޑަށް ލޭ ފޮނުވައިދޭ ލޭ ހޮޅިތަކާއި (އާޓެރީ)، ހަށިގަނޑުގައި ހުންނަ ލޭ އަނބުރާ ހިތާއި ދިމާލަށް ފޮނުވައިދޭ ލޭ ހޮޅި (ވެއިން) އެވެ.

މީހެއްގެ އީސީޖީއެއް ހައްދަނީ. --ފޮޓޯ: އޭޑީކޭ
މީހެއްގެ އީސީޖީއެއް ހައްދަނީ. --ފޮޓޯ: އޭޑީކޭ

މީހެއްގެ އީސީޖީއެއް ހައްދަނީ. --ފޮޓޯ: އޭޑީކޭ

ނާރުތަކުގައި މައްސަލައެއް ޖެހިއްޖެ ނަމަ އައްސިވުން، ހިއްސު ކެނޑުން، މާބޮޑަށް އިހުސާސްވުން، ދިލަ ނެގުން ފަދަ ކަންކަން ދިމާވެ އެވެ. މަސްގަނޑު ނުވަތަ ގުނަވަނެއްގެ ބާރު ދަށްވުން ނުވަތަ ހަރަކާތް ހުއްޓުން ފަދަ ކަމެއް ދިމާވެދާނެ އެވެ. އެފަދަ ހާލަތެއްގައި ދައްކަން ޖެހޭނީ ސިކުނޑި އާއި ނާރުގެ ޑޮކްޓަރު ނުވަތަ ސިކުނޑި އާއި ނާރުގެ އޮޕަރޭޝަން ޑޮކްޓަރަކަށެވެ. އެއީ ނިއުރޮލޮޖިސްޓް ނުވަތަ ނިއުރޯ ސާޖަން އެވެ.

ލޭ ހޮޅިތަކުގެ މައްސަލައެއް ޖެހިއްޖެ ނަމަ ލޭ ހޮޅި ފުއްޕައި، ދުޅަވެ، ނުވަތަ ތަދުވެ، ކަޅުވެ، ކުލަ ބަދަލުވާ ގޮތްވެ އެވެ. އަދި އެ ލޭ ހޮޅިން ލޭ ފޯރުކޮށްދޭ ގުނަވަނަށް ލެ އާއި އޮކްސިޖަން ނުލިބި ހަލާކުވާ ގޮތް މެދުވެރިވެ އެވެ. ބައެއް ފަހަރު ބައެއް މީހުންގެ ފައިގެ ލޭހޮޅިތައް ފުއްޕާފައި ހުންނަ ތަން އަހަރެމެންނަށް ފެނެ އެވެ. އެއަށް ކިޔަނީ ވެރިކޯސް ވެއިން އެވެ. މި ބާވަތުގެ ކަމެއް ނަމަ ދައްކަން ޖެހޭނީ ލޭ ހޮޅިތަކުގެ ހާއްސަ ޑޮކްޓަރަކަށެވެ. އެއީ ވަސްކިއުލާ ސާޖަނުންނެވެ. އެފަދަ ޑޮކްޓަރަކު ނެތްނަމަ އޮޕަރޭޝަން ޑޮކްޓަރަކަށް ދައްކާލިޔަސް ރަނގަޅެވެ. އެއްވެސް ހާލެއްގައި ދައްކަންވީ ސިކުނޑި އާއި ނާރުގެ ޑޮކްޓަރަކަށްނޫނެވެ.

ހުޅުހުޅުގައި ރިއްސައި ދުޅަވެ ތަދުވުން

ހުޅުހުޅުގައި ރިއްސުމާއި ތަދުވުމާއި ދުޅަވުމަކީ ހިނގައިބިނގައިވެ އުޅުމަށް އޭގެ ސަބަބުން ވަރަށް އުނދަގޫތަކެއް އުފުލަންޖެހޭ ކަމެކެވެ. އާންމު އުސޫލުން ހުޅެއްގައި ނުވަތަ ހުޅުތަކުގައި ރިއްސާނަމަ ދައްކަން ޖެހޭނީ ކަށީގެ ޑޮކްޓަރަކަށެވެ. އެހެން ނަމަވެސް އޮޓޯއިމުން މައްސަލަތަކުގެ ބަލިތައް (ރުމަޓޮއިޑް އާތްރައިޓިސް) ނުވަތަ ރާއްޖެ ބަލިފަދަ ބަލިތަކަށް ފަރުވާ ކުރައްވާނީ ރޫމަޓޮލިޖިސްޓުންނެވެ. އެ ބާވަތުގެ ޑޮކްޓަރެއް ނެތް ނަމަ އެތެރެހަށީގެ ހާއްސަ ޑޮކްޓަރަކަށް ދައްކާލިޔަސް ރަނގަޅުވާނެ އެވެ.

