ފަތުރުވެރިންނަށް ފަސޭހަކަމާއެކު ޓެލެކޮމިއުނިކޭޝަން ހިދުމަތްތައް ދިނުމަށް އުރީދޫ މޯލްޑިވްސްއިން ޖަލްބޫޓް މޯލްޑިވްސްއާއެކު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އުރީދޫ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި އުރީދޫ މޯލްޑިވްސްގެ އެމްޑީ އަދި ސީއީއޯ ހާލިދު އަލް ހަމާދީ ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ޖަލްބޫޓް މޯލްޑިވްސްގެ އެމްޑީ މޮހަމަދު ރޮއެސްތަލީ ވެސް އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އެވެ.
ޖަލްބޫޓް މޯލްޑިވްސްއަކީ ރާއްޖޭގެ މެރިން ސާވިސަސްގައި ކުރިއަރަމުން އަންނަ ކުންފުންޏެކެވެ.
ޖަލްބޫޓް މޯލްޑިވްސްއާއެކު އުރީދޫން މިއަދު ސޮއިކުރި ސްޓްރެޓީޖިކް ޕާޓްނާޝިޕްގެ ދަށުން ޖަލްބޫޓް މޯލްޑިވްސް ގެ އުޅަނދުތަކުގައި ދަތުރު ކުރާ ފަތުރުވެރިންނަށް ފަސޭހަކަމާއެކު މުވާސަލާތީ ހިދުމަތްތައް ފަހިކޮށްދޭނެ ކަމަށް އުރީދޫން ބުނެ އެވެ.
މި ޕާޓްނަރޝިޕް އެކުލަވާލާފައިވަނީ ފަތުރުވެރިން ރާއްޖޭގައި ތިބޭ މުއްދަތުގައި ކަސްޓަމަރުން މުވާސަލާތީ ހިދުމަތްތައް ހޯދުމުގައި ލުއި ގޮތްތަކެއް ހޯދައިދީ، ފަތުރުވެރިންގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރުމުގެ މަގުސަދުގައި ކަމަށް އުރީދޫން ބުންޏެވެ.
"މި ޑިޖިޓަލް ޒަމާނުގައި އިތުބާރު ހުރި ޓެލެކޮމް އަދި އިންޓަނެޓްގެ ހިދުމަތް ލިބުމަކީ ވަރަށް މުހިންމު ކަމެއް. އަދި ޖަލްބޫޓް މޯލްޑިވްސްއާއެކު މި ސްޓްރެޓީޖިކް ޕާޓްނަޝިޕްގެ ދަށުން، އަޅުގަނޑުމެންގެ އަމާޒަކީ ފަތުރުވެރިންނަށް ސީދާ ބޯޓުތަކުން ސިމް ކާޑު ބައްލަވައިގަތުމުގެ ލުއި ގޮތްތަކެއް ހަމަޖައްސައިދިނުން،" އުރީދޫ މޯލްޑިވްސްގެ އެމްޑީ ހާލިދު އަލްހަމާދީ ވިދާޅުވި އެވެ.
އުރީދޫ އަކީ ކުރިއަރަމުން އަންނަ ޑިޖިޓަލް ހިދުމަތްތައް ފޯރުކޮށްދިނުމުގައި މުހިންމު އިސްރޯލެއް އަދާ ކުރާ ކުންފުންޏެއް ކަމަށް ފާހަގަކުރައްވާ ޖަލްބޫޓް ކުންފުނީގެ އެމްޑީ މޮމަދު ރޮއެސްތަލީ ވިދާޅުވީ މި ޕާޓްނަޝިޕާއެކު ފަތުރުވެރިންގެ ތަޖުރިބާ އިތުރަށް ފުރިހަމަވެގެން ދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
އެ އެއްބަސްވުމުގެ ދަށުން ޖަލްބޫޓް މޯލްޑިވްސްގެ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު އެއްވެސް ކައުންޓަރަކަށް ނުވަތަ ފިހާރައަކަށް ދިއުމުގެ އުނދަގުލެއް ނެތި ސީދާ ބޯޓުތަކުން އުރީދޫގެ ޓުއަރިސްޓް ސިމް ކާޑު ލިބޭނެ އެވެ.
ޖަލްބޫޓް މޯލްޑިވްސް އަކީ ފެންވަރު ރަނގަޅު، ފުރިހަމަ އިންޓަގްރޭޓެޑް މެރިން ސޮލިއުޝަންތައް ކަމަށްވާ ވޯޓާ ޓްރާންސްޕޯޓް، މެރީނާ މެނޭޖްމަންޓް، ކަސްޓަމް ބޯޓުތައް ޑިޒައިންކޮށް އުފެއްދުމާއި، ވޯޓާ ސްޕޯޓްސް އަދި ލަގްޒަރީ ޗާޓަރު ދަތުރުތައް ކުރުން ފަދަ ހިދުމަތް ފޯރުކޮށްދިނުމަށް ހާއްސަ ކުންފުންޏެކެވެ.
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް 50 އަހަރު ފުރުން ފާހަގަކުރަމުންދާއިރު، ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް މި ދާއިރާއަށް އެއްބާރުލުންދީ، ޓުއަރިސްޓުން ރާއްޖޭގައި ތިބޭ މުއްދަތުގައި އާއިލާއާއި ރައްޓެހިންނާއި ގުޅުވާލަދީ، އީޖާދީ ހިދުމަތްތަކާއެކު ފަތުރުވެރިކަމުގެ ސިނައަތައް އިތުރު ފުރިހަމަކަމާއި ކުރިއެރުން ހޯދައިދިނުމުގައި ދެމިތިބޭނެ ކަމަށް އުރީދޫން ބުނެ އެވެ.










