ޖޯޖް ކްލޫނީ އާއި ޖޫލިއާ ރޮބަޓްސް އެކުގައި ފެނިގެންދާ ރޮމޭންޓިކް ކޮމެޑީ "ޓިކެޓް ޓު ޕެރެޑައިޒް" އަށް ބައިނަލްއަގްވާމީ ބޮކްސް އޮފީހުގައި ބޮޑު ތަރުހީބެއް ލިބެމުން އެބަދެ އެވެ.
ޔުނިވާސަލް ސްޓޫޑިއޯޒްގެ އެ ފިލްމަށް މިހާތަނަށް 60 މިލިއަަން ޑޮލަރު ލިބިފައިވެ އެވެ. ފާއިތުވި ހަފުތާ ބަންދުގައި އެކަނިވެސް 10.5 މިލިއަން ޑޮލަރު ލިބުނެވެ.
މިހާތަނަށް ފިލްމު ރިލީޒްކުރި ފްރާންސް، މެކްސިކީ، އިޓަލީ، އޮސްޓްރޭލިއާ، އިނގިރޭސިވިލާތް، އަޔަލޭންޑް އަދި ޖަރުމަނުވިލާތުގައި ވެސް އެ ފިލްމު ދަނީ ހިނގަމުންނެވެ. އެމެރިކާ އާއި ކެނެޑާގައި ފިލްމު ރިލީޒް ކުރާނީ އޮކްޓޯބަރު 21 ގަ އެވެ.
"ޓިކެޓް ޓު ޕެރެޑައިސް" މަގްބޫލުވެފައިވާ އިރު، ގިނަ ތަރިން ހިމެނޭ ޑޭވިޑް އޯ ރަސެލްގެ ފިލްމު "އެމްސްޓަޑަމް" ވަނީ ބައިނަލްއަަގްވާމީ ބޮކްސް އޮފީހުގައި ފްލޮޕްވެފަަ އެވެ.
އެ ފިލްމުގައި ކްރިސްޓިއަން ބޭލް، މާގޮޓް ރޮބީ، ޖޯން ޑޭވިޑް ވޮޝިންޓަން އަދި ލަވަކިޔުންތެރިޔާ ޓެއިލާ ސްވިފްޓް ފަދަ ތަރިން ފެނިގެންދެ އެވެ.

އެ ފިލްމު 30 މާކެޓުގައި ރިލީޒްކޮށްގެން ލިބުނީ އެންމެ 3.5 މިލިއަން ޑޮލަރެވެ. ޑިޒްނީ އާއި ޓުވެންޓިއަތް ސެންޗަރީ ފޮކްސްއިން އެ ފިލްމު އުފައްދަން 80 މިލިއަން ޑޮލަރު ހޭދަކުރި އެވެ.
އެމެރިކާ އާއި ކެނެޑާގައި ފިލްމު އަޅުވައިގެން މިހާތަނަށް ލިބުނީ 6.5 މިލިއަން ޑޮލަރެވެ. މަގްބޫލުކަަން ކުޑަ އެ ފިލްމުގެ ރިވިއުތައް ވެސް އަންނަނީ ގޯސްކޮށެވެ.










