ހޮލީވުޑް ފިލްމެއްގެ ސެޓު ތެރެއިން ޕްރޮޑިއުސަރު އަދި އެކްޓަރު އެލެކް ބޯލްޑްވިން އޮޅިގެން ބަޑި ޖެހުމުން މަރުވި ސިނެމެޓޮގްރާފަރު ހެލީނާ ހަޗިންސްގެ އާއިލާއާ އެކު އެއްބަސްވުމަކަށް ގޮސް އަލުން ޝޫޓިން ފަށަން ނިންމައިފި އެވެ.
ފިލްމު "ރަސްޓް"ގެ މަންޒަރުތައް އަލުން ޝޫޓު ކުރަން ފަށާނީ އަންނަ ޖެނުއަރީ މަހު ހެލީނާ ހަޗިންސްގެ ފިރިމީހާ، މެތިއު އެގްޒެކްޓިވް ޕްރޮޑިއުސަރެއްގެ ގޮތުގައި ހަމަޖައްސައިގެންނެވެ.
ބޯލްޑްވިން އާއި ޕްރޮޑިއުސަރުން އަދި ބައެއް އެހެން ކްރޫ މެމްބަރުންނާ ދެކޮޅަށް ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނީ ފިލްމު އިންޑަސްޓްރީގެ ގަވާއިދުތަކާ ހިލާފަށް ސެޓުގައި އަމަލު ކުރި ކަމަށެވެ.
އެކަމަކު ހަޗިންސް މަރުވީ އޮޅުމެއްގެ ތެރެއިން ކަމަށް ހުރިހާ އެންމެން ވެސް އެއްބަސްވާ ކަމަށް އޭނާގެ ފިރިމީހާ ބުނެ އެވެ. ކޯޓުން ބޭރުން މައްސަލަ ހައްލު ކުރަން ނިންމި އެއްބަސްވުމުގެ ތަފްސީލް ހާމައެއް ނުކުރެ އެވެ.
މިދިޔަ އޮކްޓޯބަރު މަހު ހެލީނާ ހަޗިންސް މަރުވި ހާދިސާގައި ފިލްމުގެ ޑިރެކްޓަރު ޖޮއެލް ސޫޒާއަށް ވެސް އަނިޔާވި އެވެ. ބޯލްޑްވިން ބުނީ ބަޑީގެ ޓްރިގަރަށް އޭނާ ނުފިތާ ކަމަށާއި އެކަން ހިނގީ އޮޅުމަކުން ކަމަށެވެ.











