ކްލަބް މޯލްޑިވްސް ކަޕްގެ އަންހެން ޑިވިޝަން، 18/30 ފުޓްސަލް ފިއެސްޓާގައި އެންމެ ފަހުގެ ޗެމްޕިއަން އެމްޕީއެލް އިން ކުުޅުނު ފުރަތަމަ މެޗުގައި ކްލަބް ވެމްކޯއާ 1-1 އިން އެއްވަރުވިއިރު، ދިވެހި ސިފައިންގެ ކްލަބުން ޓީމު ފެނަކަ އަތުން ފަސޭހަކަމާ އެކު 4-0 އިން މޮޅުވެއްޖެ އެވެ.
އަންހެން ޑިވިޝަނުގައި ފަސް ޓީމު ވާދަކުރާއިރު ރޭ ވަނީ ދެ މެޗެއް ކުޅެފަ އެވެ.
އެމްޕީއެލް އިން ރޭގެ މެޗުގައި ކުޅުނުއިރު، އެ ޓީމަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ އަނިޔާގެ ސަބަބުން ޓީމުގެ މުހިންމު ކުޅުންތެރިޔާ، ފާތިމަތު ޖޫޒާން ޒަރީރަށް ނުކުޅެވުމެވެ. ރޭގެ މެޗުގައި ފުރަތަމަ ލީޑުނެގީ ވެމްކޯ އިންނެވެ. މި ގޯލު ޖެހީ މެޗުގެ 15 ވަނަ މިނިޓްގައި އައިމިނަތު ފަޒްލާ އެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރިތާ މާގިނައިރެއްނުވެ، ގޯލު ކުރިމައްޗަށް ހުރަސްވި ބޯޅައެއް ފަޒްލާ ވަނީ ގޯލަށް ފޮނުވާލައިފަ އެވެ.
ފުރަތަމަ ހާފުގައި އެމްޕީއެލް އިން ނަތީޖާ ހަމަހަމަކުރަން ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ. އެކަމަކު، ދެ ވަނަ ހާފްގެ ކުޅުން ފެށިތާ ދެ މިނިޓް ތެރޭ އެމްޕީއެލް އިން ގޯލު ޖެހި އެވެ. އެ ޓީމަށް ކުޅޭ ތައިލެންޑްގެ މިސް ނަޓާމޮން އާޓްކްލާ އޭރިއާބޭރުން ޖެހި ބޯޅަ ގޯލަށް ވަނީ އައިޝަތު މާޖިދާ ފައިގައި ޖެހިފަ އެވެ.
އިތުރު ގޯލެއް ޖަހައި، މެޗުން މޮޅުވާން ދެ ޓީމުން ކުރި މަސައްކަތް ވެސް ކާމިޔާބެއްނުވެ، މެޗު ނިމުނީ އެއްވަރުވެގެންނެވެ. މިދިޔަ އަހަރު ވެސް ވެމްކޯ އާއި އެމްޕީއެލް ކުޅުނު އެއް މެޗު ވަނީ އެއްވަރުވެފަ އެވެ.
އަންހެން ޑިވިޝަނުގައި ރޭ ފެނަކަ ކޮޅަށް ސިފައިންގެ ޓީމުގެ ގޯލުތައް ޖެހީ ފާތިމަތު ތީބާ ދެ ގޯލާއި މަރިޔަމް ރިފާ އަދި ބަންގްލަދޭޝް ގައުމީ ޓީމުގެ ކެޕްޓަން، ސަބީނާ ހަތުން އެވެ.

ރޭގެ މެޗުގެ ތެރެއިން މޯލްޑިވިއަންގެ ކެޕްޓަން ނަދާދު (ވ) މީޑިއާނެޓް ގޯލަށް ބޯޅަ ފޮނުވާލަން މަސައްކަތް ކުރަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
ކްލަބް މޯލްޑިވްސް ކަޕް: މީޑިއާނެޓާއި ފެން ކްލަބް ފެށީ މޮޅަކުން
ކްލަބް މޯލްޑިވްސް ކަޕްގައި ރޭ ވަނީ ފިރިހެން ޑިވިޝަނުގެ ގްރޫޕް އޭ އާއި ގްރޫޕް ބީގެ ދެ ވަނަ މެޗު ކުޅެފަ އެވެ.
