ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް 40 އަހަރު ފުރުމުގެ ގޮތުން ކުރިއަށްގެންދާ ހާއްސަ ހަރަކާތްތަކުގެ ތެރެއިން ހެކަތަންއެއް ބާއްވަން ނިންމައިފި އެވެ.
އިނޮވޭޝަން ލެބަ ބައިވެރިވުމަށް ކުރިއަށްގެންދާ މި ހެކަތަން ބާއްވާނީ 'ބޭންކިންގ ސޮލިއުޝަންސް ޓު އެންހޭންސް ކަސްޓަމަރ އެކްސްޕީރިއެންސް' ތީމަށް އެ ބޭންކުން ބުނެ އެވެ. މިއީ މުޅި އަހަރަށް އަމާޒުކޮށް އެ ބޭންކުން ކުރިއަށްގެންދާ 12 ހަރަކާތުގެ ތެރެއިން ނޮވެމްބަރު މަހަށް ހާއްސަކޮށް ބާއްވާ ހަރަކާތެކެވެ.
މި އިވެންޓުގައި ބައިވެރިވުމުގެ ފުރުސަތު އާންމުންނަށާއި ޓީމުތަކަށް ވެސް ހުޅުވާލާފައިވާއިރު ފިންޓެކްގެ ދާއިރާއިން އީޖާދީ ހިޔާލުތަކާއި ހައްލުތައް ހޯދުމަށް 48 ގަޑިއިރަށް ހެކަތަން ކުރިއަށްދާނެ އެވެ.
"މި ހެކަތަންގެ އެހީގައި ރާއްޖޭގެ ޓެކް ކޮމިއުނިޓީ މެދުވެރިކޮށް ކަސްޓަމަރުންނަށް ދޭ ހިދުމަތް އިތުރަށް ފުޅާކުރުމަށް ބޭންކިންގ ސޮލިއުޝަންސް ފޯރުކޮށްދިނުމާއި އަދި އެންމެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރެވިގެން ދިޔުމަކީވެސް އަޅުގަނޑުމެންގެ އަމާޒު. ހެކަތަން ކާމިޔާބު ކުރާ ޓީމުތަކުން ހުށަހަޅާ ހިޔާލު ހަގީގަތަކަށް ހެދުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް އަޅުގަނޑުމެންގެ އިނޮވޭޝަން ލެބްގައި އިންތިޒާމްވެގެންދާނެ،" މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ އެކްޓިން އެމްޑީ އާއިޝަތު ނޫރައްދީން ވިދާޅުވި އެވެ.
އޮންލައިންކޮށް ރެޖިސްޓްރީވާން ހުޅުވާލާފައިވާއިރު ފުރުސަތު ލިބޭނީ އެންމެ ފުރަތަމަ ރެޖިސްޓްރީވާ 50 ބައިވެރިންނަށް ކަމަށް އެ ބޭންކުން ބުނެ އެވެ. އަދި، ހެކަތަން ފަށާނީ އޮކްޓޯބަރު 14، ގެ 14:00 ގައި ހޮޓެލް ޖެންގައި ކަމަށް ވެސް ބީއެމްއެލް އިން މައުލޫމާތު ދެ އެވެ.
މި ހެކަތަންގައި 3 ޓީމު ހޮވައި މި ޓީމްތަކުން ހުށަހަޅާ ހިޔާލު ކާމިޔާބުކަމާއެކު ނިންމާލުމަށް ބީއެމްއެލް އިނޮވޭޝަން ލެބްގައި މަސައްކަތްކުރުމަށް ހަ މަސް ދުވަހުގެ މުއްދަތެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
މި މުއްދަތުގެ ތެރޭގައި ކާމިޔާބުކުރާ ފަރާތަށް މަސައްކަތްކުރުމަށް ހާއްސަ އޮފީހަކާއި ކޮންމެ ޓީމަކަށް ވެސް އެލަވަންސްގެ ގޮތުގައި 20،000ރ. ދޭނެ އެވެ. އަދި، ޑިވެލޮޕްކުރާ ސޮލިއުޝަންއަށް ދިގު މުއްދަތެއްގެ މެއިންޓެނަންސް ކޮންޓްރެކްޓެއް ބޭންކުން ދޭނެ އެވެ.










