ކްލަބް މޯލްޑިވްސް ކަޕްގައި މިރޭ ކުޅުނު މެޗުތަކުން އެންމެ ފަހުގެ ރަނަރަޕް، ޓީމު އެފްއެސްއެމް އިން މި ފަހަރުގެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން 1-1 އިން ސްޓެލްކޯ ކްލަބާ އެއްވަރުވެއްޖެ އެވެ.
މުބާރާތުގެ ތަށި ތިން ފަހަރު އުފުލާލާފައިވާ އެމްޕީއެލް އިން މި ފަހަރުގެ މުބާރާތް ފެށި މެޗުގައި ވަނީ 3-0 އިން ކަސްޓަމްސް ރެކްރިއޭޝަން ކްލަބް ބަލިކޮށްފަ އެވެ. އެމްޕީއެލް ހިމެނޭ ގްރޫޕް އެފްގެ އަނެއް މެޗުގައި ކްލަބް އާސަންދަ އިން ވަނީ ފަހު ވަގުތު ޔޫތު މިނިސްޓްރީއާ 3-3 އިން އެއްވަރުކޮށްފަ އެވެ.
ސްޓެލްކޯ އާއި އެފްއެސްއެމް ހިމެނޭ ގްރޫޕް އީގައި ރާއްޖެ އޮންލައިން ކްލަބުން ވަނީ ހޯމް އެފެއާޒް 6-1 އިން ބަލިކޮށްފަ އެވެ.
ބޯ ވިއްސާރައިގެ ތެރޭގައި މިރޭ އެފްއެސްއެމް އާއި ސްޓެލްކޯ ކުޅުނު މެޗުގެ ހަތަރު ވަނަ މިނިޓްގައި ލަނޑެއް ފެނުނެވެ. މި ގޯލު ޖެހީ ހިލޭ ޖެހުމަކުން ސްޓެލްކޯގެ ސުއައިދު ސައީދު އެެވެ. އޭނާ ޖެހި ބޯޅަ ވަނީ ތިރިތިިރިން ގޮހެވެ. ވިއްސާރައިގެ ސަބަބުން ދެ ޓީމަށް ވެސް އެންމެ ރަނގަޅު ކުޅުން ދައްކަން އުނދަގޫވި މި މެޗުގައި ދެ ޓީމަށް ވެސް ގޯލު ޖަހާނެ ހުސް ފުރުސަތު ލިބުނެވެ.
އެފްއެސްއެމް އިން އެއްވަރުކުރީ މެޗުގެ ދެ ވަނަ ހާފްގައި އަބްދުﷲ ޒިޔާން ޖެހި ގޯލުންނެވެ. އޭރިއާބޭރުން ލިބުނު ހިލޭ ޖެހުމަކުން ޒިޔާން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. މެޗުން މޮޅުވާން ދެ ޓީމުން ވެސް ކުރި ވެސް މަސައްކަތް ކާމިޔާބުނުވިއިރު، ދެ ޓީމަށް ވެސް ފުރަތަމަ މެޗު ފަރުޖައްސާލަން ޖެހުނީ ޕޮއިންޓަކުންނެވެ.

އެފްއެސްއެމްއާ ދެކޮޅަށް މިރޭ ކުޅުނު މެޗުގެ ތެރެއިން ސްޓެލްކޯ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
މިރޭ އެމްޕީއެލް އިން ކަސްޓަމްސް ކޮޅަށް ޖެހި ތިން ގޯލުގެ ތެރެއިން ދެ ގޯލު ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާ މުހައްމަދު ސާދު ނިޒާރު އެވެ. އަނެއް ގޯލު ޖެހީ މުހައްމަދު ޔަފާއު އެވެ.
ކްލަބް އާސަންދަ އިން އަސްހަމް އަހުމަދުގެ ގޯލުން ހަތަރު ވަނަ މިނިޓްގައި ލީޑުނެގި މިރޭގެ މެޗުގައި މިނިސްޓްރީ ޓީމުން ވަނީ ފަހަތުން އަރައި 17 މިނިޓް ތެރޭ ތިން ލަނޑު ޖަހައިފަ އެވެ.
މިނިސްޓްރީ ޓީމަށް އެއްވަރުކޮށްދިނީ އިލްވާން މުހައްމަދު އެވެ. އަނެއް ދެ ގޯލު ޖެހީ ފަތުހުﷲ ޖަމީލް އެވެ. މެޗުގެ 23 ވަނަ މިނިޓްގައި އާސަންދަ ޓީމުގެ ކެޕްޓަން، އަހުމަދު އަބްދުﷲ (ލިލީ) ވަނީ ގޯލެއް ޖަހައި ފަރަގު އެއް ގޯލަށް ކުޑަކޮށްފަ އެވެ.
ނަތީޖާ ހަަަމަހަމަކުރަން އާސަންދަ އިން ޖެހި ގިނަ ހަމަލާތަކެއް ދަނޑިއަށް އަމާޒުުވިއިރު، އެ ޓީމުން އެއްވަރުކުރި ގޯލު ޖެހީ މެޗު ނިމެން މިނިޓަކަށް ވެފައި ހުއްޓަ އެވެ. މިއީ މުހައްމަދު ރިލްވާން އަށް އޭރިއާތެރެއިން ލިބުނު ރީބައުންސް ބޯޅައަކުން ޖެހި ގޯލެކެވެ.
ހޯމް އެފެއާޒް އިން ވަނީ މިރޭ ރާއްޖެ އޮންލައިން ކްލަބް ކޮޅަށް ހަ ވަނަ މިނިޓްގައި ލީޑުނަގައިފަ އެެވެ، މި ގޯލު ޖެހީ ޒައިދާން އަބްދުﷲ އެވެ.
އޭގެ ތިން މިނިޓް ފަހުން ރާއްޖެ އޮންލައިން އަށް އެއްވަރުކޮށްދިނީ ރަޝްވާން ރަޝީދު އެވެ. ރާއްޖެ އޮންލައިން ކްލަބުން ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ތިން ވަނަ މިނިޓްގައި ލީޑުނެގީ ހަސަން ސޮލާހު ޖެހި ގޯލުންނެވެ. އޭގެ ފަހުން ރަޝްވާން އިތުރު ގޯލެއް ޖަހައި، ރާއްޖެ އޮންލައިންގެ ލީޑުފުޅާކުރި އެވެ.
މެޗުގެ 35 ވަނަ މިނިޓްގައި ހޯމް އެފެއާޒް ޓީމުގެ ކީޕަރު ސުއައިދު ޔޫނުސް އަށް ރަތް ކާޑެއް ދެއްކުމުން އެ ޓީމުން ދެން ކުޅުނީ ޓީމުގެ އެހެން ކުޅުންތެރިއަކު ގޯލަށް ލައިގެންނެވެ. އޭގެ ފަހުން ރާއްޖެ އޮންލައިން އިން އިތުރު ތިން ގޯލު ޖެހި އެވެ. މި ލަނޑުތައް ޖެހީ ޓީމުގެ ކެޕްޓަން، ހަމްދޫން އަހުމަދު، ޔައިޝް މުސްތަފާ އަދި އަބްދުﷲ މުއާޒް (އޮޓޯ) އެވެ.