ގްރޫޕް އޭގެ ދެ ވަނަ މެޗުގައި ކްލަބް ފެން އިން ވަނީ މިފްކޯ ރެކްރިއޭޝަން ކްލަބް އަތުން މޮޅުވެފަ އެވެ. މި މެޗުގައި ދެ ޓީމަށް ވެސް ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިގެންދިޔައިރު، ފެން ޓީމުގެ ދެ ގޯލު ވެސް ޖެހީ އެ ޓީމުގައި މުހިންމު ދައުރެއް އަދާކުރި އަހުމަދު ރައްޔާން އެވެ.
މިފްކޯ އަށް މި މެޗުގައި ގޯލު ޖަހަން މުޅިން ހުސްކޮށް ވެސް ގިނަ ފުރުސަތުތަކެއް ލިބި ދިޔައީ ބޭނުމެއް ނުކުރެވި އެވެ.
ގްރޫޕް ބީގައި ރޭ ކުޅުނު މެޗުން މޯލްޑިވިއަން ވަނީ 4-0 އިން މީޑިއާނެޓް ބަލިކޮށްފަ އެވެ. މެޗު ފެށިގެން ހަތަރު ވަނަ މިނިޓްގައި މޯލްޑިވިއަން އަށް ލީޑުނަގައިިދިނީ އިބްރާހިމް ނަދާދު އެވެ. އޭރިއާބޭރު އަރިމަތިން ނަދާދު ޖެހި ބާރު ބޯޅަ އަމާޒުވީ ގޯލުގެ ދުރު ކަނަށެވެ. ނަތީޖާ ހަމަހަަމަކުރަން މީޑިއާނެޓަށް ގިނަ ފުރުސަތުތަކެއް ލިބި ބޭނުމެއް ނުކުރެވިޔައިރު، ލީޑު ފުޅާކުރަން މޯލްޑިވިއަން އަށް ލިބޭ ބޯޅަތަކުގައި ވެސް ބޭނުމެއް ނުހިފުނެވެ.
މޯލްޑިވިއަން އިން ލީޑުފުޅާކުރީ މެޗުގެ 32 ވަނަ މިނިޓްގައި ހަމްޒާ މުހައްމަދު (ހަމްޕު) ޖެހި ގޯލުންނެވެ. ބޯޅަ ކޮންޓްރޯލް ކޮށްލުމަށް ފަހު ލިބުނު ކުޑަ ޖާގައަކުން ހަމްޕު ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަަނަށެވެ. މީޑިއާނެޓުން މެޗުގެ ބާކީ ބައިގައި ކުރިއަށް ޖެހިގެން ކުޅުނުއިރު، އޭގެ ފައިދާނަގައި މޯލްޑިވިއަން އިން އިތުރު ދެ ގޯލު ޖެހި އެވެ. މި ގޯލުތައް ޖެހީ ހަމްދާން އަބްދުއްސައްތާރާއި ނަދާދު އެވެ.
މުބާރާތުގައި މިރޭ އޮތީ ގްރޫޕް ސީގެ ދެ މެޗާއި ގްރޫޕް ޑީގެ ދެ މެޗެވެ. އެ ގޮތުން 20:05 ގައި އޮތީ ގްރޫޕް ސީގައި ޓީމު ފެނަކަ އާއި ޔުނައިޓެޑް ބީއެމްއެލް ކުޅޭ މެޗާއި ގްރޫޕް ޑީގައި އެމްއޭސީއެލް އާއި ޓްރޭޑް ކްލަބް ކުޅޭ މެޗެވެ. އަދި 21:30 ގައި އޮތީ ގްރޫޕް ސީގައި ކްލަބް އޭވިއޭޝަން ސެކިއުރިޓީ އާއި ޓީމު ޑީޖީއޭ ކުޅޭ މެޗާއި ގްރޫޕް ޑީގައި ޓީމު ސިވިލް ކޯޓާއި ކްލަބް އެއާޕޯޓްސް ބައްދަލުކުރާ މެޗެވެ.












