ކްލަބް މޯލްޑިވްސް ކަޕްގައި އެންމެ ފަހުގެ ޗެމްޕިއަން، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ރެކްރިއޭޝަން ކްލަބް (އާރްއާރްސީ) އާއި އަންހެން ޑިވިޝަނުގެ މުބާރާތް، 18/30 ފުޓްސަލް ފިއެސްޓާގެ އެންމެ ފަހުން ތިން ފަހަރު ތަށި އުފުލާލި އެމްޕީއެލް މި ފަހަރުގެ މުބާރާތުގައި ވެސް ފެންނަނީ ވަރުގަދަ ކޮށެވެ.
ދެ ފަހަރެއްގެ މަތިން ފަސްކުރަން ޖެހުނު ރާއްޖޭގެ އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތް ކްލަބް މޯލްޑިވްސް ކަޕާއި 18/30 ފުޓްސަލް ފިއެސްޓާގެ ފުރަތަމަ ދުވަހު ޖުމްލަ ހަ މެޗެއް ކުޅޭނެ އެވެ. އެއީ ކްލަބް މޯލްޑިވްސް ކަޕްގެ ހަތަރު މެޗާއި 18/30 ފުޓްސަލް ފިއެސްޓާގެ ދެ މެޗެވެ.
މިއަދުގެ މެޗުތަކުގެ ތެެރެއިން އެންމެ ބޮޑު ސަމާލުކަމެއް ހުއްޓޭނެ ދެ މެޗަކީ ކްލަބް މޯލްޑިވްސް ކަޕްގައި އެންމެ ފަހުގެ ޗެމްޕިއަން އާރްއާރްސީ އާއި ސިޓީ ކައުންސިލް ބައްދަލުކުރާ މެޗާއި އެންމެ ފަހުގެ 18/30 ފުޓްސަލް ފިއެސްޓާގެ ފައިނަލުގައި ކުޅުނު ކްލަބް ވެމްކޯ އާއި އެމްޕީއެލް މި ފަހަރުގެ މުބާރާތުގެ ފުރަތަމަ މެޗުގައި ކުރިމަތިލާން ޖެހޭ މެޗަށެވެ.

މިދިޔަ އަހަރުގެ މުބާރާތުގައި އާރްއާރްސީގެ ގަބޭ (ކ) ބީއެމްއެލްގެ ސައްޓު ކައިރިން ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: އަދަދު
އާރްއާރްސީގެ ޓީމުން މުޅިން އަލަށް ކްލަބް މޯލްޑިވްސް ކަޕްގައި ވާދަކޮށް މިދިޔަ އަހަރު ތަށި އުފުލާލިއިރު، މި ފަހަރުގެ މުބާރާތަށް އެ ޓީމު ވަނީ އިތުރަށް ވަރުގަދަކޮށްފަ އެވެ. އެ ގޮތުން މީގެ ކުރިން ޔުނައިޓެޑް ބީއެމްއެލް ޓީމުގައި ހިމެނިގެން ކްލަބް މޯލްޑިވްސް ކަޕް ކާމިޔާބުކުރި އަލީ ހާފިޒް (ހާއްޕެ) އާއި އިބްރާހިމް ސިނާހު (ސިނާ) މި ފަހަރު ކުޅެނީ އާރްއާރްސީ އަށެވެ.
ވަރުގަދަ އަޒުމަކާ އެކު އާރްއާރްސީން ތަށި ދިފާއުކުރަން ނުކުންނައިރު، އެ ޓީމުގެ ކޯޗަކަށް ހުރީ ކްލަބް މޯލްޑިވްސް ކަޕްގައި ގިނަ ޓީމުތަކަކުން ފެނުނު ކޯޗެއް ކަމަށްވާ އަހުމަދު ނިސާމް (ފޯޓޯ) އެވެ. މިދިޔަ އަހަރު ފޮޓޯ ހުރީ ޓީމު ފެނަކައިގެ ކޯޗަކަށެވެ. މިދިޔަ ފަހަރު އާރްއާރްސީ އަށް ތަށި ހޯދައިދިން ކޯޗު އަބްދުﷲ ނަސީރު (އަބޯ) މި ފަހަރު ފެންނާނީ ފެނަކަ ޓީމުގެ ބެންޗުންނެވެ.
މިއަދު ހަވީރު 5 ޖަހާއިރު، އާރްއާރްސީން މި ފަހަރުގެ މުބާރާތުގައި ކުޅޭ ފުރަތަމަ މެޗުގައި ކުޅޭނީ ސިޓީ ކައުންސިލާ އެވެ. ސިޓީ ކައުންސިލް ޓީމުގައި ފުރަތަމަ ޑިވިޝަނުގައި ކްލަބް އީގަލްސް އަށް ކުޅުނު މުހައްމަދު ނާއިމް، ސުޕަ ޔުނައިޓެޑް ސްޕޯޓްސްގެ އައިހަމް އަހުމަދު އަދި ޓީސީ ސްޕޯޓްސް ކްލަބްގެ ހަމްދޫން އަބްދުލް ލަތީފް ހިމެނޭއިރު، އެ ޓީމުގެ ކޯޗަކީ ރާއްޖޭގެ ފުޓްބޯޅައިގެ ތަޖުރިބާކާރު މިޑްފީލްޑަރު، އަހުމަދު މުހައްމަދު (އައްމަޑޭ) އެވެ.