ތަންތަން ދުޅަވުން/ ގޮށްލުން

ގިނަ ފަހަރު ހަށިގަނޑުގެ ތަނެއް ދުޅަވެއްޖެ ނަމަ އެ ދައްކަން ޖެހޭނީ އޮޕަރޭޝަން ޑޮކްޓަރަކަށެވެ. އުރަމަތީގައި ދުޅައެއް ހުއްޓަސް ހަމަ އޮޕަރޭޝަންގެ ހާއްސަ ޑޮކްޓަރު/ ސާޖަން އަކަށެވެ. އެތެރެހަށީގެ ހާއްސަ ޑޮކްޓަރަކަށް ނުވަތަ އަންހެނުންގެ ހާއްސަ ޑޮކްޓަރަކަށް ނޫނެވެ. އެހެން ނަމަވެސް ހަށިގަނޑުގެ އެކި ހިސާބުތަކުގައި (ކަނދުރާ، ކިހިލިފަތް، އުކުޅުވަޅު ފަދަ ހިސާބުތަކުގައި) ގޮށްލައި ދުޅަވެ ހަމަ އެއާއެކު މީހާގެ ބަރުދަން ލުއިވެ، ހުން އަންނަ ނަމަ، ދައްކަން ޖެހޭނީ އެތެރެހަށީގެ ޑޮކްޓަރަކަށެވެ.

ކުޑަކުދިންގެ ސިއްހީ ކަންކަން

ބައެއް ފަހަރު ކުޑަކުދިންގެ ކަންކަމުގައި އެ ކުދިންގެ އެތެރެހަށީގެ ކަމެއް ހުރިތޯ ބެލުމަށް އެތެރެހަށީގެ ހާއްސަ ޑޮކްޓަރުންނަށް ދައްކަން ދާތަންފެނެ އެވެ. ކުޑަކުދިންގެ އެތެރެހަށީގެ ހާއްސަ ޑޮކްޓަރުންނަކީ ހަމަ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރުންނެވެ. ޕީޑިއަޓްރިޝަނުންނެވެ. އެހެން ނަމަވެސް ކުޑަކުދިންގެ ޓޮންސިލް މާ ބޮޑަށް ދުޅަވެ ނުވަތަ ހަމުގެ ބަލިތައް ފަދަ މައްސަލަތަކުގައި އެކަމުގެ ހާއްސަ ޑޮކްޓަރުންނަށް ދެއްކުމަކީ އެންމެ ރަގަޅުކަމެކެވެ.

މާބަނޑު އަންހެނެއް

އަންހެނުންގެ ސިއްހީ ކަންކަން

އަންހެނުންގެ ބަލިތަކުގެ ޑޮކްޓަރޭ ބުނެވޭ އިރަށް އެއީ އަންހެނަކަށް ދިމާވާ އެންމެހައި ކަމަކަށް ފަރުވާ ކުރައްވާ ޑޮކްޓަރޭ ހިތަށް އަރާ މީހުން ތިބެދާނެ އެވެ. ރަނގަޅެވެ. ރަހިމާއި އޮވަރީ އަދި އެއާ ގުޅިފައިވާ ގުނަވަންތަކުގެ ކަންކަމުގައި އަދި ބަލިވެއިނުމާއި އެކަމުގެ އެންމެހައި ކަންކަމުގައި ދައްކަން ވާނީ އަދި ފަރުވާ ހޯދަން ދާން ވާނީ އަންހެނުންގެ ހާއްސަ ޑޮކްޓަރުން ގާތަށެވެ.

އެހެން ނަމަވެސް އެތެރެހަށީގެ ކަމެއްގައި، ކުޑަކަމުދާ ނިޒާމުގެ މައްސަލައެއްގައި، ހަމުގެ ބައްޔެއްގައި، އަދި ދެންވެސް ދިމާވާ ވަކި ހާއްސަ ކަމެއްގައި ފަރުވާ ކުރައްވާނީ އެކަމުގެ ހާއްސަ ޑޮކްޓަރުންނެވެ.

