އަންނަ ނޮވެމްބަރު މަހު ބާއްވާ ފުޓުބޯޅަ ވޯލްޑް ކަޕަށް ނެރޭ ލަވައެއްގައި ބޮލީވުޑްގެ މަޝްހޫރު ތަރި ނޯރާ ފަތެހީ ފެންނާނެ ކަމަށް ނޫސްތަކުން ބުނެފި އެވެ.
ކޮންމެ ހަތަރު އަހަރަކުން ބާއްވާ ވޯލްޑް ކަޕަށް ރިލީޒް ކުރާ އެ ލަވައިގައި ނޯރާގެ އިތުރުން ބައެއް އެހެން ފަންނާނުން ވެސް ބައިވެރިވާނެ އެވެ. ނޯރާއަކީ މޮރޮކަން ކެނޭޑިއަން މީހެއް ނަމަވެސް އޭނާ ވެގެންދާނީ ވޯލްޑް ކަޕް ލަވައެއްގައި ބޮލީވުޑް ތަމްސީލު ކުރާ ފުރަތަމަ މީހާއަށެވެ.
ގަތަރުގައި މިފަހަރު ބާއްވާ ހޫނު މޫސުގެ ވޯލްޑް ކަޕުގެ ނިންމުމުގެ ހަފްލާފައި ވެސް ނޯރާ ބައިވެރިވާނެ އެވެ. އެ ހަފްލާގައި އޭނާ ހިންދީ ބަހުން ލަވައެއް ކިޔުމަށް ހަމަޖެހިފައިވާ ކަމަށްވެ އެވެ.
މިފަހަރުގެ ވޯލްޑް ކަޕުގެ ރަސްމީ ލަވަޔަކީ "ހައްޔާ ހައްޔާ" އެވެ. އެ ލަވަ ކިޔާފައި ވަނީ ގަތަރުގެ ތަރި އައިޝާ އާއި ނައިޖީރިއާގެ ރެޕް ކިޔުންތެރިޔާ ޑޭވިޑޯ އާއި އެމެރިކާގެ ޓްރިނިޑާޑް ކާޑޮނާ އެވެ.
ނޯރާއަކީ 2014 ވަނަ އަހަރުން ފެށިގެން ބޮލީވުޑްގެ ފިލްމުތަކުގައި މަސައްކަތް ކުރަމުން އަންނަ ފަންނާނެކެވެ. އޭނާ މަޝްހޫރުވެފައި ވަނީ ފިލްމުތަކުގެ އައިޓަމް ސޯންގްސްގައި އެކްޓު ކުރާ މީހެއްގެ ގޮތުގަ އެވެ. އޭނާ މަޝްހޫރީ ނެށުމާއި މޮޑެލް ކުރުމަށެވެ. ނަމަވެސް ފިލްމުތަކުގައި އެކްޓު ވެސް ކޮށްފައި އެބަހުއްޓެވެ.

ނޯރާއަކީ މޮރޮކޯގެ އާއިލާއަކަށް ނިސްބަތްވާ މީހެކެވެ. ނަމަވެސް އޭނާ އާއި އާއިލާ ދިރުއުޅުނީ ކެނެޑާގަ އެވެ. ބައެއް އިންޓަވިއުތަކުގައި ނޯރާ ބުނެފައި ވަނީ އޭނާއަކީ މޮރޮކޯއަށް ނިސްބަތްވާ ކެނެޑާގައި އުޅެބޮޑުވި މީހެއް ނަމަވެސް ހިތުގެ އަޑިން އޭނާއަކީ އިންޑިއާ ރައްޔިތެއް ކަމަށެވެ.
ވޯލްޑް ކަޕް ލަވައަކީ އެ މުބާރާތް ބަލާ މީހުންގެ ތެރޭގައި ކޮންމެ ފަހަރަކު ވެސް ވަރަށް މަޝްހޫރުވާ ލަވައެކެވެ. އެންމެ ފުރަތަމަ ވޯލްޑް ކަޕް ލަވައެއް ހެދީ 1962 ވަނަ އަހަރު އެ މުބާރާތް ޗިލީގައި ބޭއްވި ފަހަރެވެ. އެފަހަރު ނެރެފައި ވަނީ "އެލް ރޮކް ޑެލް މުންޑިއާލް" ނަމަކަށް ކިޔާ ސްޕެނިޝް ލަވަޔެކެވެ.
ވޯލްޑް ކަޕުގެ ލަވަތަކުގެ ތެރެއިން ރިކީ މާޓީން 1998 ވަނަ އަހަރުގެ މުބާރާތުގައި ކީ "ދަ ކަޕް އޮފް ލައިފް" އާއި 2010 ވަނަ އަހަރުގެ މުބާރާތުގައި ޝަކީރާ ކީ "ވަކަވަކަ" އަކީ ފާހަގަކޮށްލެވޭ ލަވަތަކެކެވެ.