މިއަދު ހަވީރު 5 ޖަހާއިރު، ކުޅޭ އަނެއް މެޗުގައި ކްލަބް ވެމްކޯ ބައްދަލުކުރާނީ ޓީމު އެމްޓީސީސީއާ އެވެ. ކްލަބް މޯލްޑިވްސް ކަޕްގައި މިރޭ އޮތީ ގްރޫޕް ބީގައި މޯލްޑިިވިއަން އާއި މީޑިއާނެޓް ކުޅޭ މެޗާއި ގްރޫޕް އޭގައި ކްލަބް ފެން އާއި މިފްކޯ ރެކްރިއޭޝަން ކްލަބް ކުޅޭ މެޗެވެ. އެ ދެ މެޗު ފަށާނީ 20:30 ގަ އެވެ.

މިދިޔަ ފަހަރު ކްލަބް މޯލްޑިވްސް ކަޕްގައި ޕޮލިސްގެ ދެ ކުުޅުންތެރިން ކައިރިން އެމްޕީއެލްގެ ސާލިޔާ ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ
އެންމެ ފަހުން ތިން ފަހަރު ކްލަބް މޯލްޑިވްސްގެ އަންހެން ޑިވިޝަން، 18/30 ތަށި އުފުލާލި އެމްޕީއެލް އިން މި ފަހަރުގެ މުބާރާތަށް ނުކުންނައިރު، ފޭވަރިޓަކީ އެ ޓީމެވެ. މުހައްމަދު ޝާހީންގެ ކޯޗުކަމުގައި މި ފަހަރު އެމްޕީއެލް އިން ކުޅޭއިރު، އެ ޓީމުގެ ކުޅުން އެންމެ ބޮޑަށް ބިނާވާނީ ޓީމުގެ ކެޕްޓަން ފާތިމަތު ސާލިޔާ އާއި ފާތިމަތު ޖޫޒާން ޒަރީރު އަށެެވެ.
އެންމެ ފަހުން ތިން ފަހަރު، އެމްޕީއެލް އަންހެން ޓީމުން ތަށި އުފުލާލީ އަހުމަދު ވިސާލް (އަންދު)ގެ ކޯޗުކަމުގަ އެވެ.
18/30 ފުޓްސަލް ފިއެސްޓާގެ އަންހެން ޑިވިޝަން މި ފަހަރު ކުރިއަށްދަނީ ފަސް ޓީމުގެ މެދުގައި ލީގު ބުރެއް ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމެއް ސެމީ އަށް ދާ ގޮތަށެވެ. އެ އަށް ފަހު ސެމީން މޮޅުވާ ދެ ޓީމެއްގެ މެދުގައި ފައިނަލް ކުޅޭނެ އެވެ.
އެމްޕީއެލް އިން ޖެހިޖެހިގެން ހަތަރު ފަހަރު ތަށި ހޯދަން ބަލާއިރު، އެންމެ ބޮޑު ޗެލެންޖެއް ކުރިމަތިވާނެ ކަމަށް ބެލެވެނީ ވެމްކޯ އާއި ދިވެހި ސިފައިންގެ ކްލަބްގެ ފަރާތުންނެވެ. ސިފައިންގެ ކްލަބް މި ފަހަރު ވެސް ކުޅެނީ ބަންގްލަދޭޝް އަންހެން ޓީމުގެ ކެޕްޓަން ސަބީނާ ހަތުން އާއި ބަންގްލަދޭޝްގެ އަނެއް ކުޅުންތެރިޔާ، މަތުސުމީ ސުމަައްޔާ ޓީމުގައި ހިމަނައިގެންނެވެ. ވެމްކޯ ވެސް ކުރިން ފަހަރެކޭ އެއްގޮތަށް ވަރުގަަދަކޮށް ފެންނައިރު، ފެނަކަ ޓީމުގައި ވެސް ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން ހިމެނެ އެވެ.
18/30 ފުޓްސަލް ފިއެސްޓާގެ މެޗުތައް އޮތީ މިރޭ އެވެ. އެ ގޮތުން މިރޭ 20:05 ގައި އެމްޕީއެލް ކުޅޭނީ ވެމްކޯއާ އެވެ. ހަމަ އެ ވަގުތު ސިފައިންގެ ޓީމުން ފެނަކައާ ވާދަކުރާނެ އެވެ.












