ކްލަބް މޯލްޑިވްސް ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން، ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ) މި ފަހަރުގެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި މިއަދު ހަވީރު، 4-1 އިން މާލެ ސިޓީ ކައުންސިލް ބަލިކުރިއިރު، ކްލަބް ވެމްކޯ އިން 7-2 އިން ޓީމު އެމްޓީސީސީ ބަލިކޮށް ވަރުގަދަކޮށް ފަށައިފި އެވެ.
ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގެ އެއް ވަނަ ޕިޗުގައި މިއަދު ހަވީރު ކުޅުނު މެޗުގެ 10 ވަނަ މިނިޓްގައި އާރްއާރްސީ އަށް ލީޑުނަގައިދިނީ އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) އެވެ. އޭރިއާބޭރުން ބިޗަޑް ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ކަނަށެވެ. އޭގެ ޖެހިގެން އައި މިނިޓްގައި އާރްއާރްސީގެ އިބްރާހިމް މައިޝާން (މައި) ހުސްކޮށްލާފައި ދިން ބޯޅަ ގޯލު ރޮނގުމަތިން ބިޗަޑް ވަނީ ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ.
އަލުން މެޗުގެ ތެރެއަށް ވަންނަން ސިޓީ ކައުންސިލުން ކުރި މަސައްކަތުގައި މެޗުގެ 15 ވަނަ މިނިޓްގައި އެ ޓީމުން ގޯލެއް ޖެހި އެވެ. މި ލަނޑު ޖެހީ މޫސާ ހަސަން ފުޅު އެވެ. ހިލޭ ޖެހުމެއްގައި އެ ޓީމުގެ އައިހަމް އަހުމަދު ޖެހި ބޯޅަ އޭރިއާތެރެއިން މޫސަ ވަނީ ގޯލުގެ މަތީ ކަނަށް ފޮނުވާލައިފަ އެވެ.
ދެ ވަނަ ހާފުގެ ކުޅުން ފަށައިގެން ދެ ޓީމުގެ ގިނަ ފައުލުތަކެއް ފެނިގެންދިޔައިރު، ސިޓީ ކައުންސިލަށް އެއްވަރުކޮށްދޭން ހަމްދޫން އަބްދުލް ލަތީފް ޖެހި ޝޮޓެއް ދިޔައީ ދަނޑިކައިރިން ބޭރުންނެވެ. އަދި އެ ޓީމުގެ މުހައްމަދު ނާއިމް ފޮނުވާލި ހަމަލާ ވެސް ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.
އާރްއާރްސީގެ ޕްރެޝަރުގައި ކުޅެމުން ދަނިކޮށް ހަމަޖެހުމެއް ލިބުނީ މެޗުގެ 32 ވަނަ މިނިޓްގައި އަލީ ހާފިޒް (ހާއްޕެ) އެ ޓީމުގެ ލީޑުފުޅާކޮށްދިނުމުންނެވެ. އަރިމަތިން ހާއްޕެ އަށް ލިބުނު ބޯޅަ ހިފައިގެން ކުރިއަށް ދިޔަ ވަގުތު ސިޓީ ކައުންސިލްގެ ކީޕަރު މުހައްމަދު ދާނިޝް ކުރިއަށް އެރި އެވެ. އޭގެ ފައިދާ ނަގައި، ހާއްޕެ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.
ގޯލެއް ޖަހަން ސިޓީ ކައުންސިލުން ކުރިއަށް ޖެހުނު ވަގުތު ހާއްޕެ ދިން ބޯޅައަކުން އާރްއާރްސީގެ ފަހު ގޯލު ޖެހީ މެޗުގެ 39 ވަނަ މިނިޓްގައި ޓީމުގެ ކެޕްޓަން އިބްރާހިމް އަސްވަދު (ގަބޭ) އެވެ.

ވެމްކޯގެ އައިހު މިއަދުގެ މެޗުގެ ތެރެއިން އެމްޓީސީސީ ގޯލަށް ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ޕިޗް ދޭއްގައި ކުޅުނު މެޗުގައި ވެމްކޯ އިން ވަނީ އެމްޓީސީސީ ކޮޅަށް ހަތް ގޯލު ޖަހައިފަ އެވެ. ވެމްކޯގެ ގޯލުތައް ޖެހީ އަހުމަދު އައިހަމް (އައިހު) ހަތަރު ގޯލާއި އަލީ ޝިޔާހު (ޝިޔަޅޭ) ދެ ގޯލުގެ އިތުރުން އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އެއް ގޯލެވެ.
އެމްޓީސީން މެޗުގެ ފަހުކޮޅުގައި ކުޅުން ރަނގަޅުކުރިއިރު، އެ ޓީމުގެ ދެ ގޯލު ވެސް ޖެހީ އިބްރާހިމް އާޒިމް އެވެ.
ވެމްކޯ އާއި އެމްޓީސީސީ އަކީ ކްލަބް މޯލްޑިވްސް ކަޕްގެ ފިރިހެން ޑިވިޝަނުގައި ބިދޭސީ ކުޅުންތެރިން ހިމަނައިގެން ކުޅޭ ހަމައެކަނި ދެ ޓީމެވެ. ވެމްކޯ ޓީމުގައި އީރާންގެ އަލީ ހޮދާދީ ހިމެނޭއިރު، އެމްޓީސީސީ ޓީމުގައި ސްރީ ލަންކާ ގައުމީ ޓީމުގައި ހިމެނޭ މިޑްފީލްޑަރު މުހައްމަދު ފަސަލް ކުޅެ އެވެ.
މުބާރާތުގެ ފުރަތަމަ މެޗުތަކާއި ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަދި ވިކްޓަރީ ސްޕޯޓްސް ކްލަބްގެ ބޯޑު މެމްބަރު އަލީ ނިޔާޒް އެވެ. އަރިހުގައި ކްލަބް މޯލްޑިވްސްގެ ވައިސް ޗެއާމަން، އިބްރާހިމް އަޝްރަފް ބައިވެރިވެވަޑައިގެންނެވި އެވެ.
މުބާރާތުގައި މިރޭ އެންމެ ފުރަތަމަ އޮތީ ކްލަބް މޯލްޑިވްސްގެ އަންހެން ޑިވިޝަން މުބާރާތް، 18/30 ފުޓްސަލް ފިއެސްޓާގައި އެންމެ ފަހުގެ ޗެމްޕިއަން އެމްޕީއެލް އާއި ރަނަރަޕް ކްލަބް ވެމްކޯ ކުޅޭ މެޗާއި ދިވެހި ސިފައިންގެ ކްލަބާއި ޓީމު ފެނަކައިގެ ކުރިމަތިލުމެވެ. މި ދެ މެޗު ކުޅެން ހަމަޖެހިފައިވަނީ 20:05 ގަ އެވެ.
މިރޭ ދެން ކުޅޭ މެޗުތަކަކީ ކްލަބް މޯލްޑިވްސް ކަޕްގެ ގްރޫޕް އޭގައި މޯލްޑިވިއަން އާއި މީޑިއާނެޓް ކުޅޭ މެޗާއި މިފްކޯ އާއި ފެން ކްލަބް ބައްދަލުކުރާ މެޗެވެ. މި މެޗުތައް ފަށާނީ 21:30 ގަ އެވެ.