ހަމައެހެންމެ ދަތާއި ހިރުގަނޑުގެ ކަންކަމުގައި ދައްކަންޖެހޭނީ ދަތުގެ ޑޮކްޓަރުންނަށެވެ. ކުޑަކުދިންނާއި ބޮޑެތި މީހުން ވެސް މެ އެވެ. ބައެއް ފަހަރު އެތެރެހަށީގެ ބައްޔެއްގެ ސަބަބަކާ ހުރެ ހިރުގަނޑަށް ނުވަތަ ހަންގަނޑު ފަދަ ތަނަކަށް ދިމާވާ މައްސަލަތައް ވެސް ހުރެ އެވެ. އެފަދަ ކަމަކަށް ޝައްކު ކުރެވޭނަމަ ޑޮކްޓަރު އެ ވާހަކަ ކިޔައިދެއްވާނެ އެވެ.

މި ދަންނަވާލެވުނީ ފަރުވާއެއް ހޯދަން ޑޮކްޓަރެއް ހިޔާރުކުރުމުގެ އާންމު އުސޫލެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސިކުނޑީގެ ހަރަކާތާ ގުޅޭ ދިރާސާ ހެދި ސައިންސްވެރިންނަށް އިނާމު

ސިކުނޑީގެ ނާރުތަކުގެ މަސައްކަތް އަލީގެ އެހީގައި ކޮންޓްރޯލް ކުރެވޭނެ ގޮތް ނުވަތަ "އޮޕްޓޯޖެނެޓިކްސް" ހޯއްދެވި ތިން ސައިންސްވެރިއަކަށް މިއަހަރުގެ ބޭސްވެރިކަމުގެ ނޯބެލް އިނާމު ވަނީ އަރުވާފައެވެ. މި ހޯދުމުގެ ސަބަބުން ސިކުނޑީގެ ސިއްރުތަކާއި ބަލިތައް ދެނެގަތުމަށް އާ މަގުތަކެއް ފަހިވެ، ނިއުރޯސައިންސްގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

ބަނދަރެއްގައި ތާށިވި މިޔަރެއް ބަލަން 600،000 މީހުން ޖަމާވެއްޖެ

ދެކުނު ކޮރެއާގެ ބުސާން ބަނދަރުގެ ހަނި ސަރަހައްދެއްގައި ތާށިވެފައިވާ 3.5 މީޓަރުގެ މިޔަރެއް ސަލާމަތްކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެފައިވާއިރު، އެ މިޔަރު ބަލާލުމަށް 600،000 އަށް ވުރެ ގިނަ މީހުން ވަނީ އެ ސަރަހައްދަށް ޖަމާވެފައެވެ. ތިން ހަފުތާ ވަންދެން އެ ސަރަހައްދުގައި އުޅޭ މި މިޔަރު އަމިއްލައަށް ކަނޑަށް ނުކުމެގެންދާނެ ކަމަށް ރެސްކިއު ޓީމުން މިހާރު އުންމީދުކުރާއިރު، މިއީ ހޫނު ކަނޑުތަކުގައި އުޅޭ "ބްރޮންޒް ވޭލާ" ބާވަތުގެ މިޔަރެއް ކަމަށް މާހިރުން ލަފާކުރެއެވެ.

ސްޓްރޭ ކިޑްސް ވެސް ގްރެމީ އެވޯޑް ބޮއިކޮޓްކޮށްފި

ކޭ-ޕޮޕް ބޭންޑް "ސްޓްރޭ ކިޑްސް" އިން 2027 ވަނަ އަހަރުގެ ގްރެމީ އެވޯޑްސް ބޮއިކޮޓްކުރަން ނިންމައި، އެވޯޑަށް އެއްވެސް ހުށަހެޅުމެއް ނުފޮނުވުމަށް ވަނީ ކަނޑައަޅާފައެވެ. މި ނިންމުން ނިންމީ އޭޝިއާގެ މިއުޒިކަށް ގްރެމީން އަލަށް ތައާރަފުކުރި ކެޓަގަރީގެ ސަބަބުން މިއުޒިކް އެކަހެރިވާ ކަމަށް ބުނެ، ބީޓީއެސް އިން ފެށި ބޮއިކޮޓްގައި ބައިވެރިވުމުގެ ގޮތުންނެވެ. އެ ބޭންޑުން ބުނާ ގޮތުގައި އެމީހުންގެ އެންމެ ބޮޑު އަމާޒަކީ އެވޯޑް ހޯދުމުގެ ބަދަލުގައި ސަޕޯޓަރުން އުފާކޮށްދިނުމެވެ.

Newsletter

Get the latest news delivered straight to your inbox